Roadha Mihaaru
ލުބުނާނުގެ ބޮޑު ވަޒީރު ބުދަ ދުވަހު ގައުމަށް ވަޑައިގަންނަވަނީ

ލުބުނާނުގެ ބޮޑު ވަޒީރު ބުދަ ދުވަހު ގައުމަށް ވަޑައިގަންނަވަނީ

19 ނޮވެމްބަރ 2017

ޕެރިސް (ނޮވެމްބަރު 19) - އަންނަ ބުދަ ދުވަހު ބޭރޫތަށް ވަޑައިގަންނަވާނެކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އިއުލާންކުރައްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕެރިސް (ނޮވެމްބަރު 19) - އަންނަ ބުދަ ދުވަހު ބޭރޫތަށް ވަޑައިގަންނަވާނެކަން ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އިއުލާންކުރައްވައިފި އެވެ.

މި މަހު 4 ވަނަ ދުވަހު ސައުދީގައި ހުންނަވާ ހަރީރީ އިސްތިއުފާ ދެއްވުމާ ގުޅިގެން ތަފާތު ގޮތްތަކަށް ވަނީ އަޑުތައް ފެތުރިފަ އެވެ. އެއް ބަޔަކު ބުނެފައި ވަނީ އޭނާ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށެވެ. ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެފައި ވަނީ ސައުދީގައި ހަރީރީ ބަންދުކޮށްފައިވާ ކަމަށެވެ. އެހެންވެ ހަރީރީގެ އިސްތިއުފާ ގަބޫލް ކުރަން އަޔޫން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް ފްރާންސްގެ ރައީސް އެމަނުއެލް މޭކަންގެ ދައުވަތަކަށް ޕެރިހަށް ވަޑައިގެން ހަރީރީ ވަނީ ލުބުނާނުގެ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އޭނާ ވަރަށް އަވަހަށް ބޭރޫތަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްތިއުފާ އިއުލާން ކުރައްވަމުން ހަރީރީ ވިދާޅުވެފައި ވަނީ އޭނާ އެ ފިޔަވަޅު އެޅުއްވީ އަމިއްލަ ސަލާމަތަށް ޓަކައި ކަމަށެވެ. އަދި ލުބުނާނުގެ ސަރުކާރުގައި ހިމެނޭ އީރާނުގެ މަދަދު ލިބޭ ހިޒްބުﷲ އިން ދަނީ މެދުއިރުމަތީގެ ހަމަނުޖެހުން ނަގާލަން މަސައްކަތް ކުރަމުން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ކާރު ބޮމުގެ ހަމަލާއެއްގައި ހަރީރީގެ ބައްޕާފުޅު ރަފީގު ހަރީރީ 2005 ވަނަ އަހަރު އަވަހާރަކޮށްލުމުގެ ތުހުމަތުގައި ހިޒްބުﷲ ގެ ބައެއް މެންބަރުންގެ މައްޗަށް ދަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ތަހުގީގު ހިންގަމުންނެވެ.