Roadha Mihaaru
ނަސްރު ލިބޭނީ ބަހުން، ކަނޑިއަކުން ނޫން: ނަޝީދު

ނަސްރު ލިބޭޏީ ބަހުން، ކަނޑިއަކުން ނޫން: ނަޝީދު

03 ނޮވެމްބަރ 2019

ކަންކަމުގައި ނަސްރު ލިބޭނީ ހިކުމަތްތެރިކަމާ އެކު ދުލާއި ގަލަމުން ފާޅުކުރާ ހިޔާލުތަކުން ކަމަށާއި އެއީ ކަނޑި އާއި ބަޑީގެ ގޮށްމުށުގެ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަންކަމުގައި ނަސްރު ލިބޭނީ ހިކުމަތްތެރިކަމާ އެކު ދުލާއި ގަލަމުން ފާޅުކުރާ ހިޔާލުތަކުން ކަމަށާއި އެއީ ކަނޑި އާއި ބަޑީގެ ގޮށްމުށުގެ ބާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ސްކޫލްތަކުގެ މެދުގައި ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިއަދު ފާހަގަކުރާ ނަސްރުގެ ދުވަހަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ ނަސްރުގެ ދުވަސް ވެސް ގުޅުވެން އޮތީ ހިޔާލުފާޅުކުރުންތަކާ އެވެ. އަދި އެފަދަ ދުވަސްތައް ތަޖުރިބާކުރަން ޖެހެނީ ބަހަށް ޖާގަނުދީ، ހިޔާލުތައް ހާމަ ކުރެވޭނެ ގޮތްތައް ބަންދުވުމުން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ނަސްރު ހޯދޭނީ ބަހުން، ކަނޑިއަކުން ނޫން، ނަސްރު ލިބެން އޮތީ ދުލުން، ގޮށްމުށަކުންއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑު ތިޔަ ދަރިވަރުންނަށް ވެސް ބުނެލަން އޮތީ ގިނަގިނައިން މައުލޫމާތު ހޯދައިގެން ލިޔާށޭ. ގިނަގިނައިން ލިޔާށޭ."

ލިޔުންތެރިކަމާއި ކިޔުންތެރި ކަމަށް ދަރިވަރުންނަށް ހިތްވަރު ދެއްވަމުން އެ މަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރަން ވާނީ އެއީ ލޯބިން ޝައުގުވެރިކަމާ އެކު ކުރާ ކަމެއްގެ ގޮތުގަ އެވެ. އަދި ސިޔާސީ މަސައްކަތާއި ލިޔުންތެރިކަމަކީ އެ އެމަނިކުފާނު ވެސް ލޯތްބާ އެކު ކުރައްވާ މަސައްކަތްތަކެއް ކަމަށް ވިދާޅުވި އެވެ.

"ލިޔުންތެރިންނަށް ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެއީ، ލިޔުންތެރިޔާ ހިތުން ލިޔަނީ އެ ލިޔުންތެރިޔާއަށް ދިމާވެފައި ކަންކަން. ނަމަވެސް ބައެއް ކިޔުންތެރިން ނަގަނީ މުޅިން އެހެން ގޮތަކަށް. އަޅުގަނޑު ވެސް ހިތުން ލިޔުނީ ކަމެއް މީހަކަށް އޮޅުންފިލުވައި ދޭން،" ނޫސްވެރިކަން ކުރެއްވި ދުވަސްވަރުގެ ތަޖުރިބާތަކާ ގުޅުވައި ނަޝީދު ވިދާޅުވި އެވެ. "ނޫނީ އަޅުގަނޑަށް ކުރެވުނު ތަޖުރިބާއެއް، އެކަމު ކޮންމެ ފަހަރަކު ލިޔާއިރަށް ގައުމާ ނުރައްކާ ހުރި ވާހަކަ ލިޔުނޭ ބުނެފައި ހިފައި ގެންގޮސް ހައްޔަރު ކުރީ."

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގައުމެއް ބިނާ ކުރުމުގައި ލިޔުންތެރީންނަކީ ވަރަށް މުހިއްމު ދައުރު އަދާކުރާ ބައެކެވެ. އަދި ދުނިޔޭގެ ތާރީހާއި ރާއްޖޭގެ ތާރީހަށް ނަޒަރު ހިންގައިލުމުން ވެސް ލިޔުންތެރިން ގެނެސްދީފައިވާ ބަދަލުތައް ފާހަގަކުރެވޭ ކަމަށާއި ލިޔުންތެރިން ކުރި މަސައްކަތްތަކުގެ ސަބަބުން އެ ލިޔުންތެރިންނަށް ދިމާވެފައިވާ ދަތިތައް ވެސް އެބަހުރި ކަމަށް ވިދާޅުވި އެވެ.

ނަޝީދު އައްޑު އަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމައިލެއްވުމަށް ފަހު، މިއަދު ހަވީރު ވަނީ މާލެ ވަޑައިގެންފަ އެވެ. މި ދަތުރުގެ ތެރޭގައި އެ މަނިކުފާނުގެ އައްޑޫގެ އަވަށްތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާފައިވެ އެވެ.