Roadha Mihaaru

މީހެއްގެ މަރުގެ ތުހުމަތުގައި ލަންކާ ފުލުހުންގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި

މީހެއްގެ މަރުގެ ހެކި ނައްތާލާ ކުރީގެ ސަރުކާރުގެ މެންބަރުން ހިމާޔަތް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ލަންކާ ފުލުހުންގެ ކުރީގެ ވެރިޔާ އަނޫރާ ސެނަނަޔަކަ ހައްޔަރު ކޮށްފި އެވެ.

ލަންކާ ފުލުހުންގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފި
ހަސަން އާމިރު
ހަސަން އާމިރު

23 މެއި 2016

މީހެއްގެ މަރުގެ ހެކި ނައްތާލާ ކުރީގެ ސަރުކާރުގެ މެންބަރުން ހިމާޔަތް ކުރަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ލަންކާ ފުލުހުންގެ ކުރީގެ ވެރިޔާ އަނޫރާ ސެނަނަޔަކަ ހައްޔަރު ކޮށްފި އެވެ.

ސެނަނަޔަަކަ ހައްޔަރުކޮށްފައި ވަނީ ލަންކާގެ ރަގްބީ ޓީމުގެ ކެޕްޓަން ވަސީމް ތާޖުއްދީން މެއި، 2012 ގައި މަރާލި މައްސަލައާ ގުޅުން ހުރި ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވިގެންނެވެ. ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކޮލަމްބޯގެ ކޯޓެއްގައި އިއްޔެ ބުނެފައި ވަނީ ތާޖުއްދީންގެ މަރުގެ މައްސަލައިގެ ތަހްގީގަށް ހުރަސް އެޅުމަށް ސެނަނަޔަކަ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ރިޓަޔާކޮށްފަ އެވެ.

ތާޖުއްދީންގެ މަރުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝިތާ އަށް.

ފުލުހުން ފުރަތަމަ ބުނެފައި ވަނީ ތާޖުއްދީން މަރުވެފައި ވަނީ ކާރު އެކްސިޑެންޓެއްގައި ކަމަށެވެ. އޭނާގެ ހަށިގަނޑު ކާރުތެރޭން ނެގި އިރު އޮތީ އަނދައިފަ އެވެ. އެކަމަކު އާ ސަރުކާރު ވެރިކަމަށް އައިތާ ހަތް މަސް ފަހުން، މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ތާޖުއްދީންގެ ހަށިގަނޑު ކޮނެގެން ނަގައިފަ އެވެ. އަދި ފޮރެންސިކް ތަޖުރިބާކާރުން ބުނެފައި ވަނީ ތާޖުއްދީން މަރާލާފައި ވަނީ އަނިޔާކޮށްގެން ކަމަށެވެ.

ލަންކާގެ ރަގްބީ ޓީމުގެ ކުރީގެ ކެޕްޓަން ވަސީމް ތާޖުއްދީން

ލަންކާގެ ރަގްބީ ޓީމުގެ ކުރީގެ ކެޕްޓަން ވަސީމް ތާޖުއްދީން

ތާޖުއްދީންގެ މަރުގެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ދަރިކަލުން ޔޮޝިތާ އެވެ. އޭނާ އަކީ ވެސް ރަގްބީ ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. ތާޖުއްދީންގެ ގަބުރު ކޮނެގެން ނެގީ އޭނާގެ މަރާ ގުޅިގެން އެހެން ބައެއް ކަންކަން ފެންމަތިވުމުންނެވެ. ފުލުހުން މިދިޔަ އަހަރު ކޯޓުގައި ބުނެފައި ވަނީ ތާޖުއްދީން މަރާލާފައި ވަނީ ކާރަކަށް ލައިގެން ގެންގޮސްފައި ކަމަށެވެ. އަދި އެ ކާރަކީ ލަންކާ ރެޑް ކްރޮސް ސޮސައިޓީގެ ކާރެއް ކަމަށް ވެސް ބުނެފައިވެ އެވެ. ރެޑް ކްރޮސް އިން ބުނެފައި ވަނީ އެ ކާރަކީ އެ ޖަމާއަތުގެ ކާރެއް ކަމަށާއި އެކަމަކު އެ ކާރު އެ ދުވަސްވަރު ބޭނުންކޮށްފައި ވަނީ ކުރީގެ ރައީސްގެ އަނބިކަނބަލުން ޝިރާންތީ ރާޖަޕަކްސާ ކަމަށެވެ.

ރާޖަޕަކްސާ އާއި ޝިރާންތީގެ މައްޗަށް ވަނީ ދައުލަތުގެ ފައިސާ އިން އެތައް ބިލިއަން ޑޮލަރެއް ނެގި ކަމުގެ ތުހުމަތު އުފުލައިފަ އެވެ. އަދި ރާޖަޕަކްސާގެ އާއިލާގެ އެހެން ބައެއް މީހުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ. --އޭއެފްޕީ