Roadha Mihaaru
ރިޔާޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް

ރިޔާޒަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި

26 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް އެ ދައުވާ ކުރަނީ ފުލުހުން ބަލަމުން އައި މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާ މެދުވެރިކޮށް އެކި ފަހަރު މަތިން އޭނާ ވަކިވަކި ފުލުހުންނާ ސުވާލުކޮށް، މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ދައުވާ އޭނާގެ މައްޗަށް ކުރީ މިދިޔަ އަހަރު އެވެ. ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުގައި ބަހައްޓާފައި ހުރީ ވެސް އެ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު ބާއްވަން ހަމަޖެއްސުމަށް ފަހު ކެންސަލްކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހިނގައި ދިޔަ ކަންކަމަށް ފަހު ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް ނުފަށަ އެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 12 މެމްބަރުންގެ ތެރޭގައި ވެސް ރިޔާޒް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުން ފަށާފައިވާއިރު ތަހުގީގެއްގައި ފުލުހުން ރިޔާޒްގެ ފޯނު ހިފަަހައްޓައި، ހުޅުވަން އެންގުމުން އެކަން ނުކުރި ކަމަށް ބުނެ ރިޔާޒަށް ކުރާ ދައުވާއެއްގެ މައްސަލަ ހައި ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.