Roadha Mihaaru
އަނިޔާކުރި މައްސަލައެއްގައި 3 ފުލުހަކު ވަކިކޮށްފި

އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށްފި

16 ޖޫން 2020

އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށް، އެކެއްގެ ރޭންކު ދަށްކޮށްފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުގެ އޯގަސްޓު 5 ގައި އާންމުންގެ ބަޔަކަށް އަނިޔާކުރި މައްސަލައިގައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމާ އެއްގޮތަށް ތިން ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އެއް ފުލުހެއްގެ ރޭންކް ދަށްކުރީ ވެސް އެ ނިންމުމާ އެއްގޮތަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ފިޔަވަޅުތަކަކީ ފުލުހުންގެ އަޚުލާގާއި ފުލުހުންގެ އިދާރާއަކީ ހަރުދަނާ ތަނަކަށް ހެދުމަށް ކުރަަމުން އަންނަ މަސައްކަތްތަކުގެ ހެއްކެކެވެ.

ހަމީދު ވިދާޅުވީ، ފުލުހުންގެ އިދާރާ ހަރުދަނާ ކުރުމަކީ އެންމެން ވެސް އެދޭ ކަމެއް ކަމަށާއި އެކަން ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެކަން ކާމިޔާބު ކުރުމަށް ބަސް ބުނުމުގެ ބަދަލުގައި އެކަން ކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރުން މާ ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.

ސީޕީ ހަމީދުގެ ޓުވީޓް

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުލުހުންގެ ޚިދުމަތުގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންގެ އަޚުލާގީ މިންގަނޑާއި ފުލުހުންގެ ތައުލީމީ ފެންވަރާ މެދު ވާހަކަ ދައްކަވައިފަ އެވެ.

ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ފުލުހުންނަކީ އެއްވެސް އަޚުލާގެއް ނެތް ބައެކެވެ. ފުލުހުންގެ ވަޒީފާ ދިނުމުގައި، ރަނގަޅު ތައުލީމީ މިންގަނޑަކަށް ވެސް ނުބަލަ އެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ސީޕީ ހަމީދުގެ ޓުވީޓުގައި ވިދާޅުވީ، ފުލުހުންގެ ވަޒީފާގައި ކުރަންޖެހޭ ގިނަ ކަންކަމަކީ ތައުލީމަށް ވުރެ ބޮޑަށް ވަޒީފާގެ މައިދާނާއި ތަމްރީނުތަކުގައި ދަސްވާ ކަންކަން ކަމަށެވެ. މިއީ އެހެން ގައުމުތަކުގައި ވެސް ގަބޫލުކުރާ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި، ފުލުހުންނަށް ވަޒީފާ ދިނުމުގައި ތައުލީމީ ފެންވަރަށް އިސްކަން ދެނީ ދެވަނަ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް، ފުލުހުންގެ ތެރެއިން 34 ޕަސެންޓު މީހުންނަކީ މަތީ ސާނަވީ ނިންމާފައިވާ މީހުން ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި 220 ފުލުހަކު ވަނީ ޕޯޯސްޓް ގްރެޖުއޭޓް ޑިގްރީ ހާސިލް ކޮށްފައި ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ އަޚުލާގީ މިންގަނޑާއި ތައުލީމީ ފެންވަރާ މެދު ސުވާލު އުފައްދާފައިވާއިރު، ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން ފުލުހުންގެ މުއަައްސަސާގެ ހައިބަތު ގެއްލި ފުލުހުންނަށް ކުރާ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަކަމާ އެކު އެވެ.