Roadha Mihaaru
ފުވައްމުލަކުގައި ގެނބުނު ބިދޭސީއަކު ސަލާމަތްކޮށްފި

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ބިދޭސީއަކު ސަލާމަތްކޮށްފި

26 ޖެނުއަރީ 2018

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް، ގެނބުނު ބިދޭސީއަކު މިއަދު ސަލާމަތްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް، ގެނބުނު ބިދޭސީއަކު މިއަދު ސަލާމަތްކޮށްފި އެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދުގައި ހަވީރު ހިނގި މި ހާދިސާގައި ގެނބުނީ ލަންކާ މީހެކެވެ. އެ މީހަކީ ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅޭ މީހެއް ކަމަށްވެ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނި ގޮތުގައި އުމުރުން ސާޅީހަކަށް އަހަރުގެ ފިރިހެން މީހާ މޫދަށް ދިޔައީ އޭނާގެ ރައްޓެހިންތަކަކާ އެކުގަ އެވެ. އެ މީހުންނަކީ މީގެ ކުރިން ވެސް އެކުގައި މޫދަށް ގޮސް އުޅޭ ބައެއް ކަމަށް ވެސް އެ މީހާ ބުންޏެވެ.

"ލަންކާ މީހާ ވަރަށް ބޭރަށް ދިޔަ ކަމަށް ވަނީ. ބޭރަށް ދިއުމާއެކު، އޭނާ ގެނބިގެން ތެޅެން ފެށީމަ ބަޔަކު މީހުން ލައިފް ރިންގެއް ގެންގޮސްގެން އޭނާ ސަލާމް ކުރީ،" ފުވައްމުލަކުން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ލަންކާ މީހާ ސަލާމަތް ކުރަން ދިޔައިރު އޮތީ ދެފެން ދޭތެރޭގަ އެވެ. އަދި މޫދުން ނެގިއިރު، ހަރަކާތް ހުއްޓި ހޭ ވެސް ނެތިފައިވާ ކަމަށް އޭނާ ބުންޏެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ފަރުޒާދު ވިދާޅުވީ ގެނބުނު ލަންކާ މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ. އަދި އެޑްމިޓްކޮށްގެން އެމީހާއަށް ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހާގެ ހާލު ރަނގަޅު. ކޮންމެވެސް ވަރަކަށް ނޭވާލާން އުނދަގޫވެގެން އުޅެނީ،" ފަރްޒާދު ބުންޏެވެ.