Roadha Mihaaru
"ކުދިކުދި" ކޮށްލަން އުޅެނީ އަޅުގަނޑު އެކަންޏެއް ނޫން

"ކުދިކުދި" ކޮށްލަން އެ އުޅެނީ އަޅުގަނޑު އެކަންޏެއް ނޫން: ސައުދު

25 މާޗް 2018

މިދިޔަ ހުކުރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި، "ކުދިކުދި" ކޮށްލާނެ ކަމުގެ އިންޒާރު ދިނީ އޭނާ އަށް އެކަނި ނޫން ކަމަށާއި ޕީޕީއެމުގެ އާއްމު މެމްބަރުން ވެސް ހިމެނޭ ގޮތަށް، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވާ ކޮންމެ މީހަކަށް އެ އިންޒާރު ނިސްބަތްވާ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިދިޔަ ހުކުރު ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި، "ކުދިކުދި" ކޮށްލާނެ ކަމުގެ އިންޒާރު ދިނީ އޭނާ އަށް އެކަނި ނޫން ކަމަށާއި ޕީޕީއެމުގެ އާއްމު މެމްބަރުން ވެސް ހިމެނޭ ގޮތަށް، ރައީސް އަބްދުﷲ ޔާމީނާ ދެކޮޅުވާ ކޮންމެ މީހަކަށް އެ އިންޒާރު ނިސްބަތްވާ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ޖަލްސާގައި ސައުދަށް އިންޒާރު ދެއްވީ، ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހިމް ރަޝީދެވެ.

ރައީސް ޔާމީނަށް ތައީދުކުރައްވައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވެފައި ވަނީ، ސައުދު ނުސީދާ ގޮތަކަށް ބަލާލިއަސް "ވިދިވިދި އޮޓެއޮޓެ" ކޮށްލާނެ ކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ. ހުވަދޫ ބަހުން "ވިދިވިދި އޮޓެއޮޓެ" ކުރުމުގެ މާނައަކީ އެއްޗެއް ވަރަށް "ކުދިކުދިކޮށް ހިިމުން" ކުރުމެވެ.

ސައުދަށް އިންޒާރު ދިެއްވިއިރު، އެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ތިއްބެވި އެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ޕީޕީއެމުގެ ޓިކެޓެއްގައި އިންތިޚާބުވި ނަމަވެސް އިދިކޮޅު ފަރާތްތަކާ އެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ސައުދު އުޅުއްވަނީ "ސައިޒު އޮޅިގެން"ނެވެ.

ސައުދު "މިހާރު" އަށް ވިދާޅުވީ ޖަލްސާއެއްގައި ލައިވްކޮށް އޭނާ އަށް ދިން އިންޒާރުގެ މައްސަލަ ފުލުހުން ބަލަން ޖެހޭ ކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ނުކުރާ ނަމަ، އޭނާ އަމިއްލަ އަށް ވެސް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

ސައުދަށް އިންޒާރު ދިން މައްސަލަ ތަހުގީގުކުރުމާ ގުޅޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ސައުދު ވިދާޅުވި ގޮތުގައި އެ އިންޒާރުގެ ބިރުވެރިކަން ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އެބަ އޮތެވެ. އިންޒާރުން ދޭހަވަނީ، ރައީސް ޔާމީނަށް ތާއީދުނުކުރާ ކޮންމެ މީހަކަށް ބިރުދައްކައި އަނިޔާކުރުމުގެ ވިސްނުން ޕީޕީއެމުން ގެންގުޅޭ ކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ވަރަށް ކަންބޮޑުވާން ޖެހޭ މި ވިސްނުން ގެންގުޅޭތީ، މިއިން ދޭހަވަނީ ބިރުވެރިކަން އޮތީ ހަމައެކަނި އަޅުގަނޑަށް އެކަންޏެއް ނޫނޭ، ޕީޕީއެމްގައި ތިބި އާއްމު މެމްބަރުންނަށް ވެސް އެބަ އޮތޭ،" ސައުދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެސް އެކި ގޮތްގޮތަށް އޭނާ އަށް އިންޒާރުތައް ދީފައިވެ އެވެ.