Roadha Mihaaru
ބައި އިލެކްޝަން ބާއްވާނެ ފައިސާ ބަޖެޓަކު ނެތް!

ބައި އިލެކްޝަން ބާއްވާނެ ފައިސާ ބަޖެޓަކު ނެތް!

04 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ހަ ދާއިރާގެ ގޮނޑި އަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަން ލަސްވަނީ ފައިސާ ހަމަނުޖެހިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ހަ ދާއިރާގެ ގޮނޑި އަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވަންޖެހޭ ބައި އިލެކްޝަން ލަސްވަނީ ފައިސާ ހަމަނުޖެހިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ވެރިކަންކުރާ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ދެބަސްވުންތަކުގައި، ރައްޔިތުންގެ މަޖިލީހުގެ ހަ މެމްބަރަކު މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އެއީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދު މަޖިލީހުގައި ފުރުއްވި ގޮނޑި އެވެ.

މި ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އެކަމަކު މިހާތަނަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި ހަ ދާއިރާއެއްގެ އިންތިހާބަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އީސީން ވަނީ ލަފާކޮށްފަ އެވެ. ކޮމިޝަންގެ ބަޖެޓުން އިންތިހާބުތައް ބޭއްވެން ނެތިގެން އެ ފައިސާ ހަމަޖައްސައިދޭން އިލެކްޝަނުން ވަނީ ފިނޭންސް މިނިސްޓްރީގައި އެދިފަ އެވެ. އިންތިހާބު ލަސްވަނީ އެ ފައިސާ ހަމަޖައްސަން ފިނޭންސަށް ވެސް ދަތިތަކެއް ކުރިމަތިވެގެން ކަން "މިހާރު" އަށް ވަނީ އެނގިފައިވެ އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އައިމަން މިއަދު ވިދާޅުވީ ބައި އިލެކްޝަންތައް ބޭއްވުމާ ގުޅޭ ގޮތުން އީސީން ފޮނުވި ސިޓީ އަށް މިހާރު ޖަވާބު ދީފައިވާނެ ކަމަށެވެ. އޭގެ ތަފްސީލެއް ވިދާޅެއް ނުވި އެވެ.

ހުސްވެފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ގާނޫނުތައް ބުނާ ތާރީހުތައް ވެސް މިހާރު ވަނީ ފަހަނައަޅައިފަ އެވެ.

ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. އަދި ޕާޓީ ބަދަލު ކުރުމުގެ ސަބަބުން މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ގޮތްތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައިވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވަން ޖެހިއްޖެ ނަމަ، އެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން ގިނަވެގެން ފަސް ދުވަސް ތެރޭގައި، އެ އިންތިޚާބެއްގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ އެވެ.

ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް ވިޔަސް، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.