Roadha Mihaaru
މިފްކޯއަށް ގެއްލުންވަނީ މަހުގެ އަގު ދަށްކަމުން: އަދުލީ

މިފްކޯ އަށް ގެއްލުންވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށް ކަމުން: އަދުލީ

06 ނޮވެމްބަރ 2018

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަޒީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މާލީ ގޮތުން ކުރިމަތިވެފައިވާ މައްސަލަ ހައްލު ނުވެގެން އުޅެނީ ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ އަގު ދަށްކަމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަޒީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް މާލީ ގޮތުން ކުރިމަތިވެފައިވާ މައްސަލަ ހައްލު ނުވެގެން އުޅެނީ ދުނިޔޭގެ ބާޒާރުގައި ރޯމަހުގެ އަގު ދަށްކަމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މިފްކޯގެ މެނޭޖިން ޑައިރެކްޓަރު އަދުލީ އިސްމާއީލް "މިހާރު" އަށް މިއަދު ވިދާޅުވީ އެ ކުންފުންޏަށް ގަންނަ މަހުގެ ތިން ބައިކުޅަ ދެ ބައި އަދިވެސް އެކްސްޕޯޓް ކުރަން ޖެހެނީ ގަނޑުކުރި (ފްރޯޒަން) ރޯމަހުގެ ގޮތުގައި ކަމަށާއި އެ ބާވަތުގެ މަހުގެ އަގު ވަރަށް ދަށް ކަމަށެވެ.

"ދަޅުގައި ބަންދު މިކުރެވެނީ ގަންނަ މަހުގެ ތިން ބައިކުޅަ އެއްބައި. އަނެއް ބައި ތައިލެންޑަށް މި ބޭރުކުރަނީ ގަނޑުކުރި ރޯމަހުގެ ގޮތުގައި. އެ ބާވަތުގެ އަގު މިހާރު ވެސް ހުރީ 1500 ޑޮލަރަށް ޓަނެއްގެ ރޭޓުން، މަސްވެރި އާއިލާތަކަށް ގެއްލުން ނުވާ އަގެއްގައި ގަނެފައި އެ ރޭޓުން ވިއްކީމާ އެ ވިއްކެނީ ގެއްލުމުގައި،" އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް ރޯމަހުގެ އަގު ހުރީ ވަރަށް ދަށުގައި ކަމަށާއި އެ ގޮތުން 900 ޑޮލަރަށް ޓަނެއްގެ ރޭޓުން ވެސް ބޭރުކުރަން ޖެހުނު ކަމަށެވެ. އަދި އަގު ރަނގަޅުވި މަދު ފަހަރުތަކުގައި ވެސް އަރާފައި ވަނީ ޓަނެއް 1800 ޑޮލަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުޑަ ދުވަސްކޮޅެއް ލިބުނު އެގޮތަށް، އެކަމަކު އަނެއްކާ ވެސް އަގު ވެއްޓުނީ،" އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ މިފްކޯ ގެއްލުމުން ސަލާމަތްވުމަށްޓަކައި އެ ކުންފުނިން ބޭރުކުރާ މަހުގެ ބޮޑު ބަޔަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ހަދަން ޖެހޭ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ވެސް އެކްސްޕޯޓްކުރާ މަހުގެ ތިން ބައިކުޅަ އެއްބަޔަކީ ވެލިއު އެޑެޑް އުފެއްދުންތައްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ވެލިއުއެޑެޑް އުފެއްދުންތައް އިތުރުވުމަކީ ކޭޝް ފްލޯގެ ތާށިކަން އަންނާނެ ކަމެކެވެ. އެއީ ދަޅުގައި ބަންދުކުރި މަހަށް، ގަންނަ ފަރާތްތަކުން އަގު ދެނީ އެ އުފެއްދުން ރާއްޖޭން ބޭރަށް، އެ ގެންދަން ޖެހޭ ގައުމަށް ފުރުވާލެވުމުންނެވެ.

