Roadha Mihaaru
ކްރޮސްރޯޑްސް އަށް ދާން 160 ރުފިޔާ!

ކްރޮސްރޯޑްސް އަށް ދާން 160 ރުފިޔާ!

02 އޮކްޓޯބަރ 2019

ކްރޮސްރޯޑްސް އަށް ދާން ބޭނުން އާންމުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކްރޮސްރޯޑްސް އަށް ދާން ބޭނުން އާންމުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ފޭސްބުކްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުން ދަ މެރީނާ އެޓް ކްރޮސްރޯޑްސް އަށް ދާން ބޭނުންވާ މީހުންނަށް މާލޭ އެމްޓީސީސީ ފެރީ ޓާމިނަލުން ޓިކެޓް ގަނެވޭނެ އެވެ. ޓިކެޓަށް ދިވެހި ރުފިޔާއިން އަދި ޑޮލަރުން ފައިސާ ދެއްކޭނެ އެވެ.

ދެކޮޅު ޓިކެޓްގެ އަގުތައް

ދިވެހިންނާއި ބޭރު މީހުންނަށް: 160ރ.

ޓޫރިސްޓުންނަށް: 660ރ.

މީގެ އިތުރުން އުމުރުން ހަތަރު އަހަރާއި 12 އަހަރުގެ ކުދިންނަށް ދެކޮޅަށް 80ރ. އަށް ދަތުރު ކުރެވޭނެ އެވެ. އަދ ހަތަރު އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރު ކުރެވޭނެ އެވެ. ކްރޮސްރޯޑްސް އަށް ދާ ފެރީގެ ދަތުރުތައް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އޮންނާނެ އެވެ.

ލޯންޗެއްގައި 15 ވަރަކަށް މިނެޓްގެ ތެރޭގައި ދެވޭ ކްރޮސްރޯޑްސްގައި އެއްފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ހިމެނެ އެވެ. މި ޔޮޓް މެރީނާ އިން ކްރޮސްރޯޑްސްގެ މަލަމަތި ވަރަށް ޗާލެވެ.

އެތަނުގެ ވަށައިގެން ހުންނަނީ ފިހާރަތަކަށް ހާއްސަ އިމާރާތްތަކެވެ. އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ގިނަ ތަންތަން ހިމެނޭ މެރިނާ ސަރަހައްދުގައި މޯލްޑިވްސް ޑިސްކަވަރީ ސެންޓަރަކާއި މެރިން ސެންޓަރެއް ވަނީ ހުޅުވައިފަ އެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ކެފޭތަކާއި ރެސްޓޯރެންޓްތައް މި ސަރަހައްދުގައި ހުޅުވިގެންދާނެ އެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ދަ މެރީނާ އެޓް ކްރޮސްރޯޑްސްގެ އިމާރާތެއް. ފޮޓޯ: ހުސައިން ވަހީދު/ މިހާރު

މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށްވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫނާއި ދަ މެރީނާ އެޓް ކްރޮސްރޯޑްސް ރަސްމީކޮށް ހުޅުވީ މިދިޔަ މަހު 19 ވަނަ ދުވަހު އެވެ.

ކްރޮސްރޯޑްސް ތަރައްގީކުރަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންހާ އެސްޓޭޓުންނެވެ. މުޅި މަޝްރޫއު ނިމޭ އިރު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ފުރަތަމަ ފިޔަވަހި ނިންމާލީ 33 މަސް ދުވަހުންނެވެ. އަދި ފުރަތަމަ ފިޔަވަހީގެ މަސައްކަތަށް 300 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.

ކްރޮސްރޯޑްސްގެ ހުރިހާ ރަށެއް ނިމޭ އިރު އެތަނުގައި 1،300 ޓޫރިސްޓް އެނދު ހުންނާނެ އެވެ. އަދި 3،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.