Roadha Mihaaru
ބިޝާމް ވަކިކުރުމުގެ މައްސަލަ އަނެއްކާވެސް ނަގައިފި

ބިޝާމް ވަކި ކުރަން ހުށަހެޅި މައްސަލަ އަނެއްކާވެސް ނަގައިފި

27 ފެބުރުއަރީ 2019

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނެއްކާވެސް ނަގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަނެއްކާވެސް ނަގައިފި އެވެ.

މިއީ، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލަ އަނބުރާ ނެގި ދެ ވަނަ ފަހަރެވެ. ފަސް ކަމެއް ފާހަގަކޮށްފައިވާ އެ މައްސަލަ މީގެ ކުރިން އަނބުރާ ނެގީ އިތުރު ކަންތައްތަކެއް ހިމަނައިގެން ހުށަހެޅުމަށް ކަމަށް ވިދާޅުވެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް މި މަހުގެ 2 ވަނަ ދުވަހު އަލުން ހުށަހެޅި މައްސަލަ ނެގި ސަބަބެއް އަދި ސާފެއް ނޫނެވެ.

މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވާ ގޮތުގައި ބިޝާމް ޒިންމާއަދާ ނުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވެ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން ވެސް ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ.

ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.