ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
17 ޖުލައި 2018
ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު، 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން މި ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭން. މިގޮތަށް ނިންމީ އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލައިފައި ބެސްޓް ޕްރެކްޓިސްއަކީ މިއީ ކަމަށް ބަލައިގެން،" އަކްރަމް ވިދާޅުވި އެވެ.
ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހާ އެވެ. އިލެކްޝަންސްގެ އޮފިޝަލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ފުރުސަތު ދިނުމަށް މިދިޔަ ހަފްތާގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ވެސް ގެނެސްފަ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ށ. ގައި ކުރިން ބުނެފައިވާ ގޮތުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އިތުރު މީހަކަށް އެހީތެރިވެވިދާނެ އެވެ. ނަމަވެސް ކޮންމެ އެހީތެރިއަކަށް ވެސް އެހީތެރިވެދެވޭނީ ވޯޓު ލާން އަންނަ އެކަކަށް ކަމަށް ބުނެފައިވެ އެވެ.
މިދިޔަ ހޯމަ ދުވަހު އެ މާއްދާ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީި: ކޮމިޝަނުގެ ނިންމުން މާރިޔާ ވަނީ ކުށްވެރިކުރައްވާފައި - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު
މިގޮތަށް ހަމަޖެއްސުމާ އެކު އެ ނިންމުމަށް އިދިކޮޅު އިއްތިހާދުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަންސްގެ ނިންމުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ކޮމިޝަނާ މެދު ކުރާ ތުހުމަތުތަކަކީ ހާމަކޮށް ކުރާ ތުހުމަތުތަކެއް. މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަންބޮޑުވުން އިތުރުވެގެން ދަނީ،" މާރިޔާ ވިދާޅުވި އެވެ.
މީގެ އިތުރުން އިދިކޮޅު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނީ ގޮތުން ކޯރަމް ހަމަނުކޮށް ކަމަށާއި ނުކުޅެދޭ މީހުންނަށް ވޯޓު ލާ މަރުކަޒުގެ އޮފިޝަލުން އެހީތެރިވެދޭ ގޮތަށް ހަމަޖެއްސީ ވެރިކަން ކުރާ (ޕީޕީއެމް) އިން ބުނެގެން ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ގާނޫނަކަށް އަދި ކަންތައް ކުރަންވާ ގޮތަކަށް ޕީޕީއެމުން ލަފާ ދީފައިނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބުނެފައެއް ނުވާނެ މިވެނި ގޮތަކަށް ކަންތައް ކުރާކަށް. އެކަމަކު މަޖިލީހުގައި ނުވަތަ އިލެކްޝަންސް އެޑްވައިޒަރީ ކޮމެޓީގައި އަޅުގަނޑުމެން ވެސް ވާހަކަ ދައްކައި މަޝްވަރާ ކުރަން،" އާރިފް ވިދާޅުވި އެވެ.
މި ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އިރު 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބު ބާތިލުވާ ވަރަށް ބާތިލްވޯޓު އެބައޮތް: މާރިޔާ
ޕާޓީތަކުން ކެމްޕެއިން ވަރުގަދަކުރަނީ
އީސީން މައްސަލަ ނިންމީ މަހްލޫފާ އެއްކޮޅަށް
ޝަކުވާ އަށް ޖަވާބު ނުލިބުމުން މަހުލޫފު އީސީ އަށް
މަކަރު ނުހަދާތި، 170,000 ވޯޓު ކަށަވަރު ކޮށްފިން
ވޯޓުލާ ތަނަށް އަމިއްލަ ގަލަން ވެއްދެން ޖެހޭނެ: މާރިޔާ
އިންތިޚާބު ކާމިޔާބުވާ މަންޒަރު ދަތުރުތަކުން ފެނޭ:މާރިޔާ
ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދާތީ ކަންބޮޑުވެއްޖެ
ސަރުކާރުގެ ވަސީލަތް ބޭނުން ކުރާ މައްސަލަ ޕޮލިހަށް
އިބޫއަށް ނަޝީދުގެ ތާއީދު އޮންނާނެ: މާރިޔާ