Roadha Mihaaru
ކުއްޖަކު ގޮވައިގެން ސަލާންޖެހި މީހަކު ޖޫރިމަނާކޮށްފި

ކުއްޖެއްގެ ކަރާމާތް ގެއްލޭ ގޮތަށް ސަލާންޖެހި މީހަކު ޖޫރިމަނާކޮށްފި

21 އެޕްރީލް 2019

މާލޭގައި ކުޑަކުއްޖަކު ގޮވައިގެން މަގުމަތީގައި ސަލާންޖަހައި، އެ ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކުރި މަންމައަކު ކުށްވެރިވެ، ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ކުޑަކުއްޖަކު ގޮވައިގެން މަގުމަތީގައި ސަލާންޖަހައި، އެ ކުއްޖާގެ ކަރާމާތް ގެއްލޭ ގޮތަށް އަމަލުކުރި މަންމައަކު ކުށްވެރިވެ، ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޯޓުން އެގޮތަަށް ހުކުމްކުރީ ދެ އަހަރުގެ ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އެ ކުއްޖާ ގޮވައިގެން މާރުކޭޓު ސަރަހައްދުގައި ސަލާންޖަހަން އުޅުނު އެ ކުއްޖާގެ މަންމަގެ މައްޗަށެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނާ ހަވާލާދީ އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާކުރީ އެގޮތަށް އަމަލު ނުކުރަން ޖެންޑާ މިނިސްޓްރީން ނަސޭހަތްތެރިވުމުން ވެސް އެގޮތަށް އަމަލު ނުކުރުމުންނެވެ.

ކޯޓުގެ ހުކުމުގައިވާ ގޮތުން އެ މީހާ ވަނީ އެ ދައުވާ އަށް އިއުތިރާފުވެ، ދަރިންގެ ކަރާމާތަށް ގެއްލުން ލިބޭ ފަދަ އަމަލެއް ދެން ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަނިވެރިން މައިންނަށް ލިބޭ ފައިސާ ވެސް މިހާރު ލިބޭ ކަމަށާއި އަދި އޭނާގެ އިތުރު ދެ ކުދިން ވެސް އޭނާގެ ތިބޭތީ ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ އަދަބު ދިނުމަށް އެދިފައިވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ހުކުމުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން، ކުޑަކުދިންގެ ކަރާމާތަށް ގެއްލުން ލިބޭ ކަމެއް ނުކުރުމަށާއި އެފަދަ ކަމެއް އެހެން މީހަކު ކުރިޔަ ނުދިނުމަކީ މައިންބަފައިންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީން ތަކުރާރުކޮށް ދިން ނަސޭހަތަށް ވެސް އޭނާ އަމަލު ކޮށްފައި ނުވާތީ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ އެ އަމުރަށް އޭނާ ނުކިޔަމަންތެރިވެފައިވާތީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން 150ރ. އިން އޭނާ ޖޫރިމަނާކޮށް، 30 ދުވަސް ތެރޭގައި އެ ފައިސާ ދައްކަން އަންގާ ކަމަށް ގާޒީ އަލީ ރަޝީދު ހުސައިން އިއްވެވި އެ ހުކުމުގައި ވެ އެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ އޭނާ އެ ކުށް ކުރީ ކުރީގެ ގާނޫނުލް އުގޫބާތަށް އަމަލުކުރި ދުވަސްވަރު ކަމަށް ވުމުންނެވެ. އަދި ކުށްކުރި އިރު އެ ކުށަކަށް ގާނޫނުގައި އޮންނަ އަދަބަށް ވުރެ ބޮޑު އަދަބެއް ދިނުން ގާނޫނުއަސާސީ މަނާ ކުރާއިރު، މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގައި އެކަމަށް އޮންނަ އަދަބު ކުރީގެ ގާނޫނުލް އުގޫބާތަށް ވުރެ ބޮޑެވެ.

ކުރީގެ ގާނޫނުލް އުގޫބާތުގައި އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށަށް އޮންނަނީ ގިނަވެގެން ހަ މަހަށް ޖަލަށްލުން ނުވަތަ ގޭ ބަންދު ކުރުން ނުވަތަ އަރުވާލުން ނުވަތަ އެންމެ ގިނަވެގެން 150ރ. އިން ޖޫރިމަނާ ކުރުމެވެ.

މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގައި، ކުޑަކުދިންގެ މަސްލަހަތަށް ގެއްލުން ލިބޭ އަމަލެއް ކުރުމުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ. އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލު ކުރުމުން ޖޫރިމަނާ 21،000ރ. އަށް އަރަ އެވެ.