Roadha Mihaaru
ރިޔާޒަށް ކުރާ ދައުވާގެ ލިޔުންތައް އޭނާއާ ހަވާލުކޮށްފި

ރިޔާޒްގެ މައްޗަށް ފަހުން އުފުލި ދައުވާގެ ލިޔުންތައް އޭނާއާ ހަވާލުކޮށްފި

10 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އެންމެ ފަހުން އުފުލި ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން ރިޔާޒާ މިއަދު ހަވާލުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އެންމެ ފަހުން އުފުލި ދައުވާގެ ލިޔުންތައް ކްރިމިނަލް ކޯޓުން ރިޔާޒާ މިއަދު ހަވާލުކޮށްފި އެވެ.

މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި ރިޔާޒްގެ މައްޗަށް ވެސް ދައުވާ އުފުލާފައި ވަނިކޮށް، މިފަހަރު ރިޔާޒަށް ދައުވާ ކުރަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.

މިއަދު ހެނދުނު އެ މައްސަލައިގެ ލިޔުންތައް ކޯޓުން ހަވާލު ކޮށްފައިވާ ކަމަށާއި އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް އަދި ނާންގާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ރިޔާޒަށް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

މަޖިލީހަށް ގަދަކަމުން ވަތް މައްސަލާގައި ރިޔާޒްގެ އިތުރުން އިތުރު 11 މެމްބަރަކަށް ވެސް ދައުވާ ކުރެ އެވެ. އެ މައްސަލާގައި ކުރަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުން ކުރިން ވަނީ ފަށައިފަ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ ގާނޫނުލް އުގޫބާތުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ރިޔާޒްގެ މައްޗަށް ދައުވާކުރާ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އޮތްއިރު އޭނާގެ މައްޗަށް ދައުވާލިބޭ މައްސަލަ ހައި ކޯޓުގައި ވެސް ދަނީ ހިނގަމުންނެވެ. ހައި ކޯޓުގައި ހިނގަމުންދަނީ މިދިޔަ އަހަރުގެ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުން ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރި ކަމަށް ބުނާ މައްސަލަ އެވެ.

އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރީ ދައުލަތުންނެވެ. އެވެ.