Roadha Mihaaru
ވާވޭ އިން "ސްމާޓް އައިނު" ރޭންޖެއް ދައްކާލައިފި

ވާވޭ އިން "ސްމާޓް އައިނު" ރޭންޖެއް ދައްކާލައިފި

28 މާޗް 2019

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ވާވޭ އިން "ސްމާޓް އައިނު" ދައްކާލައި އެ އައިނު ރޭންޖް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ މަޝްހޫރު ޓެކް ކުންފުނި ވާވޭ އިން "ސްމާޓް އައިނު" ދައްކާލައި އެ އައިނު ރޭންޖް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު އައިނު ބްރޭންޑް ޖެންޓްލް މޯންސްޓާއާ ގުޅިގެން ތައްޔާރުކުރި އަދި "ވާވޭ އެކްސް ޖެންޓްލް މޯންސްޓާ އައިވެއާ" ގެ ނަން ދީފައިވާ ސްމާޓް އައިނާ ބެހޭ ގޮތުން ވާވޭ އިން ބުނީ މިއީ ޓެކްނޮލޮޖީ އާއި ފެޝަނުގެ ގުޅި ލާމެހުމަކަށް ވާނެ ކަމަށެވެ. އެކަމަކު މީގެ ކުރިން ނެރުނު ގޫގުލް އާއި ސްނެޕްޗެޓްގެ ސްމާޓް އައިނު ފަދަ އުފެއްދުންތަކާ ހިލާފަށް، ވާވޭގެ ސްމާޓް އައިނަކީ ވަރަށް ފުރިހަމަ އެއްޗަކަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އައިނަށް ޓެކްނޮލޮޖީ ފައްތާފައި ހުންނާނީ އައިނަކަށް ފުދޭ ހުރިހާ ކަމެއް އޭގައި މާ ބޮޑަށް ވެސް ފުރިހަމަވާ ގޮތަށް ކަމަށް ވާވާ އިން ބުންޏެވެ.

"އެހެންވީމާ މިއީ ސްމާޓް އައިނާ މެދު މީހުން ދެކޭ ގޮތަށް ބޮޑު ބަދަލެއް ގެނެސް މިކަމަށް އިންގިބާލެއް ވެސް ގެނުވާނެ އުފެއްދުމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑު،" އައިނު ދައްކައިލަން ބޭއްވި ހަފުލާގައި ޖެންޓްލް މޯންސްޓާގެ ސީއީއޯ ހެންކުކް ކިމް ވިދާޅުވި އެވެ.

އައިނަށް ގިނަ ގިނަ ބައެއްގެ ސަމާލުކަން ހޯދުމުގެ ގޮތުން މި ސްމާޓް އައިނު ރޭންޖް ތައްޔާރުކޮށްފައި ވަނީ އާންމުކޮށް ހުންނަ އައިނުތަކާ ތަންކޮޅެއް ތަފާތު ގޮތަކަށް އަދި ތަފާތު ސްޓައިލްތަކެއް ވެސް ހިމެނޭ ގޮތަށެވެ. އެކަން އައިނުގެ ލެންސްތަކުން ވެސް ފާހަގަވެ އެވެ. އަދި މިއީ ވަޔަލެސްކޮށް ޗާޖް ވެސް ކުރެވޭނެ އުފެއްދުމެކެވެ.

ވާވޭގެ ސްމާޓް އައިނުގެ އިތުރު ފީޗާތަކަށް ބަލާ އިރު މިއީ އަޅައިގެން ހުންނަ އިރު އަތުގައި އޮންނަ ސްމާޓް ފޯނާ ގުޅިފައި އިންނަ އެއްޗަކަށް ވާނެ އެވެ. އެގޮތުން މައިކާއި ސްޕީކަރާއި ބްލޫޓޫތު ފަދަ ފީޗާތަކާ ކުޅެވޭ ގޮތަށް ހަދާފައިވާ އިރު، އައިނުން ކޯލްތައް ވެސް ނަގައި، ވޮއިސް ކޮމާންޑްގެ ހިދުމަތް ވެސް ދޭނެ އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި ސްމާޓް އައިނު ބާޒާރަށް ނެރެން ނިންމާފައިވާ އިރު، އަގު އަދި ހާމައެއް ނުކުރެ އެވެ.