Roadha Mihaaru

ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ: ޓީއައި

ބާލިން (ފެބްރުއަރީ 22) - ކޮރަޕްޝަނާ ދެކޮޅަށް ގައުމުތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް (ޓީއައި) އިން ބުނެފި އެވެ.

"ކޮރަޕްޝަނާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރޭ"
ހަސަން އާމިރު
ހަސަން އާމިރު

22 ފެބުރުއަރީ 2018

ބާލިން (ފެބްރުއަރީ 22) - ކޮރަޕްޝަނާ ދެކޮޅަށް ގައުމުތަކުން އެކަށީގެންވާ ވަރަށް މަސައްކަތް ކުރަމުން ނުދާ ކަމަށް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް (ޓީއައި) އިން ބުނެފި އެވެ.

ޓީއައި އިން ރޭ ނެރުނު ކޮރަޕްޝަން އިންޑެކްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ވޭތުވެދިޔަ ހަ އަހަރަށް ބަލާ އިރު ކޮރަޕްޝަން ހުއްޓުވުމުގައި ގިނަ ގައުމުތަކުން ކުރިއެރުން ހޯދައިފައެއް ނުވެ އެވެ.

"ކޮރަޕްޝަނަށް އެންމެ ބޮޑަށް މަގުފަހިވެފައި ވަނީ މަދަނީ ހައްގުތަކަށް އިހްތިރާމް ނުކުރުމާއި ގާނޫނު ތަންފީޒު ނުކުރުމާއި އަދުލު އިންސާފ ނުލިބުމުން،" ޓީއައިގެ ޗެއާ ޑެލިއާ ފެރެއިރާ ރުބިއޯ ވިދާޅުވި އެވެ. "ކޮރަޕްޝަން އިންޑެކްސް އިން ދައްކުވައިދެނީ ޓްރާންސްޕޭރަންސީ އާއި ޑިމޮކްރެސީއާ ހުރި ގާތްކަން."

ޓީއައި އިން ބުނި ގޮތުގައި ވޭތުވެދިޔަ ހަ އަހަރަށް ބަލާއިރު ސެނެގާލް، އައިވަރީ ކޯސްޓް އަދި އިނގިރޭސި ވިލާތް ފަދަ ބައެއް ގައުމުތަކުން ދަނީ ކޮރަޕްޝަން ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުންނެވެ. އަނެއްބައި ގައުމުތައް ވަނީ ކޮރަޕްޝަން އިންޑެކްސްގައި ވަރަށް ބޮޑަށް ފަހަތަށް ވެއްޓިފަ އެވެ. އެ ގައުމުތަކުގެ ތެރޭގައި މަދަނީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސީރިއާ އާއި ޔަމަން ހިމެނެ އެވެ.

ފެރެއިރާ ރުބިއޯ ވިދާޅުވީ ކޮރަޕްޝަން ރޭންކިންގައި އެންމެ ބޮޑަށް ކުރި ހޯދާފައި ވަނީ ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ، ޚިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތައް ކަމަށެވެ.

ކޮރަޕްޝަން އިންޑެކްސްގެ އެންމެ ކުރީގައި އުޅެނީ ނިއު ޒީލެންޑެވެ. ޓޭބަލްގެ ކުރި ހޯދާފައި ވަނީ ނޯޑިކްގެ ގައުމުތަކެވެ. ދެ ވަނައިގައި ޑެންމާކެވެ. ފިންލެންޑާއި ނޯވޭ އަދި ސްވިޒަންލެންޑް ތިންވަނައިގަ އެވެ. ސްވިޑަން އާއި ސިންގަޕޫރު ހަ ވަނައިގަ އެވެ.

ކެނެޑާ އާއި އިނގިރޭސި ވިލާތް އަދި ލަގްޒެމްބާގާއި ނެދަލެންޑްސް އަށް ވަނައިގައި އޮތް އިރު ޖާމަނީ އޮތީ 12 ވަނައިގަ އެވެ.

