Roadha Mihaaru
އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް: ގާސިމް

ވައްކަމެއް ނުކުރަން، އެސްއޯއެފާ އެކު ކުރީ ސައްހަ މުއާމަލާތެއް: ގާސިމް

16 ފެބުރުއަރީ 2019

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏާ އެކު ވިލާ ޓްރެވަލްސް އިން ކުރީ ސައްހަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުންޏާ އެކު ވިލާ ޓްރެވަލްސް އިން ކުރީ ސައްހަ މުއާމަލާތެއް ކަމަށާއި ވައްކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ހަތް ލައްކަ ޑޮލަރު ވިލާ ޓްރެވަލްސްގެ އެކައުންޓަކަށް ވަދެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ތަފްސީލީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، މާމިގިލީ ދާއިރާގެ ގޮނޑި އަށް ވާދަކުރެއްވުމަށްޓަކައި ރަސްމީކޮށް ކެމްޕެއިން ފެށުމަށް އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވިލާ ޓްރެވަލްސް އަކީ ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް އޮންނަ ކުންފުންޏެއް ކަމަށެވެ.

އެސްއޯއެފްގެ ނަން ފާހަގަ ނުކުރައްވައި، ގާސިމް ވިދާޅުވީ އެ ކުންފުނިން ދެ ފަހަރެއްގެ މަތިން ވިލާ ޓްރެވަލްސް އަށް ޑޮލަރު ވިއްކި އިރު، ޑޮލަރަށް ވާ ދިވެހި ރުފިޔާ އެސްއޯއެފާ ހަވާލުކޮށްފައިވާ ކަމަށެވެ. އެސްއޯއެފާ އެކު ކުރި ވިޔަފާރީގެ އެ މުއާމަލާތުގެ ލިޔެކިޔުންތައް އެބަހުރި ކަމަށް ގާސިމް ވިދާޅުވި އެވެ.

ޑޮލަރު ވިއްކަން މީހަކު އައީމާ ޑޮލަރު ގަންނާނެ. މިހާރު ވެސް ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހޭ ފައިސާ، އެއް މިލިއަން، ދެ މިލިއަން ޑޮލަރަށް ވުރެ ގިނަ އެބަވޭ ބައެއް މަސްތަކުގައި. އެ ފައިސާ ބޭންކުތަކުން ނުލިބޭ ކަމަށްވާ ނަމަ، އެ ނުހޯދައި ކިހިނެއްތޯ އެ ކަން ކުރާނީ؟

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވި ގޮތުގައި، އެސްއޯއެފް ކުންފުނި އަތުން ޑޮލަރު ގަތް އިރު، އޭރު އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކަމެއް އެނގިފައެއް ނުވެ އެވެ. އަދި ބޭންކުތައް މެދުވެރިކޮށް، ޑޮލަރު ނުލިބުމުން، ލިބެން އޮތް ގޮތަކަށް އޭރު ޑޮލަރު ހޯދަމުން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

ވިލާ ޓްރެވަލްސް ދިފާއު ކުރައްވައި، ގާސިމް ވިދާޅުވީ އެއާލައިންތަކުގެ ޓިކެޓްތައް އެ ކުންފުނިން ދިވެހި ރުފިޔާ އިން ވިއްކާއިރު، އެ އަގަށް ވާ ފައިސާ ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހެނީ ޑޮލަރުން ކަމަށެވެ. އެހެންވެ، ގިނަ އަދަދެއްގެ ޑޮލަރު ބޭނުންވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ޑޮލަރު ވިއްކަން މީހަކު އައީމާ ޑޮލަރު ގަންނާނެ. މިހާރު ވެސް ވިލާ ޓްރެވަލްސް އިން އެއާލައިންތަކަށް ދައްކަން ޖެހޭ ފައިސާ، އެއް މިލިއަން، ދެ މިލިއަން ޑޮލަރަށް ވުރެ ގިނަ އެބަވޭ ބައެއް މަސްތަކުގައި. އެ ފައިސާ ބޭންކުތަކުން ނުލިބޭ ކަމަށްވާ ނަމަ، އެ ނުހޯދައި ކިހިނެއްތޯ އެ ކަން ކުރާނީ؟،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ އޭސީސީގެ ރިޕޯޓު ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ، އެ ރިޕޯޓު ފުރިހަމަ ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އޭސީސީގެ ރިޕޯޓުގައި އޮތީ ބޭންކުން ޓްރާންސެކްޝަން ހެދި މީހުންގެ ވާހަކަ ކަމަށާއި ނަގުދު ފައިސާ ގެންދިޔަ މީހުން ކޮބައިތޯ ގާސިމް ސުވާލު ކުރެއްވި އެވެ.

"ނަގުދު ފައިސާ އިން ލާރި ދިން މީހުންގެ ލިސްޓް ވެސް ހާމަ ކުރެއްވީމާ އެނގޭނީ. މިހާރު އެ އޮތީ އެއްބައި. އަނެއްބައި އަޅުގަނޑު އެދެން އެންޓި ކޮރަޕްޝަނުން އަވަހަށް ހާމަކޮށްދެއްވުމަށް. އިންސާފުވެރި ވުމަކީ އެއީ ދެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެސްއޯއެފާއި ވިލާޓްރެވަލްސްގެ މުއާމަލާތް އޭސީސީގެ ރިޕޯޓުގައި ހިމަނާފައިވީ ނަމަވެސް އެކަމާ ގުޅޭ ގޮތުން ވިލާ ޓްރެވަލްސްއާ އެ ކޮމިޝަނުން ސުވާލުކޮށްފައި ނެތް ކަމަށެވެ.