"ފްރޯޒަން ވެއްޖެއްޔާ، ފައިސާ ލިބޭ އެޑްވާންސްކޮށް ވެސް. އެހެންވީމާ ކޭޝްފްލޯ އަށް ތާށްޓެއް ނުވާނެ. އެކަމަކު ދަޅުގައި ބަންދުކުރި މަހަށް އަގު މި ލިބެނީ އެންމެ ކުޑަމިނުން ރާއްޖޭން ފުރުވާލާ ހިސާބުން. އޯޑަރު ނަގަން ޖެހޭ ތިން މަސްދުވަސް ކުރިން. ދެން ދަޅު ބަންދުކުރަން ބޭނުންވާ ތެލާއި ދަޅު ހަދަން ބޭނުންކުރާ މެޓީރިއަލް ގަތުމަށް އަދި މަސް ގަތުމަށް ވެސް ފައިސާތަކެއް އެ ހުންނަނީ ބަންދުވެފައި،" ތާށިކަން އަންނަ ގޮތް ތަފުސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި އެވެ.

އަދުލީ ވިދާޅުވީ ވެލިއު އެޑެޑް އުފެއްދުންތަކުގެ ގޮތުގައި ދުވާލަކު އިތުރު 50 ޓަނު ބަންދުކުރެވޭ ވަރަށް ގާބިލުކަން އިތުރުކުރުމުގެ މަސައްކަތަށް މިހާރު ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޫއްޑޫގައި 25 ޓަނު އަދި އައްޑޫގައި 25 ޓަނު ބަންދުކުރެވޭނެ ގޮތް ހެދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

"އަށެއްކަ މަސްދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރެވިދާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލުކުރުމަށް އެ ކުންފުންޏަށް ކުރިން ހަމަޖައްސައިދީފައިވާ 50 މިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން މިހާތަނަށް ދޫނުކޮށް އޮތް 25 މިިލިޔަން ރުފިޔާ ދޫކުރަން ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ފިނޭންސުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މިފްކޯ އަށް ހަމަޖައްސައިދިން ލޯނުގެ ތެރެއިން 25 މިލިޔަން ރުފިޔާ ވޭތުވެދިޔަ ދެ މަހު އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. ބާކީ 25 މިލިއަން، ކުރި އަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޫކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި އެ ލޯނަކީ މަސް ގަތުމަށް އެހީތެރިވުމަށް އުފައްދާފައިވާ 100 މިލިޔަން ރުފިޔާގެ ފަންޑަށް ސަރުކާރުން ލާފައިވަނީ 50 މިލިޔަން ރުފިޔާ އެވެ. ލޯނު ދިނުމަށް ފިނޭންސުން މިފްކޯއާ އެކު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. އެ އަށް ފަހު، ސެޕްޓެމްބަރުގައި 15 މިލިޔަން ރުފިޔާ އަދި އޮކްޓޯބަރުގައި 10 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދޫކޮށްފަ އެވެ.

މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލު ކޮށްދިނުމަށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 140 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ފޯރުކޮށްދީފައިވާ ކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ވެސް މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތަކެއް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ މަސައްކަތްތަކުގެ ތެރޭގައި އެ ކުންފުނިން ޕްރޮސެސްކުރާ މަހުގެ އަދަދު ދުވާލަކު 50 ޓަނަށް އިތުރުކުރުން ހިމެނެ އެވެ. އަދި މިފްކޯ އިން އުފައްދާ ހުރިހާ އުފެއްދުމަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ 12 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުގެ ކަންތައްތައް ހަމަ ޖައްސައި އެ ކުންުފުންޏަށް އަންގާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

"...ސަރުކާރުން މިހާތަނަށް ވެސް މަސައްކަތް ކޮށްފައި ވާނީ މިފްކޯ އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއްގެ ގޮތުގައި ހެދުމަށެވެ. މިފްކޯއަކީ ވިޔަފާރިކުންފުންޏެއް ކަމުން ސަރުކާރުން އެހީތެރިވުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ހުންނާތީ އެ އުސޫލުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދީފައި ވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

މިފްކޯ އަށް މާލީ ދަތިކަން ކުރިމަތިވެ މަސްވެރިންނަށް އަގު ދިނުން ލަސްވާކަމުގެ ޝަކުވާ ރާއްޖޭގެ ދެކުނުގެ މަސްވެެރިން އަންނަނީ ކުރަމުންނެވެ.