Roadha Mihaaru

ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސުރުހީތަކަށް ވެސް ރާއްޖޭގެ އިންތިޚާބު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާއިރު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ އިންތިޚާބުގެ ކަވަރޭޖް ގެނެސްދެމުން އެބަގެންދެ އެވެ.

ބޭރުގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަން ވެސް އިންތިޚާބަށް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ގެންދާއިރު ބޭރުގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ އިންތިޚާބުގެ ކަވަރޭޖް ގެނެސްދެމުން އެބަގެންދެ އެވެ.

މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގަ އާއި އަވަށްޓެރި ބައެއް ގައުމުތަކުގައި ވޯޓުލުން ކުރިއަށް ގެންދާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު މީޑިއާތައް ކަމަށްވާ ބީބީސީ އާއި އަލްޖަޒީރާ އާއި ރޮއިޓާސްގެ އިތުރުން އެމެރިކާގެ ފޮކްސް ނިއުސްގެ އިތުރުން އިންޑިއާގެ އެންމެ މަޝްހޫރު އެއް މީޑިއާ ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ވެސް ގެންދަނީ ރާއްޖޭގެ އިންތިޚާބާ ބެހޭ މައުލޫމާތުތައް ގެނެސްދެމުންނެވެ.

އިންތިޚާބުގެ ކުރިން ހިނގި ކަންތައްތަކާއި އިންތިޚާބާ މެދު ކުރިމަތިވާ ފާޑު ކިޔުންތަކުގެ އިތުރުން ޚާރިޖީ ސިޔާސަތާއި އިންތިޚާބާ އެކަމާ ގުޅުންހުރި މިންވަރުގެ މައްޗަށް އެ މީޑިއާތަކުން ވަނީ މައުލޫމާތުތައް ގެނެސްދީފަ އެވެ.

އިންތިޚާބު ކަވަރު ކުރުމަށް ބޭރުގެ 14 މީޑިއާއެއްގެ 26 މީހަކަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނެވެ. އޭގެ ތެރޭގައި ނިއުޔޯކް ޓައިމްސް އާއި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާއި އޭޖެންސް ފްރާންސް ޕްރެސް (އޭއެފްޕީ) ފަދަ ބޮޑެތި މީޑިއާތައް ވެސް ހިމެނެ އެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޖަމްއިއްޔާތަކުގެ އޮބްޒާވަރުން ވެސް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނެވެ.

އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަށް ވިސާ ލިބުމުގެ މައްސަލަތައް ކުރިމަތިވިކަމުގެ ޝަކުވާ ކުރިމަތިވި އެވެ. އެކަމާ ގުޅިގެން އިމިގްރޭޝަނުން ބުނެފައިވަނީ ބައެއް ފަރާތްތަކަށް ވިސާ ނުލިބެނީ އެ މީހުންގެ ސްޕޮންސަރުން އިމިގްރޭޝަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ކަމަށެވެ.

މިފަހަރުގެ އިންތިޚާބުގައި 262،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.