Roadha Mihaaru
ކާބުލްގައި ދިން ހަމަލާގައި އެމެރިކާގެ 12ސިފައިން މަރު

ކާބުލްގައި ދިން ހަމަލާގައި އެމެރިކާގެ 12 ސިފައިން މަރު

27 އޯގަސްޓް 2021

ކާބުލް (އޮގަސްޓް 27) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ 12 މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކާބުލް (އޮގަސްޓް 27) - އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ 12 މީހުން މަރުވެ 15 މީހުން ޒަޚަމްވެފައިވާ ކަމަށް ސެންޓްރަލް ކޮމާންޑުން ބުނެފި އެވެ.

"އާއްމުންގެ ތެރޭން ވެސް ވަރަށް ގިނަ މީހުން މަރުވެ އަދި އެތައް ބަޔަކު ވަނީ ޒަޚަމްވެފައި،" ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު މެކެންޒީ ވިދާޅުވި އެވެ. "މަރުވި މީހުންގެ އަދަދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން މި ދަނީ."

މެކެންޒީ ވިދާޅުވީ ކާބުލްގައި ހަމަލާ ދިން ނަމަވެސް އަފްޣާނިސްތާނުން މީހުން ބޭރު ކުރުމަށް އެމެރިކާ އިން ހިންގާ އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ.

"އެމެރިކާ ސިފައިންގެ ތެރެއިން ބައެއް މީހުންނާއި އަފްޣާންގެ އާއްމުންގެ ތެރޭން ބައެއް މީހުންގެ ފުރާނަ ގެއްލިގެން ދިއުމަކީ ހިތާމަކުރާ ކަމެއް. އެކަމަކު އެމެރިކާގެ މިޝަން ކުރިއަށް ދާނެ. އެއީ އަފްޣާނިސްތާނުން ބޭރުވާން ބޭނުންވާ ވީހާ ވެސް ގިނަ މީހުން ގައުމުން ބޭރު ކުރުން،" މެކެންޒީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައިއެސް އިން އަފްޣާނިސްތާނުގައި އަދިވެސް އިތުރު ހަމަލާތައް ދޭނެ ކަމަށެވެ. އަދި އެފަދަ ހަމަލާތައް ދީގެން، އަފްޣާންގައި އެމެރިކާ އިން ހިންގާ އޮޕަރޭޝަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖެނެރަލް ވިދާޅުވީ ޖާނުންފިދާވުމުގެ ހަމަލާ ދިން ދެ މީހަކު ވަނީ ކާބުލް އެއާޕޯޓުގެ އަބޭ ގޭޓު ކައިރީގަ އާއި ކައިރީގައިވާ ބޭރޮން ހޮޓަލުގައި ބޮން ގޮއްވާލާފައި ކަމަށެވެ. އޭގެ ފަހުން އައިސްގެ ހަނގުރާމަވެރިން ވަނީ އެމެރިކާ ސިފައިންނާއި އާއްމުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފަ އެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބައި ނިމޭނީ މި މަހުގެ ނިޔަލަށެވެ. އެ މުއްދަތާ ހަމައަށް އަފްޣާނިސްތާނުން އާއްމުން ބޭރަށް ގެންދިއުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ.