ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުމުގެ މައްސަލާގައި ސަން ޓްރެވަލްސަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ހުކުމް ކުރިޔަސް އެއީ ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ހިލްޓަނުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
01 އޯގަސްޓް 2017
ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުމުގެ މައްސަލާގައި ސަން ޓްރެވަލްސަށް 16 މިލިއަން ޑޮލަރު ދައްކަން ހިލްޓަން އިންޓަނޭޝަނަލްގެ މައްޗަށް ހުކުމް ކުރިޔަސް އެއީ ދައްކަން ޖެހޭނެ ފައިސާއެއް ނޫން ކަމަށް ހިލްޓަނުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ސަން ޓްރެވަލްސްގެ އިރުފުށި ރިސޯޓް ހިންގުމާ ބެހޭ ގޮތުން ހިލްޓަނާ އެކު ވެފައިވާ އެއްބަސްވުމުގެ މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 16.6 މިލިއަން ޑޮލަރު (255 މިލިއަން ރުފިޔާ) ސަން ޓްރެވަލްސަށް ދައްކަން ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރިއިރު ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ހިލްޓަނަށް 26 މިލިއަން ޑޮޮލަރު (400 މިލިއަން ރުފިޔާ) ދައްކަން ސަން ޓްރެވަލްސަށް، އޭގެ ކުރިން، އަމުރުކޮށްފަ އެވެ.
ސަން ޓްރެވަލްސަށް 16 މިލިއަން ޑޮލަރު ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް ހިލްޓަނުން އިސްތިއުނާފް ކުރުމުން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ހިލްޓަންގެ ވަކީލް ޝަހުދީ އަންވަރު ވިދާޅުވީ ސިވިލް ކޯޓުން މައްސަލަ ބެލީ ސިންގަޕޫރު އާބިޓްރޭޝަނުން އެކަމުގައި ގޮތެއް ނިމިފައި ވަނިކޮށް ކަމަށާއި އެއީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި އެ ނުކުތާ ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށް ވެސް ޝަހުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމާ މެދު ޚިލާފެއް އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމަން ޖެހޭނީ އާބިޓްރޭޝަނުން ކަމަށް އެއްބަސްވުމުގައި ބަޔާން ކޮށްފައި ވަނިކޮށް އެއާ ޚިލާފަށް އެހެން ކޯޓެއްގައި މައްސަލަ ނުބެލޭނެ ކަމަށެވެ. އަދި ސިވިލް ކޯޓަށް ސަން ޓްރެވަލްސުން ހުށަހެޅި އެ ދައުވާގައި ހިމަނާފައިވާ ކަންކަމާ މެދު އާބިޓްރޭޝަނުން ކުރިން ގޮތެއް ނިންމާފައިވާ ކަމަށް ވިދާޅުވެ، ޝަހުދީ އެދިވަޑައިގަތީ ސިވިލް ކޯޓުގެ ހުކުމް ބާތިިލްކޮށް ދިނުމަށެވެ.
އެއްބަސްވުން ބާތިލްކުރީ ހިލްޓަނުން މަކަރު ހެދުމުން ކަމަށް ސަން ޓްރެވަލްސުން ސިވިލް ކޯޓުގައި ބުނިއިރު އެފަދަ ކަމެއް އެ މުއާމަލާތުގައި ނުހިމެނޭ ކަމަށް އާބިޓްރޭޝަނުން ކުރިން ނިންމާފައި އޮތްކަން، އާބިޓްރޭޝަންގެ ނިންމުމާ ހަވާލާ ދެއްވައިި، ޝަހުދީ ވިދާޅުވި އެވެ. ސިވިލް ކޯޓަށް ހުށަހެޅީ އާބިޓްރޭޝަނާ ތަފާތު މައްސަލައެއް ކަމަށް ސަން ޓްރެވަލްސުން ބުންޏަސް އެއީ އާބިޓްރޭޝަނުން ގޮތެއް ނިންމާފައިވާ މައްސަލައެއް ކަން ހައި ކޯޓުގައި އޭނާ ފާހަގަކުރެއްވި އެވެ.
ސަން ޓްރެވަލްސްގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ ސިވިލް ކޯޓުން ބެލީ އެއްބަސްވުމުގައި ސޮއި ކުރުމުގައި ހިލްޓަނުން މަކަރުހަދައި، އޮޅުވާލި މައްސަލައެއް ކަމަށާއި އެއީ އާބިޓްރޭޝަނާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އަދި ހިލްޓަނާ އެއްކޮޅަށް އާބިޓްރޭޝަނުން ނިންމި ނިންމުން ތަންފީޒު ކުރުމާ މިކަމާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެއްބަސްވުމެއްގައި އާބިޓްރޭޝަންގެ މާއްދާއެއް އޮތުމަކީ އެކަމާ ގުޅޭ މައްސަލަތައް ބެލުމަށް ރާއްޖޭގެ ކޯޓުތަކަށް އޮތް ޑޮމެސްޓިކް ޖުޑިސްޓްރިކްޝަނަށް ހުރަސް އެޅޭނެ ކަމެއް ނޫން ކަން ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައި ދިނުމަށެވެ.
އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ހިލްޓަނާ އެއްކޮޅަށް އެ މައްސަލާގައި އާބިޓްރޭޝަނުން ނިންމި ނިންމުން ތަންފީޒުކުރަން ސިވިލް ކޯޓަށް ކުރިން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ މައްސަަލަ އެ ކޯޓަށް ނުބެލޭނެ ކަމަށާއި އެ މައްސަލަ ބެލޭނީ ހައި ކޯޓަށް ކަމަށް ނިންމައިފަ އެވެ. އެ މައްސަލަ ހިލްޓަނުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެންގީ އެ މައްސަލަ ބަލަން ޖެހޭނީ ސިވިލް ކޯޓުން ކަމަށެވެ.
ހިލްޓަނަށް ލިބެން ޖެހޭ ކަމަށް އާބިޓްރޭޝަނުން ކަނޑައަޅާފައިވާ ބަދަލު ހޯދަން އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ އިރު ސަން ޓްރެވަލްސުން ބުނަމުން ދަނީ އާބިޓްރޭޝަންގެ އެ ނިންމުން ރާއްޖޭގައި ތަންފީޒު ނުކުރެވޭނެ ކަމަށެވެ.
28 މިލިއަން ޑޮލަރު ދޭން ސަންއަށް އެންގީ ގޯސްކޮށް
ސިވިލް ކޯޓުން ހިލްޓަނަށް ބަދަލު ނަގައިދޭން ހުކުމްކޮށްފި
ހިލްޓަނަށް ސަންއިން ފައިސާ ދިނުން ފަސްކުރަން އަމުރެއް
ހިލްޓަނަށް ދެހަފުތާ ތެރޭ ފައިސާ ދޭން ސަންއަށް ޖެހިއްޖެ
ސަންގެ އެކައުންޓްތައް ހިފެހެއްޓީ ރަނގަޅަށް: ހައި ކޯޓު
ސަން ޓްރެވަލްސް އަށް ބަދަލުދޭން ކުރި ހުކުމް ބާތިލް
ހިލްޓަންގެ 16 މިލިއަން ޑޮލަރުގެ މައްސަލަ ހުކުމަށް
ސަން ޓްރެވަލްސް ގޮވައިގެން ސިންގަޕޫރު ސުޕްރީމް ކޯޓަށް
އާބިޓްރޭޝަންގެ ނިންމުން ތަންފީޒެއް ނުކުރެވޭނެ: ސަން
ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފު ކުރާނަން: ހިލްޓަން