Roadha Mihaaru
ކާބުލްގެ ޒިޔާރަތަކަށް ބޮމުގެ ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

ކާބުލްގެ ޒިޔާރަތަކަށް ބޮމުގެ ހަމަލާދީ ގިނަ ބަޔަކު މަރާލައިފި

21 މާޗް 2018

ކާބުލް (މާޗް 21) - އަަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޒިޔާރަތާ ކައިރީގައި މިއަދު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 29 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (މާޗް 21) - އަަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ ޒިޔާރަތާ ކައިރީގައި މިއަދު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 29 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ އެވެ.

ބޮމުގެ ހަމަލާ ދީފައި ވަނީ ނޮވްރޫޒް ނުވަތަ އާ އަހަރު ފާހަގަ ކުރުމުގެ އިހްތިފާލާ ދިމާކޮށެވެ. އެެ ހަފުލާ އަށް ގިނައިން ޒިޔާރަތްކޮށްފައި ވަނީ ޝިއައީންނެވެ. މަރުވި މީހުންގެ ތެރެއިން ގިނައީ ހަފުލާގައި ނަށަމުން ދިޔަ ޒުވާނުން ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.

ހަމަލާ ދިން ކަމަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިހާރު ވަނީ އެއްބަސްވެފަ އެވެ. ޝިއައީންނަށް އަމާޒުކޮށް އައިއެސް އިން ދޭ ހަމަލާތައް ފަހަކަށް އައިސް ވަނީ އިތުރުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހު ވެސް އައިއެސް އިން ވަނީ ކާބުލްގައި ސިލްސިލާ ހަމަލާތަކެއް ދީފަ އެވެ.

ދާޚިލީ ވުޒާރާގެ ތަރުޖަމާނަކު ބުނީ ބޮމުގެ ހަމަލާ ދިން މީހާ ޝައްކީ ޒިޔާރަތާ ދިމާލަށް ދިޔައީ ހިނގާފައި ކަމަށެވެ. އަދި އޭނާގެ ގައިގައި ހަރުކޮށްފައިވާ ބޮން ގޮއްވާލީ ފުލުހުންނަށް އޭނާއާ މެދު ޝައްކު ކުރެވުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

މި ޒިޔާރަތަށް ކުރިން ވެސް ވަނީ ހަމަލާ ދީފަ އެވެ. އޮކްޓޯބަރު 2016 ގައި ދިން ހަމަލާގައި ވަނީ 14 މީހުން މަރުވެފަ އެވެ. އެފަހަރު ހަމަލާ ދީފައި ވަނީ އާޝޫރާ ދުވަހާ ދިމާކޮށެވެ. ދެހާސް އެގާރަ ވަނަ އަހަރު ދިން ހަމަލާގައި ވަނީ 59 މީހުން މަރުވެފަ އެވެ.

އަފްޣާނިސްތާން އާބާދީގައި ޝައައީންގެ ނިސްބަތަކީ 15 ޕަސެންޓެވެ.