Roadha Mihaaru
ހިބަޅިދޫ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ކޯޓުން ނިންމަނީ

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލަ ކުރިއަށް ގެންދިއުމާ މެދު ކޯޓުން ގޮތެއް ނިންމަނީ

03 އޯގަސްޓް 2016

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުވާކުރާ މައްސަލާގައި އަދީބާއި ފަޔާޒްގެ ފަރާތުން ފާހަގަކުރި އިޖްރާއީ މައްސަލަތަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބ. ހިބަޅިދޫން ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ސިފައިންގެ ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ގެ މައްޗަށް ދައުވާކުރާ މައްސަލާގައި އަދީބާއި ފަޔާޒްގެ ފަރާތުން ފާހަގަކުރި އިޖްރާއީ މައްސަލަތަކާ ގުޅިގެން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި އަދީބާއި ފަޔާޒުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ އަޑުއެހުމުގައި އެ ދެ މީހުން އިންކާރު ކުރުމުން ދިފާއީ ވަކީލުން ވަނީ އިޖްރާއީ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ.

އެ މައްސަލާގައި ފަޔާޒާ ސުވާލުކޮށް، ތަހުގީގެއް ހިންގާފައިނުވާ ކަމަށް ފަޔާޒްގެ ވަކީލުން ވިދާޅުވި އިރު އަދީބުގެ ވަކީލުން ވިދާޅުވީ މީގެކުރިން ވެސް ހަތިޔާރު ގެންގުޅުނު މައްސަލާގައި އަދީބު ކުށްވެރިވެ، ޖަލަށްލާފައިވާ ކަމަށާއި އެހެންވެ އެއް ކުށަކަށް ދެ ދައުވާ ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި އެކަންކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

ފަޔާޒްގެ ވަކީލް ވިދާޅުވީ ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް އެ މައްސަލައާ ބެހޭގޮތުން ފަޔާޒާއި ސުވާލު ނުކުރާ ކަމަށެވެ. އަދި ދައުވާ ކުރެވޭނީ ތަހުގީގު ކުރުމުގެ ބާރު އޮންނަ އިދާރާއަކުން ކުރާ ތަހުގީގަކަށް ފަހު ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓާއި ހައި ކޯޓުން ނިންމާފައިވާ ދެ މައްސަލައެއް ފާހަގަ ކުރެއްވި އެވެ.

އެ ވާހަކަ ދޮގުކުރައްވައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ މައްސަލާގައި ފަޔާޒާ ސުވާލުކުރި ކަމަށާއި ދޭންޖެހޭ ހައްގުތައް އޭނާއަށް ދީފައިވާ ކަމަށެވެ.

ފަޔާޒް ތަހުގީގަށް ދިން ބަޔާނެއް އެބައޮތް ކަމަށާއި އެއީ ކޯއްޗެއްތޯ ގާޒީ ސުވާލު ކުރެއްވުމުން ފަޔާޒްގެ ވަކީލް ވިދާޅުވީ އެއީ އެހެން މައްސަލައަކާ ގުޅިގެން ކުރި ސުވާލުތަކެއްގެ ޖަވާބުގައި ދީފައިވާ ބަޔާނެއް ކަމަށާއި އެ ބަޔާނުގައި ހިބަޅިދޫ މައްސަލައިގެ ވާހަކަ ވެސް އެބައޮތް ކަމަށެވެ. އެކަމަކު ތަހުގީގު ހިންގަންޖެހޭނީ ސީދާ ވަކި މައްސަލަތަކަށް ކަމަށާއި އެހެން މައްސަލަތަކާ ގުޅޭގޮތުން ތަހުގީގެއްގައި ދައްކާ ވާހަކައަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ދިފާއީ ވަކީލް ވިދާޅުވި އެވެ.

އަދީބުގެ ދިފާއީ ވަކީލުން ބުނީ ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ 10 އަހަރުގެ ޖަލު ހުކުމެއް އަދީބަށް އިއްވާފައިވާއިރު އެ ދައުވާގައި ބުނާ ކަންތައްތަކާއި މި މައްސަލައިގެ ދައުވާގައި ހިމެނޭ ކަންތައްތަކަކީ އެއް ކަންތައްތަކެއް ކަމަށެވެ. އެއް ކުށަކަށް ދެ ދައުވާ ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަން ފާހަގަކޮށް، ދިފާއީ ވަކީލުން ބުނީ އެ ދައުވާ އަދީބަށް ނުކުރެވޭނެ ކަމަށެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބު ޖަލަށް ލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު ހަތިޔާރު ގެންގުޅުނު މައްސަލާގައި ކަމަށާއި އެ މައްސަލަ އާއި މިހާރު ދައުވާކުރާ މައްސަލަ ގުޅުމެއް ނެތް ކަމަށެވެ. އެހެންވެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އެ މައްސަަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ ފަޔާޒާއި އަދީބުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމާއި ދެ ފަރާތުން ހެކި ހުށަހެޅުން އޮންނާނެ ކަމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

އެ މައްސަލާގައި އެ ދެ މީހުންގެ އިތުރުން މ. ސެސްނާ މުހައްމަދު އައްލާމް ލަތީފާއި ގ. އޮއިވާލި މުހައްމަދު ހުސައިން އާއި ގ. ލޭންޑްއޮފްގާޑެން މުހައްމަދު އިޝްފާހު އަލީގެ މައްޗަށް ވެސް ދައުވާ ކުރެއެވެ. އެކަމަކު އެ މީހުން ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭތީ އެ މީހުން ބައި ކުރިއަކަށް ނުގެންދެ އެވެ.

ތަފާތު ތިން މައްސަލައަކާ ގުޅިގެން އަދީބު މިހާރު ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އެހެން މައްސަލައެއްގައި ފަޔާޒު ވެސް ދަނީ ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.