Roadha Mihaaru
ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި

ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި

22 ނޮވެމްބަރ 2017

ބޭރޫތު (ނޮވެމްބަރު 22) - ސައުދީ އަރަބިއާގައި ހުންނަ އިސްތިއުފާ އިއުލާން ކުރެއްވި ނަމަވެސް ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ނޮވެމްބަރު 22) - ސައުދީ އަރަބިއާގައި ހުންނަ އިސްތިއުފާ އިއުލާން ކުރެއްވި ނަމަވެސް ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ ގައުމަށް ވަޑައިގެން އިސްތިއުފާ މަޑުޖައްސާލައިފި އެވެ.

ހަރީރީ ވިދާޅުވީ އޭނާ އިސްތިއުފާ ދިނުން ލަސްކޮށްލީ އިތުރު މަޝްވަރާ އަށް ރައީސް މިޝޭލް އަޔޫން ބޭނުންފުޅުވާތީ ކަމަށެވެ. ދެ ބޭފުޅުން މިއަދު ވަނީ ބައްދަލު ކުރައްވައިފަ އެވެ.

ހަރީރީ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ހަރީރީ ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ. ލުބުނާނުގެ ރައީސް ވެސް ވިދާޅުވެފައި ވަނީ ހަރީރީ ހުންނެވީ ސައުދީން ގޭ ބަންދުކޮށްފައި ކަމަށެވެ.

"އަޅުގަނޑުގެ އިސްތިއުފާ ރަސްމީކޮށް ރައީސް އަށް މިއަދު ހުށަހެޅިން. އެކަމަކު ރައީސް އެދިވަޑައިގެންނެވީ އިތުރު މަޝްވަރާ އަށް އެކަން ލަސްކޮށްލަން. އެހެންވެ ރައީސްގެ އެދިވަޑައިގަތުމާ އެއްގޮތަށް އިސްތިއުފާ މިހާރު ވާނީ ލަސްކޮށްލާފައި،" ރިޔާސީ ގަނޑުވަރުގައި ބޭއްވި ބައްދަލުވުމަށް ފަހު ހަރީރީ ވިދާޅުވި އެވެ.

ހަރީރީ ވިދާޅުވީ ލުބުނާނަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތަކަށް ކުރިމަތިލުމަށް އެންމެންގެ އެއްބާރުލުމާއި ހިތްވަރު ބޭނުންވާ ކަމަށެވެ.

ހަރީރީ މިއަދު ގައުމަށް ވަޑައިގެން ވަނީ މިނިވަން ދުވަހުގެ އަސްކަރީ ޕެރޭޑުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ހަރީރީ އާއި ސައުދީ އަރަބިއާ ދެމެދު ގާތް ގުޅުންތަކެއް އޮވެ އެވެ. ލުބުނާނުގެ އިތުރުން ސައުދީގެ ރައްވެހިކަން ވެސް ހަރީރީގެ އަތުގައި އޮވެ އެވެ. ހަރީރީގެ ވިޔަފާރީ އާއި އަމިއްލަ ގެދޮރު ސައުދީގައި ހުރުމުގެ އިތުރުން އޭނާގެ ފިއުޗާ މޫވްމަންޓް ޕާޓީ އަށް ވެސް ސައުދީން މަދަދު ފޯރުކޮށްދެ އެވެ.