Roadha Mihaaru
ކަރުދާސް ނައްތާލި މައްސަލައިގައި ފުލުހުން ކުށްވެރިކޮށްފި

ވޯޓު ކަރުދާސް ނައްތައިލި މައްސަލައިގައި ޕީޕީއެމުން ފުލުހުން ކުށްވެރިކޮށްފި

08 ނޮވެމްބަރ 2018

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި މައްސަލައިގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފުލުހުން މިއަދު ކުށްވެރިކޮށްފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުން ކުރި ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން ނައްތައިލި މައްސަލައިގައި، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފުލުހުން މިއަދު ކުށްވެރިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ވޯޓާ ގުޅިގެން، ޕީޕީއެމުން ހުށަހަޅާފައިވާ މައްސަލަތައް ތަހުގީގު ކުރުމަށް ދައުލަތުގެ އިދާރާތައް އޮތީ ނުކުޅެދިފައި ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ދައުލަތުގެ ބައެއް މުއައްސަސާތަކުން މިފަދަ ކަންކަން ބެލުމަށް ނުކުޅެދިފައި އޮތް ތަން،" ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް ރައްކާކޮށްފައި ހުރީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގައިކަން ފާހަގަ ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ކަރުދާސްތައް ނައްތައިލި ގޮތް ކިޔައި ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ.

"މިކަމާ ގުޅުން ހުރި ހުރި ކޮންމެ މުއައްސަސާއެއް ޝާމިލްވާ ގޮތަށް [ނުކުޅެދިފައި އޮތީ]. މިހެން މި ދަންނަވާލަންޖެހޭ ސަބަބަކީ ވޯޓު ކަރުދާސް އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުން ނަމަ ރައްކާ ކުރެވިފައި ހުންނާނީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި. ހުއްޓައި ފުލުހުން މައްސަލައެއް ތަހުގީގު ކުރަމުން ދަނިކޮށް، އެ މައްސަލައާ ގުޅުން ހުރި އެއްޗެއް ނައްތައިލެވިގެން ދާއިރު ނައްތައިލެވިގެން ދިޔައީ ކީއްވެގެންކަން އެންމެ ކުޑަމިނުން ރައްޔިތުންނަށް އެބަޖެހޭ ކަމާބެހޭ މުއައްސަސާއަކުން ހާމަކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި އަބްދުއްރަހީމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ނިހާން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

މިއަދުގެ ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި އަބްދުއްރަހީމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ނިހާން މަޝްވަރާ ކުރައްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ވޯޓު ކަރުދާސް ނައްތައިލުމުގެ މާނަ އަކީ ޕީޕީއެމުން ތަހުގީގު ކުރުމަށް ހުށަހަޅާފައި އޮތް މައްސަލައިގެ ހެކި ނައްތައިލުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ވޯޓު ކަރުދާސްތައް ހުރީ ފުލުހުންނާއި އިލެކްޝަންސް ކޮމިޝަނުގެ ބެލުމުގެ ދަށުގައި. އަޅުގަނޑުމެން ހުށަހެޅި މައްސަލަ ބަލަންޖެހޭ ފަރާތަކީ ފުލުހުން. އެހެންކަމަށް ވާ ނަމަ އިލެކްޝަންސް އަށް އެނގިވަޑައިގަތަސް ނުގަތަސް ހަމަ ގައިމު ވެސް ފުލުހުންނަށް އެނގިވަޑައިގަންނަވާނެ ޕީޕީއެމުން މައްސަލައެއް ހުށަހަޅާފައި އޮތްކަން އަދި އެ މައްސަލައާ ގުޅުން ހުރި އެއްޗެއްކަން ވޯޓު ކަރުދާހަކީ. އެހެންވެއްޖިއްޔާ އެބޭފުޅުން ވެސް ޝާމިލްވާ ގޮތަށް ރައްކާކޮށްފައި ހުރި އެއްޗެއް. އެއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި ހުށަހަޅާފައި އޮތް މައްސަލައިގެ ހެކި ނައްތައިލުމަށް ކުރި ކަމެއް. އެކަން ކުރާއިރު އެކަން ކުރި ސަބަބު ވިދާޅުވެލައްވަން ޖެހޭނެ މޯލްޑިވްސް ޕޮލިސް ސާވިސް އިން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވިގޮތުގައި، ވޯޓު ކަރުދާސްތައް ނައްތައިލުމުގެ ސަބަބުން، އެ ޕާޓީން ހުށަހެޅި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

"އެކަމަކު މިއީ މިނިވަން ގައުމެއްގެ ގޮތުގައި ދެމި އޮތްހާ ދުވަހަކު ދިވެހި ރައްޔިތުން އެ ސުވާލު ކުރާނެ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސްތައް ނައްތައިލާފައި ވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލައިގައި، އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ ވޯޓު ކަރުދާސް ނައްތަނުލާން ފުލުހުން އަންގާފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ވެސް ބުނެފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓު ކަރުދާސްތައް ނައްތައިލިކަން ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރުމުން، އެ ދުވަހު ކޮމިޝަނުގެ ރައީސް ޝަރީފް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. ކޮމިޝަނުން ބުނެފައި ވަނީ ހާޒިރު ކުރީ މައްސަލައެއް ބަލަން ނޫން ކަމަށާއި ވޯޓު ކަރުދާސްތައް ނައްތައިލުމުގެ ކަންކަން ހިނގައިދިޔަ ގޮތް ބަލަން ކަމަށެވެ.