Roadha Mihaaru

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލެ އަށް ޖައްސަން ފަށަނީ

ބަލި މީހުން ގޮވައިގެން ރަށްރަށުން މާލެ އަންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލޭގެ ފަތާ ފެންގަނޑު ހިމެނޭ ސަރަހައްދު ނުވަތަ އުސްފަސްގަނޑުގައި އަޅާފައިވާ ހެލިޕޭޑަށް ޖައްސާ ގޮތަށް ނިންމައިފި އެވެ.

އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލެ އަށް ޖައްސަން ފަށަނީ
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

09 ސެޕްޓެމްބަރ 2017

ބަލި މީހުން ގޮވައިގެން ރަށްރަށުން މާލެ އަންނަ އެމްއެންޑީއެފްގެ ހެލިކޮޕްޓަރު މާލޭގެ ފަތާ ފެންގަނޑު ހިމެނޭ ސަރަހައްދު ނުވަތަ އުސްފަސްގަނޑުގައި އަޅާފައިވާ ހެލިޕޭޑަށް ޖައްސާ ގޮތަށް ނިންމައިފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެ އަށް ހަދިޔާކޮށްފައިވާ މި ހެލިކޮޕްޓަރު މިހާރު ޖައްސަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ނަމަވެސް ހެލިކޮޕްޓަރު މާލެ އަށް ޖައްސަން ފެށުމުގެ ގޮތުން މިއަދު މެންދުރު ވަނީ ޓެސްޓް ދަތުރެއް ކޮށް، އުސްފަސްގަނޑުގެ ހެލިޕޭޑަށް ހެލިކޮޕްޓަރު ޖައްސައިފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ ހެލިކޮޕްޓަރު ސީދާ މާލެ އަށް ޖެއްސޭ ގޮތް ވުމަކީ ބަލި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ވަރަށް އަވަހަށް އެގޮތަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އެމްއެންޑީއެފް ހެލިކޮޕްޓަރު ޓެސްޓް ލޭންޑިންއެއް މިކުރީ. އިތުރު ސަލާމަތީ ކަންކަން ބަލައި ނިންމައިގެން އެ އޭރިއާ ހެލިޕެޑް ގޮތުގައި ބޭނުންކުރަން ފަށާނެ،" އާޒިމް ވިދާޅުވިއެވެ.

ދާދި ފަހުން ވަނީ ރަށަކުން ބަލި މީހަކު ގޮވައިގެން އައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައި، ފްލައިޓަށް އަރާ ސިޑިއެއްގައި ހެލިކޮޕްޓަރުގެ ފިޔަގަނޑު ޖެހި މީހަކަށް ވަނީ އަނިޔާވެފަ އެވެ.

މި ހެލިކޮޕްޓަރު އަދިވެސް ދުއްވަނީ އިންޑިއާ ސިފައިންނެވެ.