Roadha Mihaaru
އަލީބާބާއިން އެއް ދުވަހުން 25 ބިލިއަން ޑޮލަރު

އެއް ދުވަހުން 25 ބިލިއަން ޑޮލަރުގެ މުދާ ވިއްކައިގެން އަލީބާބާ ރެކޯޑް ހަދައިފި

13 ނޮވެމްބަރ 2017

ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ވެބްސައިޓް، އަލީ ބާބާ އިން އެއް ދުވަހުގެ ތެރޭގައި 25 ބިލިޔަަން ޑޮލަރުގެ މުދާ ވިއްކައިގެން ރެކޯޑް ހަދައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ޗައިނާގެ މަޝްހޫރު އޮންލައިން ވިޔަފާރި ވެބްސައިޓް، އަލީ ބާބާ އިން އެއް ދުވަހުގެ ތެރޭގައި 25 ބިލިޔަަން ޑޮލަރުގެ މުދާ ވިއްކައިގެން ރެކޯޑް ހަދައިފި އެވެ.

އަލީބާބާ އިން ރެކޯޑް އަދަދަކަށް މުދާ ވިއްކީ، 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ނޮވެމްބަރު 11 ވަނަ ދުވަހު އެ ކުންފުނިން ފާހަގަ ކުރަމުން އަންނަ "ސިންގަލްސް ޑޭ" އިވެންޓުގަ އެވެ. މި އިވެންޓަކީ، ކޮންމެ މީހަކު ވެސް އަމިއްލަ ނަފްސަށް ހަދިޔާއެއް ގަތުމަށް ބާރު އަޅާ އިވެންޓެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި އަހަރުގެ ސިންގަލްސް ޑޭ އިވެންޓަކީ، އޮންލައިން ވިޔަފާރީގެ ތާރީހުގައި އެއް ދުވަހުގެ ތެރޭގައި، އެއް ސައިޓަކުން އެންމެ ގިނަ މުދާ ވިއްކި ދުވަހެވެ. މިދިޔަ އަހަރު ސިންގަލްސް ޑޭގައި 17.8 ބިލިޔަން ޑޮލަރުގެ މުދާ ވިއްކައިގެން ވެސް ރެކޯޑް ހޯދި އެވެ.

އަލީބާބާ ގުރޫޕްގެ ވެރިޔާ ޖެކް މާ: ސިންގަލްސް ޑޭގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން.

އަލީބާބާ ގުރޫޕްގެ ވެރިޔާ ޖެކް މާ: ސިންގަލްސް ޑޭގެ ކާމިޔާބީ ފާހަގަ ކުރުމުގެ ތެރެއިން.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ސިންގަލްސް ޑޭ އިވެންޓް ފެށިތާ ތިން މިނެޓުގެ ތެރޭގައި 1.5 ބިލިޔަން ޑޮލަރުގެ މުދާ ވިއްކި އެވެ. އަދި ދެ ގަޑިއިރުގެ ތެރޭގައި 12 ބިލިޔަން ޑޮލަރުގެ މުދާ ވިއްކި އެވެ. އަދި 13 ގަޑިއިރުގެ ތެރޭ 18 ބިލިޔަން ޑޮލަރުގެ މުދާ ވިއްކި އެވެ.

މި އަހަރުގެ ސިންގަންލްސް ޑޭ އިވެންޓަށް އެހާ ޑިމާންޑް ބޮޑުވީ، އެ އިވެންޓް ޕްރޮމޯޓް ކުރި ގޮތުން ކަމަށް ބައެއް ތަޖުރިބާކާރުން ބުނެ އެވެ. އެގޮތުން މި އަހަރުގެ އިވެންޓް ޕްރޮމޯޓް ކޮށްފައިވަނީ އަލީބާބާގެ ވެރިޔާ ޖެކް މާ އެކްޓްކޮށްފައިވާ، "ގޮންގް ޝައު ޑާއޯ" ކިޔާ މާޝަލް އާޓްސް މޫވީއަކުންނެވެ.

ސިންގަލްސް ޑޭގެ ކާމިޔާބީ އެންމެ ބޮޑަށް ފާހަގަވާނީ، ދުނިޔޭގެ އެންމެ މަޝްހޫރު ވިޔަފާރީގެ ދެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވޭ "ބްލެކް ފްރައިޑޭ" އަދި "ސައިބާ މަންޑޭ"ގެ ސޭލްސްއާ އަޅާ ކިޔާލުމުންނެވެ. އެގޮތުން އަލީބާބާ އިން އެ ދެ ދުވަހު ކޮށްފައިވާ ވިޔަފާރި އެއްކޮށްލުމުން ވެސް އަރަނީ 6.45 ބިލިޔަން ޑޮލަރަށެވެ.