Roadha Mihaaru
އުރީދޫން ގެލެކްސީީ ނޯޓް 9 ރާއްޖޭގައި ވިއްކަން ފަށައިފި

ކުލަގަދަ ހަފުލާއާއެކު އުރީދޫން ގެލެކްސީީ ނޯޓް 9 ރާއްޖޭގައި ވިއްކަން ފަށައިފި

31 އޯގަސްޓް 2018

މިރޭ ބޭއްވި ކުލަ ގަދަ ހަފުލާއަކާ އެކު، ސެމްސަންގް މަރުކާގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

މިރޭ ބޭއްވި ކުލަ ގަދަ ހަފުލާއަކާ އެކު، ސެމްސަންގް މަރުކާގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

ސެމްސަންގް އާ ގުޅިގެން އުރީދޫން އެ ފޯނު ވިއްކަން ފެށުމަށް، ލައިވް މިއުޒިކް ޝޯއަކާ އެކު ބޭއްވި އެ ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރު ވައިކޭ ވަންގް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދުނިޔޭގައި ތައާރަފްކޮށްފައިވާ އެންމެ ބާރުގަދަ އެންޑްރޮއިޑް ފޯން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ، ސެމްސަންގް ނޯޓް 9 އުރީދޫ ކަސްޓަމަރުންނަށް ވިއްކަން އެ ކުންފުނިން ވަނީ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ތައާރަފްކޮށްފަ އެވެ.

އުރީދޫން ބުނީ ހަ މަސް ދުވަހަށް ނުވަތަ އެއް އަހަރަށް ބަހާލާފައިވާ މި ޕެކޭޖުތައް މެދުވެރިކޮށް، މަހަކު ފަސް ޖީބީ ޑޭޓާ ވެސް ފޯނު ގަންނަ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

"އުރީދޫއާ އެއްފަދައިން ދިވެހިންނަކީ ވެސް އާ ޓެކްނޮލޮޖީތަކާއި އީޖާދީ އުފެއްދުންތަކަށް ލޯބިކުރާ ބަޔަކަށް ވުމީ، އުރީދު އަށް ލިބިފައިވާ ވަރަށް ވެސް ބޮޑު އުފަލެއް އަދި ނަސީބެއް. މިކަމަކީ، އެއް ދުވަހުން އަނެއް ދުވަހަށް ކުންފުނި ކުރިއަރުވައި، ބައިނަލްއަގުވާމީ މާކެޓުތަކުގައި ތައާރަފްކުރާ އެންމެ ފަހުގެ އީޖާދީ އުފެއްދުންތައް ވީހާ ވެސް އަވަހަށް ރާއްޖެ އަށް ގެނައުމަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް،" އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވިދާޅުވި އެވެ.

އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ ސެމްސަންގްއާ އެކު ގެލެކްސީ ނޯޓް 9 ލޯންޗުކޮށް، އެ ފޯނު ގަންނަން ކަސްޓަމަރުންނަށް ފަސޭހަކޮށްދޭ ހާއްސަ އިންސްޓޯލްމަންޓް ޕެކޭޖުތަކެއް ވެސް އުރީދޫން ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ކުރިމަގުގައި ވެސް އުރީދޫން މަސައްކަތް ކުރާނީ ރާއްޖެ އާއި ބޭރުގެ ޕާޓްނަރުންނާ ގުޅިގެން ދިވެހިން ބޭނުންވާ ފަދަ ޓެކްނޮލޮޖީތަކާއި އުފެއްދުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫން ގެލެކްސީ ނޯޓް 9ގެ 128 ޖީބީގެ ފޯނެއް ހަ މަސް ދުވަހުން ފައިސާ ދައްކާ ގޮތަށް ދޫކުރަނީ މަހަކު 2,333ރ. އަށެވެ. އަދި އެއް އަހަރަށް ނަމަ ދައްކަން ޖެހެނީ މަހަކު 1,167ރ. އެވެ. ގެލެކްސީ ނޯޓް 9، 512 ޖީބީ ފޯނެއް ހަ މަސް ދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ގޮތަށް ދޫކުރަނީ މަހަކު 3,033ރ. އަށެވެ. އަދި އެއް އަހަރަށް ނަމަ މަހަކު 1,517ރ. ދައްކަން ޖެހެ އެވެ. އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 1،999ރ. ދައްކަން ޖެހެ އެވެ.