Roadha Mihaaru

ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ

ގއ. ދާންދޫ އަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި، 30 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.

ދާންދޫގައި ފެންބޮޑުވެ 30 ގެއަކަށް ގެއްލުންވެއްޖެ
ލަމްޔާ އަބްދުﷲ
ލަމްޔާ އަބްދުﷲ

15 ޑިސެމްބަރ 2019

ގއ. ދާންދޫ އަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި، 30 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.

ދާންދޫ ކައުންސިލް މެމްބަރު ޝަމްހީދު އިބްރާހިމް "މިހާރު" އަށް ވިދާޅުވީ، ފަތިހު 4:30 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. ވާރޭ ވެހުމުން މީގެ ކުރިން ވެސް ފެންބޮޑުވާ ކަމަށާއި އެކަމަކު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން، ކުރިން ފެންބޮޑުވާ ވަރަށް ވުރެ ބޮޑަށް ފެން ހެދުނު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.

"ކަރަންޓު ސާމާނަށާއި ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވި،" ޝަމްހީދު ވިދާޅުވި އެވެ.

ވާރޭ ވެހުމުން އާންމުކޮށް ފެން ވަންނަނީ އެ ރަށުގައި ދެތިން ގެއަކަށް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް މިއަދު ތިން ސަރަހައްދެއްގައި ދެ ފޫޓަށް ފެން ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއް

ފެންބޮޑުވުމުގެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.

ޝަމްހީދު ވިދާޅުވީ ދާންދޫގައި ތިބޭ ފުލުހުންނާއި އެ އަތޮޅު ވިލިނގިލި ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރަށުގައި ފެންބޮޑުވާން ފެށީ އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް ހިންގުމުގެ ފަހުން ކަމަށް ޝަމްހީދު ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދާންދޫއިން ފެންހިންދުމުގެ މަސައްކަތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ފުލުހުން

ދާންދޫއިން ފެންހިންދުމުގެ މަސައްކަތުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: ފުލުހުން

"އެކަން ކުރަނީ [ބިން ހިއްކަނީ] އެކަމުގެ ސަބަބުން ކުރާނެ ގެއްލުމަށް ވިސްނާފައެއް ނޫން. އެކަމާ މެދު ވިސްނާލުމަށް ފަހު، އެކަށީގެންވާ ފިޔަވަޅާ އެކު އެ މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ޝަމްހީދު ވިދާޅުވި އެވެ.

ދާންދޫގައި 2050 އަށް ވުރެ ގިނަ މީހުން އުޅެ އެވެ. އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއެއް އެންމެ ފުރަތަމަ ހިންގާފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ.