Roadha Mihaaru
"ރިޓަޔާކުރާ އުމުރު މަތިކުރުމުން އާމްދަނީ އިތުރުވާނެ"

ރިޓަޔާކުރާ އުމުރު މަތިކުރުމުން އާމްދަނީ އިތުރުވާނެ: އަބްދުއްރަހީމް

12 އޯގަސްޓް 2018

ވަޒީފާއަދާކުރާ ދިވެހިން ރިޓަޔާކުރާ އުމުރު، 65 އަހަރުން 74 ނުވަތަ 75 އަހަރަށް ބަދަލުކުރުމުން އިތުރު އާމްދަނީ ލިބުމަށް މަގުފަހިވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ވަޒީފާއަދާކުރާ ދިވެހިން ރިޓަޔާކުރާ އުމުރު، 65 އަހަރުން 74 ނުވަތަ 75 އަހަރަށް ބަދަލުކުރުމުން އިތުރު އާމްދަނީ ލިބުމަށް މަގުފަހިވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރިޓަޔާކުރާ އުމުރު މަތި ކުރުމަށް، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، މިދިޔަ ހަފުތާގައި އެ މަނިކުފާނު ގއ. އަތޮޅަށާއި ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރިޓަޔާކުރަން ޖެހޭ އުމުރަކީ 65 އަހަރު ކަމަކަށް އެ މަނިކުފާނު ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި ދިވެހިންގެ ވައްޓަފާޅިއަށް އައިސްފައި ހުރި ބަދަލާއި ސިއްހީ ހޭލުންތެރި ކަމަށް ބަލާފައި ގާނޫނަށް ބަދަލު އަންނަން ޖެހޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ މި ވާހަކަފުޅަށް ބާރުދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވިސްްނުންފުޅުގެ ސަބަބުން ގައުމު ބިނާކުރުމުގައި ދޮށީ އުމުުރުގެ މީހުންގެ ބައިވެރިވުން އިތުރުވާނެ ކަމަށެވެ. އަދި އެއީ އިތުރު އާމްދަނީ ލިބުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޓަޔާ ކުރާ އުމުރުގެ ގޮތުގައި މިހާރު 65 އަހަރު ކަނޑައަޅާފައި އޮންނައިރު، އެ އުމުރަށް ވުރެ ދޮށީވާ ކޮންމެ މީހަކަށް ސަރުކާރުން މަހަކު 5،000ރ. ގެ އެލަވަންސެއް ދެ އެވެ. ރިޓަޔާ ކުރާ އުމުރު މަތި ކުރި ނަމަވެސް، މިހާރު އެ އެލަވަންސް ދެމުން އަންނަ މީހުންނަށް ގޮތްތަކެއް ހަމަޖައްސައި ދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ އިނާޔަތެއް އުނިކުރުމަކީ ރައީސް ޔާމީންގެ ވިސްނުންފުޅެއް ނޫން ކަމަށެވެ. އަދި އެ މަނިކުފާނު އަބަދުވެސް ވިސްނުންފުޅު ގެންގުޅުއްވަނީ ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަަތް ބޮޑުކުރުމަކީ އިދިކޮޅު ކޯލިޝަނުގެ ވެސް ވައުދެކެވެ.

އެގޮތުން 65 އަހަރުން މަތީގެ މީހުންނަށް ދެމުން އަންނަ އެލަވަންސް އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި ކުޑަ ނުކުރާނެ ކަމަށާއި އެ އެލަވަންސް ދިރާސާކޮށް، އިތުރަށް ބޮޑުކުރެވޭތޯ ބަލަމުން އަންނަ ކަމަށް، ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ ވިދާޅުވެފަ އެވެ.

އެންމެ ފަހުގެ ބޯހިމެނުމުގައި ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ހަތަރު ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މި މަހު ނެރުނު އާބާދީ އަންދާޒާގައި ފާހަގަކޮށްފައިވާ ގޮތުގައި 2050 ވަނަ އަހަރު އަންނަ އިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ 14 ޕަސެންޓަށް އިތުރުވާނެ އެވެ.