Roadha Mihaaru
އިއްތިހާދުގެ ކަންބޮޑުވުންތައް ހިފައިގެން އެންއައިސީއަށް

އިދިކޮޅު އިއްތިހާދުގެ ކަންބޮޑުވުންތަކާ އެކު މިއަދު ވެސް އެންއައިސީ އަށް

11 ޖުލައި 2016

އިދިކޮޅު އިއްތިހާދުން ހުރަވީ ބިލްޑިން ކައިރީގައި އިއްޔެ ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަށް ފުލުހުން ހުރަސް އެޅުމުން އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ސަމާލުކަމަށް މިއަދު ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު އިއްތިހާދުން ހުރަވީ ބިލްޑިން ކައިރީގައި އިއްޔެ ބާއްވަން އުޅުނު ނޫސްވެރިންގެ ބައްދަލުވުމަށް ފުލުހުން ހުރަސް އެޅުމުން އެކަން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ސަމާލުކަމަށް މިއަދު ގެނެސްފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި އިންޓެގްރިޓީ ކޮމިޝަނާ ބައްދަލު ކުރުމަށް ފަހު އިއްޔެ ހުރަވީ ބިލްޑިން ކައިރީގައި އިދިކޮޅު އިއްތިހާދުން ނޫސްވެރިންނާ ބައްދަލުކުރަން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެބޭފުން އެތަނުން ދުރަށް ޖައްސައިފަ އެވެ. އެކަމަކު މިއަދު ޕްރެސްކޮންފަރެންސް ދިން އިރު ފުލުހުން އެއްވެސް ހުރަހެއް އަޅާފައެއް ނުވެ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއައި) ގެ ފަރާތުން އެމްއައިސީގެ މެމްބަރުންނާ ބައްދަލުކުރުމަށް ފަހު ހުރަވީ ބިލްޑިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ އިއްތިހާދުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ގާނޫނު އަސާސީގައި އޮންނަނީ ގްރީން ޒޯންތަކުގައި މުޒާހަރާ ނުކުރެވޭނެކަން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ބާއްވަން އުޅުނު ޕްރެސް ކޮންފަރެންސަަށް ފުލުހުން ހުރަސް އެޅުމަކީ ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި ގްރީން ޒޯންތަކުގައި ވެސް ޕްރެސްތައް ނުބޭއްވޭނެކަން ގާނޫނުގައި ބުނެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން އިދިކޮޅު ފަރާތްތަކާ މެދު ކަންތައްތައް ކުރަމުންދާ ގޮތާ މެދު ވެސް އިއްތިހާދުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.

މަހުލޫފް ވިދާޅުވީ ހުށަހެޅި މައްސަލަތައް ބަލާނެ ކަމަށް އިންޓެގްރިޓީ ކޮމިޝަނުން ބުނި ކަމަށެވެ.

ކޮންމެ ހުކުރު ދުވަހަކު އިދިކޮޅު ފަރާތްތަކުން ދުއާކުރާ އިރު އެކަމަށް ހުރަސް އެޅުމާއި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން މި ރޭ ބާއްވާ ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އިންޓެގްރިޓީ ކޮމިޝަނަށް، އިއްތިހާދުން ވަނީ ހުށަހަޅައިފަ އެވެ.