ސަތޭކަ އަށްޑިހަ ގައުމު ހިމެނޭ ލިސްޓުގެ އެންމެ ފުލުގައި އޮތީ ސޯމާލިއާ އެވެ. ލިސްޓުގެ ފުލުގައި ދެން އޮތީ ސައުތު ސޫދާން އާއި ސީރިއާ، އަފްޣާނިސްތާން އަދި ޔަމަނެވެ.

ޓީއައިގެ ޓޭބަލްގައި ގައުމުތަކަށް މާކްސް ދީފައި ވަނީ 100 އާއި 0 އާ ދެމެދު އެވެ. ގައުމުތަކަށް މާކްސް ދިނުމުގައި ބައިނަލްއަގުވާމީ 12 އޮގަނައިޒޭޝަނަކުން ޑޭޓާ ނަގާފައިވެ އެވެ. އޭގެ ތެރޭގައި ވޯލްޑް ބޭންކާއި އެފްރިކަން ޑިވެލޮޕްމަންޓް ބޭންކް އަދި ވޯލްޑް އިކޮނޮމިކް ފޯރަމް ހިމެނެ އެވެ.

ޓީއައިގެ މެނޭޖިން ޑިރެކްޓަރު ޕެޓްރިޝިއާ މޮރެއިރާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އަޑު އުފުލައިގެން އެއްވެސް އެކްޓިވިސްޓަކު އަދި ރިޕޯޓަރަކު ވެސް ބިރުވެރިކަމުގައި އުޅެން ޖެހިގެން ނުވާނެ ކަމަށެވެ.

ޓީއައިގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެ އަށް ލިބިފައިވަނީ 33 ޕޮއިންޓެވެ. އެއީ 180 ގައުމުގެ ތެރެއިން 112 ވަނަ އެވެ. އޭގެ ކުރީ އަހަރު ރާއްޖެ އޮތީ ލިސްޓުގެ 95 ވަނައިގަ އެވެ. އެހެންކަމުން މިހާރު އެވަނީ 17 ދަރަޖަ ދަށަށް ގޮސްފަ އެވެ.

ކޮރަޕްޝަން އިންޑެކްސްގެ ކުރީގައި އުޅޭ 12 ގައުމު:

1. ނިއު ޒީލެންޑް (89 ޕޮއިންޓް)

2. ޑެންމާކް (88 ޕޮއިންޓް)

3. ފިންލެންޑް، ނޯވޭ، ސްވިޒަލެންޑް (85 ޕޮއިންޓް)

6. ސިންގަޕޫރު، ސްވިޑަން (84 ޕޮއިންޓް)

8. ކެނެޑާ، ލަގްޒަމްބާގް، ނެދަލޭންޑްސް، އިނގިރޭސި ވިލާތް (82 ޕޮއިންޓް)

12. ޖާމަނީ (81 ޕޮއިންޓް)

ލިސްޓުގެ މެދުތެރޭގައިވާ 10 ގައުމު:

16. އިނގިރޭސި ވިލާތް، ބެލްޖިއަމް (75 ޕޮއިންޓް)

20. ޖަޕާން (73 ޕޮއިންޓް)

23. ފްރާންސް (70 ޕޮއިންޓް)

42. ސްޕޭން (57 ޕޮއިންޓް)

54. އިޓަލީ (50 ޕޮއިންޓް)

71. ސައުތު އެފްރިކާ (43 ޕޮއިންޓް)

77. ޗައިނާ (41 ޕޮއިންޓް)

81. ތުރުކީ (40 ޕޮއިންޓް)

135. ރަޝިޔާ، މެކްސިކޯ (29 ޕޮއިންޓް)

ލިސްޓުގެ އެންމެ ފުލުގައިވާ 10 ގައުމު:

169. ވެނެޒުއެލާ، އިރާގު (18 ޕޮއިންޓް)

171. ލީބިއާ، ނޯތު ކޮރެއާ (17 ޕޮއިންޓް)

175. ޔަމަން، ސޫދާން (16 ޕޮއިންޓް)

177. އަފްޣާނިސްތާން (15 ޕޮއިންޓް)

178. ސީރިއާ (14 ޕޮއިންޓް)

179. ސައުތު ސޫދާން (12 ޕޮއިންޓް)

180. ސޯމާލިއާ (9 ޕޮއިންޓް)