Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

15 ޖުލައި 2019

މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި އަންނަ އަހަރުގެ އޮގަސްޓް 14 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ރިލީޒްކުރި ޖޯން އަބްރަހަމްގެ ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ" ގެ ދެވަނަ ބައި އަންނަ އަހަރުގެ އޮގަސްޓް 14 ގައި ރިލީޒްކުރަން ނިންމައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، މިލަޕް މިލަން ޒަވޭރީ ލިޔެ، ޑައިރެކްޓް ކުރި "ސަތިޔަމޭވް ޖަޔަތޭ" ގައި ޖޯން ކުޅެފައި ވަނީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ވަރަށް ޒިންމާދާރު އަދި ޖެހިލުން ކުޑަ ފުލުހެއްގެ ރޯލެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއަކީ ފިލްމުގެ ދެވަނަ ބައި ހަދާނެކަން އިއުލާންކުރީ މިދިޔަ އަހަރު އެވެ. އިއުލާންކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސަތިޔަމޭވް ޖަޔަތޭ 2" ޝޫޓިން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. މިލަޕް މި ވަގުތު އަންނަނީ އަންނަ އޮކްޓޯބަރުގައި ރިލީޒްކުރާ ފިލްމު "މަރުޖާވާ" ގެ މަސައްކަތް ކުރަމުންނެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އޮގަސްޓް 15 ގައި މިދިޔަ އަހަރު ރިލީޒް ކުރި "ސަތިޔަމޭވް ޖަޔަތޭ" އަކީ ބޮކްސް އޮފީހުގައި 108.32 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. ފިލްމު ހަދަން ހޭދަކުރީ 45 ކްރޯޑް (7 މިލިއަން ޑޮލަރު) އެވެ.

"ސަތިޔަމޭވް ޖަޔަތޭ" އަކީ މިދިޔަ އަހަރު އެންމެ ހިނގި އައިޓަމް ލަވަ "ދިލްބަރު" ވެސް ހިމެނުނު ފިލްމެވެ.

ޖޯންގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ "ބަތުލާ ހައުސް" އެވެ.

"ބޫލް ބުލައްޔާ 2" ގެ ޑައިރެކްޓަރަކަށް އަނީސް

އަކްޝޭ ކުމާރު 2007 ގައި ކުޅުނު ކާމިޔާބު ސައިކޮލޮޖިކަލް ތުރިލާ "ބޫލް ބުލައްޔާ" ގެ ދެވަނަ ބައިގެ ޑައިރެކްޓަރަކަށް އަނީސް ބަޒްމީ ހަމަޖައްސައިފި އެވެ.

މުޅިން ތަފާތު ކާސްޓަކާ އެކު "ބޫލް ބުލައްޔާ 2" ގެނެސް ދޭން ނިންމާފައިވާ އިރު، ކުރީގެ ފިލްމު ޑައިރެކްޓް ކުރީ ޕްރިޔާދަރުޝަނެވެ. އެ ފިލްމުގެ ކާސްޓުންނަކީ އަކްޝޭއާ އެކު، ވިދިޔާ ބަލަން، ޝައިނީ އަހޫޖާ އަދި އަމީޝާ ޕަޓޭލެވެ.

ކާތިކް އަދި އަނީސް.

ކާތިކް އަދި އަނީސް.

"ބޫލް ބުލައްޔާ 2" ގެ ލީޑް އެކްޓަރަކީ ކާތިކް އާރިޔަނެވެ. ނަމަވެސް ފިލްމުގައި ދެން ހިމެނޭ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. އަދި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް ވެސް ނޭނގެ އެވެ.

ކާތިކް މި ވަގުތު "ޕަތީ ޕަތުނީ އޯރު ވޯ" ގެ މަސައްކަތް ކުރަމުން އަންނަ އިރު، އަނީސް އަންނަނީ ނޮވެމްބަރު 8 ގައި ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ" ގެ މަސައްކަތް ކުރަމުންނެވެ.

"ގިނީ ވެޑްސް ސަނީ" ގައި ޔާމީ އާއި ވިކްރާންތު

އަންނަ އަހަރު ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "ގިނީ ވެޑްސް ސަނީ" ގެ ލީޑް ރޯލަށް ޔާމީ ގޯތަމް އާއި ވިކްރާންތު މަސޭ ސޮއިކޮށްފި އެވެ.

ދާދި ފަހުން އަޔޫޝްމަން ކުރާނާއާ އެކު "ބާލާ" ގެ ޝޫޓިން ނިންމައިލި ޔާމީއަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ބަތަލާ އެވެ. ވިކްރާންތަކީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރާ ދީޕިކާ ޕަދްކޯންގެ އާ ފިލްމު "ޗަޕާކް" ގެ ބަތަލެވެ.

ޔާމީ އަދި ވިކްރާންތު.

ޔާމީ އަދި ވިކްރާންތު.

ފިލްމީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ގިނީ ވެޑްސް ސަނީ" ގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ނުކުންނަ ޕުނީތު ކަންނާ އެވެ. ފިލްމުގެ ޕްރޮޑިއުސަރަކީ ވިނޯދު ބައްޗަނެވެ.

"ބެތާލް" އަކީ ވެސް ޝާހްރުކްގެ އުފެއްދުމެއް

ޝާހްރުކް ހާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ނެޓްފްލިކްސް ގުޅިގެން އުފެއްދުންތަކެއް ގެނެސް ދޭން ތައްޔާރުވަމުން އަންނަ އިރު، ތިން ވަނަ އުފެއްދުމެއްގެ މަސައްކަތް ވެސް ފަށައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ތިން ވަނަ ޕްރޮޖެކްޓްގެ ނަމަކީ "ބެތާލް" އެވެ. އަދި އޭގެ ލީޑް ބަތަލާއަކީ 2016 ގައި ރިލީޒް ކުރި ފިލްމު "ލިޕްސްޓިކް އަންޑާ މައި ބުރުގާ" ގެ ކާސްޓްގައި ހިމެނޭ އަހާނާ ކުމްރާ އެވެ. ނަމަވެސް ޕްރޮޖެކްޓާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ ޝާހްރުކްގެ ފުރަތަމަ އުފެއްދުމަކީ އިމްރާން ހާޝިމީ ލީޑް ރޯލުން ފެނިގެންދާ އަދި އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ސްޓްރީމް ކުރާ "ބާޑް އޮފް ބްލަޑް" އެވެ.

މީގެ އިތުރުން ޝާހްރުކާއި ނެޓްފްލިކްސް އަންނަނީ ބޮބީ ޑިއޯލްއާ އެކު "ކްލާސް އޮފް 83" ކިޔާ ޕްރޮޖެކްޓެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.