Roadha Mihaaru
އަޅުގަނޑު މިހުރީ ނުބައި މަގަކު ނޫން: މުބީން

އަޅުގަނޑު މިހުރީ ނުބައި މަގަކު ނޫން: މުބީން

13 އޯގަސްޓް 2018

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް ދެއްވިޔަސް، އޭނާ ހުންނެވީ ނުބައި މަގުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން، ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް ދެއްވިޔަސް، އޭނާ ހުންނެވީ ނުބައި މަގުގައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން، ރޭ ވިދާޅުވެއްޖެ އެވެ.

ފ. އާއި ދ. އަތޮޅުގެ ރަށްތަކަށް ފައިސަލް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ފީއަލީ ރައްޔިތުންނާ އިއްޔެ ބައްދަލު ކުރައްވައި އޭނާ ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު މުބީނަށް ދެއްވައިފަ އެވެ. ކާށިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފައިސަލް ވިދާޅުވީ، މުބީނަކީ ރަނގަޅު މަގުގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެ މަގަށް އަލުން ރުޖޫއަވުމަކީ ރައްޔިތުންގެ ހައްގުގައި ކުރެއްވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. މުބީން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ކަމަށާއި އޭނާ ގުޅިވަޑައިގަތުމުގެ ވަގުތު ޖެހިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ޗެނަލް 13 އިން ގެނެސްދިން "ނަނާ ހުވަފެން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ބިލެތްދޫ ދާއިރާ އޮތީ ވަރަށް ނިކަމެތި ހާލެއްގައި ކަމަށެވެ. އެކަމަކު، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެ ހާލަތު ބަދަލުކޮށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދާއިރާގައި ހިންގާފައިވާ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

އެހެންވެ، އޭނާ ސިފަ ކުރެއްވި ގޮތުގައި، އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް ފައިސަލް ދެއްކެވީ ދާއިރާގެ ރައްޔިތުންނަށް ފުރައްސާރަވާ ފަދަ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލިހުގެ ގޮނޑި އަށް އޭނާ އާއި ފައިސަލް ވެސް ވަޑައިގަތީ އެއް ސްލޯގަންތަކެއް ހިފައިގެން ކަމަށާއި އެއީ ރަށްތައް ތަރައްގީ ކުރުމުގައި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ކަމަށް މުބީން ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފަޅީގައި ނެތީ މިއަދު ފައިސަލް ކަމަށް ޖުމްހޫރީ ޕާޓީގެ ކުރީގެ މެމްބަރު މުބީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކަންފަތުގައި ހިފާފައި ބުނި ކިތަންމެ ބަޔަކު ތިބޭނެ، އަޅުގަނޑަކީ ކުރިން، ރައީސް މައުމޫންގެ ފިކުރާ ދެކޮޅަށް މަސައްކަތް ކޮށްފައި ހުރި މީހަކަށް ވީމާ، އަޅުގަނޑާ ވަރަށް ގިނަ ރައްޔިތުން ކުރިމަތިކުރި ސުވާލެއް، ހުންނާނަންތޯއޭ މި ފިކުރުގެ ތެރޭގައި. އަޅުގަނޑުމެން ދޫކޮށްފައި ނުދާނެތޯއޭ؟ އަޅުގަނޑުމެން ރައްޔިތުން ދޫކޮށްފައި ނުދަމެންނު؟. ރައްޔިތުން ތިބީ ސަރުކާރާ އެކުގައި،" މުބީން ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މުބީން އިންތިހާބުވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ނުކުންނަވައިގެންނެވެ. އެ ޕާޓީގައި މުބީނާއި ފައިސަލް ނަސީމް އެކުގައި މަސައްކަތް ކުރެއްވިތާ އަހަރެއްހާ ދުވަސް ފަހުން، މުބީން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ވެސް މުބީން މަސައްކަތް ކުރައްވަނީ ޕީޕީއެމްގަ އެވެ.

"އަޅުގަނޑަށް ހުރެވުނީ ރަނގަޅު މަގުގައިތޯ، ފައިސަލަށް ހުރެވުނީ ރަނގަޅު މަގުގައި ތޯ ރައްޔިތުން ނިންމާނީ،" ރައީސް ޔާމީންގެ ސިޔާސަތު ދިފާއު ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް މެމްބަރު މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވި ގޮތުގައި، ފައިސަލް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، މަސައްކަތް ކުރެއްވި ފަހުން، ސަރުކާރާ އެކު ކުރެވުނު މަސައްކަތެއް ފައިސަލްގެ ކާށިދޫ ދާއިރާގައި ނޯންނާނެ އެވެ. ފައިސަލް މިހާރު މަސައްކަތް ކުރައްވަނީ، މަޖިލިހުގެ ގޮނޑިއަށް ހޮއްވަވައި ދެއްވި ބޭފުޅުންނާ އެކުގައި ނޫން ކަމަށް މުބީން ވިދާޅުވި އެވެ.

މުބީން އެހެން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް ނުކުތީ، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ގުޅިގެންނެވެ. އެކަމަކު، ސަރުކާރާ ހިޔާލު ތަފާތުވުން އުފެދުމާ ގުޅިގެން ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން، ކުރީގެ ރައީސް މައުމޫންގެފެކް ޝަނުން ވަނީ ސަރުކާރާ ވަކިވެފަ އެވެ. އޭގެ ފަހުން، ދެ ޕާޓީ އާއި މައުމޫން ފެކްޝަން މަސައްކަތް ކުރަނީ އެމްޑީޕީއާ އެކުގަ އެވެ.