Roadha Mihaaru
އިންތިހާބުގެ ސަލާމަތީކަންކަން ބެލެހެއްޓުން ފުލުހުންނަށް

މަޖިލިސް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ ހަވާލުކޮށްފި

25 ފެބުރުއަރީ 2019

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.

އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، އިންތިހާބުގެ ކަންތައްތަކާ ހަވާލުވެ، އެއްބަސްވުމުގައި ސޮއިކުރެއްވީ ފުލުހުންގެ އެކްޓިން ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އީސީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ރައީސް އަހްމަދު ޝަރީފެވެ.

މީގެ ކުރިން ބާއްވާފައިވާ އިންތިހާބުތަކުގައި ވެސް ފުލުހުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ފަދައިން މި އިންތިހާބުގައި ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ކެމްޕެއިން ދުވަސްވަރާއި ވޯޓު ލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތަކުގައި އެހީވާ ފަދައިން، އީސީ އިން އެދޭ އެހެން ކަންތަކުގައި ވެސް އެހީތެރިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުންނާއި އީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުހުންނާއި އީސީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެތަނުގެ ބައެއް އިސްވެރިން ބައިވެރިވަޑައިގަންނަވީ -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މި އިންތިހާބު އަމާންކޮށް ގެންދިއުމަށްޓަކައި ފުލުހުން އަންނަނީ ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް ފުލުހުންގެ އެކްޓިން ކޮމިޝަނާ ހަމީދު ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަލާމަތީ އޮޕަރޭޝަންތައް ހަމަޖެއްސުމާއި، ކޮމާންޑަރުން އައްޔަނު ކުުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި އިންތިހާބަކީ ހުރިހާ ފަރާތްތަކުން ވެސް ހިތްހަމަޖެހި އަދި ރައްކާތެރި މާހައުލެއްގައި ނިމިގެންދާ އިންތިހާބަކަށް ވެ، ވަރަށް އަމާން އޮމާން ވެއްޓެއްގައި ކުރިއަށް ދާނެ އިންތިހާބަކަށް ވާނެ ކަމަށް،" ހަމީދު ވިދާޅުވި އެވެ.