Roadha Mihaaru
މިލަންދޫ އިން ޓީސީ ހުއްޓުވައިފި

މިލަންދޫ އިން ޓީސީ ހުއްޓުވައިފި، ނިއު އަށް ހިތްހަމަޖެހުން!

01 ނޮވެމްބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. މިލަންދޫން ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ލަނޑެއް ނުޖެހި އެއްވަރުކުރުމުން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ބޮޑު ހިތްހަމަޖެހުން ލިބިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ށ. މިލަންދޫން ދެ ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ލަނޑެއް ނުޖެހި އެއްވަރުކުރުމުން އެއް ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ބޮޑު ހިތްހަމަޖެހުން ލިބިއްޖެ އެވެ.

ރޭ ގދ. ތިނަދޫ އަތުން 3-1 އިން މޮޅުވެ ނިއު އިން 30 ޕޮއިންޓް ހަމަކޮށް އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައިވާއިރު، އެ ލީޑު ދެ ޕޮއިންޓަށް ކުޑަކުރަން ލިބުނު ފުރުސަތު ޓީސީ އަށް މިވަނީ ގެއްލިފަ އެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ޓީސީގެ ޖުމްލަ 26 އަށް އެރިއިރު އެ ޓީމާ ނިއުއާ ދެމެދު މިހާރު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

އަނެއްކޮޅުން މިއަދު ހަވީރު އއ. މާޅޮސް އަތުން 6-0 އިން މޮޅުވި މާޒިޔާ އަށް ދަށްވެގެން ދެ ހޯދަން މިހާރު ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ. އެ ޓީމު 23 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޓީސީއާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ. ކޮންމެ ޓީމަކަށް ވެސް ލީގުގައި ބާކީ އޮތީ ތިން މެޗެވެ.

ކުޅިބަލަން ވަން ބަޔަކު މެޗުގެ ތެރޭގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއިލާ އަށް ނިސްބަތްކޮށް ހުތުރު އެއްޗެހި ކިއުމާ ގުޅިގެން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ފަހު ކަށިގަނޑާ އެކު ނިޒާމްބެ ވަނީ، އުތުރު ފަރާތު ސިޑި ބަރި (މަޖީދީމަގާވީ ފަޅި) އަށް އަރައި އެތާ ތިބި ކުޅިބެލުންތެރިންނަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މި ނަތީޖާއާ އެކު ލީގު ގެއްލުނީތޯ ސުވާލުކުރުމުން ނިޒާމްބެ ބުނީ ލީގު ގެއްލިގެން ނުވަތަ މެޗަކުން ބަލިވެގެން އަދި ނޫޅޭ ކަމަށާއި މިއުޅެނީ މި ދަނޑަކީ ބަޔަކަށް މެޗެއް ބަލާލެވޭ ވަރުގެ ތަނަކަށް ނުވެގެން ކަމަށެވެ.

"ލީގު ގެއްލުމަށް ވުރެ މާބޮޑު ކަމެއް މިއީ. އެންމެ ކުރީ ޒަމާނުއްސުރެ މިކަން މިހެން ހިނގަމުން ހިނގަމުން ދަނީ. މިތަނަށް އަލަށް ޓީމެއް އައިސްގެން އެ މީހުން މިތާގައި އެއްޗެއް ގޮވީމާ އެ މައްސަލަ މައްސަލައަކަށްވަނީ. ހަމަ ސަތޭކަ ޕަސެންޓް މަންމަ ނާންނާނެ މިތަނުން އެއިން މީހަކާ ދިމާލަށް ހަޑި ހުތުރު އެއްޗެހި ގޮވާކަށް. ލީގު ގެއްލިގެން ނޫޅެން. މެޗަކުން ބަލިވެގެން މެޗެއް ގެއްލިގެން އަދި އެކަމަކަށް ނޫން މި އުޅެނީ. މިއަށްވުރެ އެބަޖެހޭ މިތަން މިއީ ބަޔަކަށް އައިސް މެޗު ބަލާލެވޭވަރުގެ ކަމަކަށް ވާން،" ރުޅިގަދަވެފައި ހުރި ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ލީގެއް ނުގެއްލޭ ކަމަށާއި ﷲ އިރާދަކުރެއްވިއްޔާ ލީގު ވެސް ނަގާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ލީގު ލިބުނުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށާއި ސަތޭކަ ޕަސެންޓް އެނގޭ އެއްޗަކީ "އެ މީހުން ބަލިނުވެ މިކަން ނުނިމޭނެކަން" ކަމަށެވެ. އެ މީހުންނަކީ ކޮން ބައެއްތޯ އެހުމުން ނިޒާމްބެ ޖަވާބެއް ނުދެ އެވެ. އެކަމަކު އޭނާ އެ އިޝާރާތްކުރީ ނިއު އަށެވެ. ބެލެވޭ ގޮތުގައި ލީގު ޗެމްޕިއަންކަން ކަނޑައެޅޭނީ ނިއު އާއި ޓީސީ ކުޅޭ މެޗުންނެވެ.

ފުރަތަމަ ބުރުގައި ވެސް ޓީސީއާ އެއްވަރުކުރި މިލަންދޫގެ ކޯޗު މުހައްމަދު ނާސިރު ބުނީ މިއީ ވަރަށް މުހިއްމު ޕޮއިންޓެއް ކަމަށާއި ފުރަތަމަ ބުރުގެ ނަތީޖާ ތަކުރާރުކުރެވުމަކީ އޭނާ އާއި ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"ޓީމު މިހާރު މިއޮތީ ވަރަށް ރަނގަޅު ފޯމެއްގައި. ކުޅުންތެރިންގެ ބުރަ މަސައްކަތް މިއީ. މި މެޗުގައި 90 މިނެޓު ކުޅެ އޭގެ ފަހުން އެކްސްޓްރާ ޓައިމްގެ ގޮތުގައި އަށް މިނެޓު ދިނުމަށް ފަހު 10 މިނެޓު ކުޅުވި. އެކަމަކު ކުޅުންތެރިން އެ ޖޯޝުގައި ކުޅުނީތީ ޕޮއިންޓެއް ހައްގު،" ނާސިރު ބުންޏެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު އުފަލެއް ލިބުނީ ނާސިރުގެ ކުރީގެ ޓީމު ނިއު އަށް ކަމަށްވެފައި އެކަމާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ ލީގު ލިބެނީ ނިއުއަށްތޯ ނުވަތަ ޓީސީއަށްތޯ އޭނާ ނުވިސްނާ ކަމަށެވެ. އަދި އޭނާގެ ޓާގެޓަކީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް އައި ޓީމުތަކުގެ ތެރެއިން އެންމެ ފުލުގައި ނޯވެ މިލަންދޫ ސަލާމަތްކުރުން ކަމަށެވެ. މިލަންދޫ އޮތީ ހަތް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.

މިރޭގެ މެޗުގައި މިލަންދޫ އިން ވަނީ ފުރަތަމަ ބުރުގައި ދެއްކި ވަރުގަދަ ޑިފެންސިވް ކުޅުން ދައްކައިފަ އެވެ. ޓީސީން ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް މިލަންދޫގެ ގޯލްކީޕަރު މުހައްމަދު އިމްރާން ވަނީ ސަލާމަތްކޮށްފަ އެވެ. ހާއްސަކޮށް މެޗު ނިމިނިމި އޮއްވާ ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ) ފޮނުވާލި ނުރައްކާތެރި ހަމަލާ ފާހަގަކޮށްލެވެ އެވެ.