Roadha Mihaaru
ރިވައިވަލްގެ ތަމްރީންތަކަށް ތަޖުރިބާކާރު ކޯޗަކު އެހީވަނީ

ރިވައިވަލްގެ ތަމްރީންތަކަށް ތަޖުރިބާކާރު ކޯޗަކު އެހީވަނީ

21 ޖޫން 2019

މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ޒަޔާން ޒަކީގެ އިސްނެގުމާ އެކު އުފެއްދި ރިވައިވަލް ސްޕޯޓްސް އަށް ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާންގެ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި އަހަރުގެ ކުރީކޮޅު ގައުމީ ބެޑްމިންޓަން ޓީމަށް ކުޅުން ހުއްޓާލި ޒަޔާން ޒަކީގެ އިސްނެގުމާ އެކު އުފެއްދި ރިވައިވަލް ސްޕޯޓްސް އަށް ސިންގަޕޫރުގެ ތަޖުރިބާކާރު ބެޑްމިންޓަން ކޯޗު އަބްދުލް ހާމިދު ހާންގެ އެހީ ހޯދުމަށް ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ކުރިން ޒަޔާންގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ކޯޗު ހާމިދު ޗުއްޓީ ދަތުރެއްގައި އައިސް ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިންނަށް އިއްޔެ ވަނީ ޓްރެއިނިން ސެޝަނެއް ނަގައިދީފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ކޯޗު ހާމިދުއާ ގުޅިގެން އިތުރު ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންދަން މަޝްވަރާކުރަމުން އަންނަ ކަމަށް ރިވައިވަލް ސްޕޯޓްސް އިން ބުނެ އެވެ. މިއީ އުއްމީދީ ކްލަބެއްކަން ފާހަގަކޮށް ހާމިދު ވަނީ އެ ކްލަބުގެ ތަމްރީންތައް ކުރިއަށް ގެންދާނެ ޕްރޮގްރާމެއް ވެސް ތައްޔާރުކޮށްދީފަ އެވެ.

"ކްލަބުން ދައުވަތު ދީފިން ކޯޗު (ހާމިދު) އަށް. މަޝްވަރާކުރެވެމުން މިދަނީ ކޯޗު އައިސް ރާއްޖޭގައި އިތުރު ޝެޝަންތަކެއް ނަގައިދޭގޮތަށް. އުއްމީދުކުރަނީ އެ ކަންތައްތައް މި އަހަރު ފަހުކޮޅުގައި ނޫނީ އަންނަ އަހަރު ކުރީކޮޅިގައި ހަމަޖެހިގެންދާނެ ކަމަށް،" ރިވައިވަލް ސްޕޯޓްސްގެ މުއައްސިސް އަދި ކުޅުންތެރިޔާ ޒަޔާން ބުންޏެވެ.

ސިންގަޕޫރު ބެޑްމިންޓަން އެސޯސިއޭޝަނުގެ ޑެޕިއުޓީ ޗެއާމަން ހާމިދަކީ 1992 ވަނަ އަހަރު ބާސެލޯނާގައި އޮތް އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ވާދަކުރި ކުޅުންތެރިޔެކެވެ. އުމުރުން 19 އަހަރުގައި ސިންގަޕޫރުގެ ގައުމީ ޗެމްޕިއަންކަން ހޯދި ހާމިދު ވަނީ ހަތް ފަހަރު ސިންގަޕޫރުގެ ސިންގަލްސް ތަށި އުފުލާލައިފަ އެވެ. އަދި 10 ފަހަރު ގައުމީ ޑަބަލްސް ޗެމްޕިއަންކަން ހޯދި އެވެ. ކުޅުން ހުއްޓާލުމަށް ފަހު ކޯޗިންގެ ތެރެއަށް 2000 ގެ ކުރީކޮޅުގައި އައިސް ސިންގަޕޫރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޑިރެކްޓާ އޮފް ކޯޗިންގެ މަގާމު ފުރިއިރު، މިހާރު ވެސް އަންނަނީ އެ އެސޯސިއޭޝަނުގައި ފުލްޓައިމް ކޯޗެއްގެ ގޮތުގައި މަސައްކަތްކުރަމުންނެވެ.

އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގައުމީ ފިރިހެން ޓީމު ރިހި މެޑަލް ހޯދިއިރު ބޮޑު ހިއްސާއެއްވި އޭރުގެ ކެޕްޓަން ޒަޔާން މިދިޔަ ފެބްރުއަރީ ގައުމީ ޓީމާ ވަކިވީ، ހަމަހަމަ ފުރުސަތުތަކެއް ނުލިބޭ ކަމަށް އިޝާރާތްކޮށްފަ އެވެ.

ކުޅުންތެރިންނަށް އިތުރު ފުރުސަތުތައް ހޯދުމުގެ ވިސްނުމުގައި އުފެއްދި ރިވައިވަލް ސްޕޯޓްސް އިން އެއް ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ޕްރޮފެޝަނަލް ކޮންޓްރެކްޓް ދިނީ އަހުމަދު ތޯއިފާއި ރިޝްވާން ޝިޔާމަށެވެ. ދެ ވަނަ ޑިވިޝަން ކުޅުންތެރިންގެ ގޮތުގައި ސޮއިކުރީ މުހައްމަދު ސާރިމާއި އިބްރާހިމް ރާޝިހު އަދި އައްފާން އަލީ އެވެ. މީގެ ތެރެއިން ތޯއިފާއި ސާރިމް އަދި ރިޝްވާން ވަނީ މީގެ ކުރިން ގައުމީ ބެޑްމިންޓަން ޓީމަށް ކުޅެފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެހީތެރިކަމާ އެކު ދާދި ފަހުން މޮރިޝަސްގައި އޮތް ބެޑްމިންޓަން މުބާރާތުގައި ރިވައިވަލް ސްޕޯޓްސްގެ ދެ ކުޅުންތެރިޔަކު ވަނީ ވާދަކޮށްފަ އެވެ. އެއީ ޒަޔާންގެ އިތުރުން ރިޝްވާން އެވެ. ފިރިހެން ސިންގަލްސް ބައިން ޒަޔާން ބަލިވީ ފުރަތަމަ ބުރުންނެވެ. އަދި ސިންގަލްސް ބައިން މެދުކެނޑުމަކަށް ފަހު ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅުނު ރިޝްވާން ކޮލިފައިން ބުރުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެ ބުރު ފަހަނައަޅައި ދެވޭގޮތެއްނުވި އެވެ.

ކުރިއަށް އޮތްތަނުގައި ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރާނެ ކަމަށް ރިވައިވަލް ސްޕޯޓްސް އިން ބުނެ އެވެ.