Roadha Mihaaru
އިބޫއަށް ނަޝީދުގެ ތާއީދު އޮންނާނެ: މާރިޔާ

އިބޫއަށް ނަޝީދުގެ ތާއީދު އެބައޮތް، ޓްވީޓާ ގުޅިގެން މާފަށް އެދެން: މާރިޔާ

28 ޖުލައި 2018

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އިދިކޮޅު ލީޑަރުންގެ ތާއީދު އޮންނާނެ ކަމަށް ވިދާޅުވެ އިބޫގެ ތަރުޖަމާނު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ނެތުމުން އަމާޒުވި ފާޑުކިޔުންތަކަށް ފަހު މާރިޔާ މިއަދު އެކަމަށް މާފަށް އެދިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިބޫ އާއި އޭނާގެ ރަނިންމޭޓް ފައިސަލް ނަސީމު އިންތިހާބަށް ކުރިމަތިލެއްވުމަށް މިދިޔަ ބުރާސްފަތި ދުވަހު ފޯމު ހުށަހެޅުއްވުމަށް ފަހު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގެ ތާއީދު އިބޫ އަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެ ޓްވީޓުގައި ނަޝީދުގެ ނަން ނެތުމުން މާރިޔާ އަށް ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.

މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޝީދުގެ ނަން ނެތުމުން ޓްވީޓް ޑިލީޓްކުރަން އެމްޑީޕީގެ ބައެއް މެމްބަރުން އެދިފައިވާ ކަމަށެވެ. އެހެންވެ އެ އެދުމާ އެއްގޮތަށް މާރިޔާ ވަނީ ޓްވީޓު ޑިލީޓްކުރައްވައިފަ އެވެ.

މައާފަށް އެދިވަޑައިގެން މާރިޔާ ކުރެއްވި ޓްވީޓް

ރާއްޖޭގެ އިސްލާހީ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ލީޑަރަކީ ނަޝީދު ކަމަށެވެ.

ނަޝީދުގެ ނަން ނުހިމެނުމުން އަމާޒުވި ފާޑުކިޔުންތަކާ އެކު މާރިޔާ އިއްޔެ ވަނީ އިތުރު ޓްވީޓެއް ކުރައްވައިފަ އެވެ. އޭގައި އޭނާ ވިދާޅުވެފައިވަނީ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކަށް އިބޫ ހަމަޖެއްސީ ނަޝީދުގެ ފުރިހަމަ ތާއީދާއެކު ކަމަށެވެ.

ފާޑުކިއުން އަމާޒުވުމުން މާރިޔާ ކުރެއްވި ޓްވީޓް

މާރިޔާގެ ޓްވީޓަށް ފާޑުކީ ބައެއް މީހުން ވަނީ، އެ ޓްވީޓުގައި ނަޝީދު ނުހިމެނީ، އެމަނިކުފާނުގެ ތާއީދު އިބޫއަށް ނެތުމުން ކަމަށް ބުނެ ސުވާލު އުފައްދައިފަ އެވެ. އަދި ނަޝީދާ ނުލައި އިބޫއަށް ކާމިޔާބީއެއް ނުލިބޭނެ ކަމަށް ވެސް ބައެއް މީހުން ކުރި ޓްވީޓުގައި ވެ އެވެ.