Roadha Mihaaru
ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

ރިޔާޒަށް ފަހުން ކުރި ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

29 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ފަހުން އުފުލި ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ފަހުން އުފުލި ދައުވާގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ޖުލައި މަހު ރައްޔިތުންގެ މަޖިލީހަށް ގަދަކަމުން ވަދެވަޑައިގެންނެވި މައްސަލާގައި ރިޔާޒަށް ދައުވާ ކޮށްފައި ވަނިކޮށް އޭނާގެ މައްޗަށް ފަހުން އުފުލީ ރަސްމީ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެ އެވެ.

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ރިޔާޒްގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ހުކުމް އަޔަސް މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.

ކުރިން ޕޮލިސް ކޮމިޝަނަރު ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް ދެން އުފުލާފައި އޮތީ މަޖިލީހަށް ގަދަކަމުން ވަން މައްސަލާގައި ކުރާ ދައުވާ އެވެ. ރިޔާޒްގެ އިތުރުން އިދިކޮޅު އެހެން 11 މެމްބަރަކަށް ކުރާ އެ ދައުވާގެ އަޑުއެހުންތައް މިހާރު އަންނަނީ ހިނގަމުންނެވެ.

ރިޔާޒްގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު އޮތްއިރު، އޭނާގެ އިތުރު މައްސަލައެއް ހައި ކޯޓުގައި ވެސް މިހާރު ދަނީ ހިނގަމުންނެވެ. އެއީ މިދިޔަ މާޗް މަހު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެކަން ނުކުރެއްވި ކަމަށް ބުނާ މައްސަލަ އެކެވެ.

އެ މައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރީ ދައުލަތުންނެވެ.