Roadha Mihaaru
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ޑރ. ނަޒީރު

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ޑރ. ނަޒީރު

28 ނޮވެމްބަރ 2018

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ހަމަޖައްސައިފި އެވެ.

ޝަރުއީ ދާއިރާގެ އިދާރީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމަށް ނަޒީރު ހަމަޖެއްސީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުންޏެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލުމަށް މިިދިޔަ އޮކްޓޫބަރު މަހު ވަނީ ހުޅުވައިލައިފަ އެވެ. އެއީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސައީދު ޖިނާއީ ތުހުމަތެއްގައި މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކުރުމުން އޭނާ އެ މަގާމުން ވަކި ކޮށްފައި ވާތީ އެވެ.

ހަސަނަކީ މި އަހަރުގެ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 47،000ރ. ލިބޭނެ އެވެ. އެއީ ފަސް އަހަރުގެ މުއްދަތަށް އައްޔަން ކުރާ މަގާމެކެވެ. އެކަމަކު އެ މުއްދަތު ފަސް އަހަރުން ފަސް އަހަރުން އިތުރު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް އޮންނާނެ އެވެ.

ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކަށް ހަމަޖެއްސި ނަޒީރު ޕީއެޗްޑީ ހާސިލްކުރައްވާފައިވަނީ އިކޮނޮމިކް އެޑިއުކޭޝަންގެ ދާއިރާއިންނެވެ. އޭނާ މާސްޓާސް ވެސް ފުރިހަމަ ކުރައްވާފައި ވަނީ ތައުލީމީ ދާއިރާއިންނެވެ.

ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާއިރު ފާއިތުވި 10 އަހަރުގެ ތެރޭގައި އޭނާ ހުންނެވީ ސިޔާސީ އެކި އިސްމަގާމުތަކުގަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީއަކަށް ވެސް ނަޒީރު ހުންނެވި އެވެ.