Roadha Mihaaru
ފަންނުވެރިންގެ އުފެއްދުންތައް ކްރޮސްރޯޑަށް ގެންދަނީ

"ފަންނު" އެކްސްޕޯގެ ބައެއް އުފެއްދުންތައް ކްރޮސްރޯޑަށް ގެންދަނީ

30 ނޮވެމްބަރ 2019

މި ހަފުތާގައި ބޭއްވި "ފަންނު" އެކްސްޕޯގެ ބައެއް އުފެއްދުންތައް ކްރޮސްރޯޑުގައި ބަހައްޓައިގެން ވިއްކޭނެ އިންތިޒާމް ހަމަޖައްސަން ސިންހާ އެސްޓޭޓުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި ހަފުތާގައި ބޭއްވި "ފަންނު" އެކްސްޕޯގެ ބައެއް އުފެއްދުންތައް ކްރޮސްރޯޑުގައި ބަހައްޓައިގެން ވިއްކޭނެ އިންތިޒާމް ހަމަޖައްސަން ސިންހާ އެސްޓޭޓުން ނިންމައިފި އެވެ.

ޑިރެކްޓަރު ޑރ. ޗަޔަނިން ދެބްހަކަމް މިއަދު ވިދާޅުވީ، ފަންނު އެކްސްޕޯ އިން ދިވެހިންގެ ވަރަށް ފުރިހަމަ އުފެއްދުންތަކެއް ފެނިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމުން މަސައްކަތް މި ކުރަނީ ފަންނު އެކްސްޕޯގެ އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިންްގެ މަސައްކަތްތައް ކްރޮސްރޯޑުގައި ޑިސްޕްލޭ ކުރެވޭނެ ގޮތް ހެދުމަށް،" އޭނާ ވިދާޅުވި އެވެ.

ކްރޮސްރޯޑުގައި މިތަކެތި ޑިސްޕްލޭ ކުރާނީ ކަލްޗަރަލް ސެންޓަރުގަ އެވެ. އެތަނުގައި ބަހައްޓާނެ ތަކެތި ކަނޑައަޅާނީ، ފާހަގަކުރެވޭ ފަންނުވެރިންނާ އިންޓަވިއު ކުރުމަށް ފަހު އެވެ.

ޗަޔަނިން ވިދާޅުވި ގޮތުގައި، ފަންނުވެރިންގެ މަސައްކަތްތަކުގެ ތެރެއިން ކަލްޗަރަލް ސެންޓަރުގައި ބެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދޭނީ ދިވެހި އުފެއްދުންތަކެވެ.

"ޓޫރިސްޓުންނަށް މި ތަކެތި ގަނެވޭނެ އިންތިޒާމު ހަމަޖައްސައި ދޭނަން. އަދި އެ ތަކެތިން ލިބޭ އާމްދަނީ، މުޖުތަމައަށް ފައިދާ ހުރި ކަންކަމަށް ހަރަދު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ފަންނު އެކްސްޕޯގެ މެއިން އެއް ސްޕޮންސަރަކީ ވެސް ކްރޮސްރޯޑްސް އެެވެ. އެތަނުގެ އިސްވެރިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެކްސްޕޯ އަށް ޒިޔާރަތް ކުރައްވައި ފަންނުވެރިންގެ މަސައްކަތްތައް ބައްލަވައިލައްވާފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ފަންނު އެކްސްޕޯ ގައި 300 އަށް ވުރެ ގިނަ މީހުންގެ އުފެއްދުންތައް ދައްކާލާފައިވާ އިރު އެކްސްޕޯގެ ފަސް ދުވަހުގެ ތެރޭގައި 20،000 އަށް ވުރެ ގިނަ މީހުން އެ ތަނަށް ދިޔަ އެވެ.