Roadha Mihaaru
23 ޕާޓީގެ އިއްތިހާދަކާ އެކު މުޝައްރަފު ސިޔާސީ މައިދާނަށް

23 ޕާޓީގެ އިއްތިހާދަކާ އެކު މުޝައްރަފު އަލުން ސިޔާސީ މައިދާނަށް

13 ނޮވެމްބަރ 2017

އިސްލާމްއާބާދު (ނޮވެމްބަރު 13) - ތޭވީސް ޕާޓީ ހިމެނޭ އިއްތިހާދެއް އުފެއްދުމަށް ފަހު ޕާކިސްތާނަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ފައްޓަވަން ކުރީގެ އަސްކަރީ ލީޑަރު ޕަރްވޭޒް މުޝައްރަފް ނިންމަވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ނޮވެމްބަރު 13) - ތޭވީސް ޕާޓީ ހިމެނޭ އިއްތިހާދެއް އުފެއްދުމަށް ފަހު ޕާކިސްތާނަށް ވަޑައިގެން ސިޔާސީ ހަރަކާތްތައް ފައްޓަވަން ކުރީގެ އަސްކަރީ ލީޑަރު ޕަރްވޭޒް މުޝައްރަފް ނިންމަވައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޕާކިސްތާން އަވާމީ އިއްތިހާދު (ޕީއޭއައި) ގެ ނަމުގައި އުފައްދާ އިއްތިހާދުގެ ލީޑަރަކީ 74 އަހަރުގެ މުޝައްރަފެވެ. އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް އަކީ އިގްބާލް ދާރެވެ.

ދުބާއީގައި ހުންނަވާ ވީޑިއޯ ކޮންފަރެންސް މެދުވެރި ކުރައްވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުޝައްރަފް ވިދާޅުވީ މުއްތަހިދާ ގައުމީ މޫވްމަންޓް (އެމްކިޔުއެމް) އާއި ޕާކް ސަރްޒަމީން ޕާޓީ (ޕީއެސްޕީ) އަށް ވެސް އިއްތިހާދުގައި ބައިވެރިވުމަށް ދައުވަތު ދީފައިވާ ކަމަށެވެ. އަދި އިއްތިހާދުގެ ހުރިހާ ޕާޓީތަކުން އިންތިޚާބުތަކުގައި ވާދަކުރާނީ އެއް ނަމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ. ކުރީގެ ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާން ހިންގަވާ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން ވެސް އިއްތިހާދުގައި ގުޅުމަށް ވަނީ ދައުވަތު ދީފަ އެވެ.

ސިޔާސީ ހަރަކާތްތައް ހިންގަވަން ވަރަށް އަވަހަށް ޕާކިސްތާނަށް ވަޑައިގަންނަވާނެ ކަމަށް ވެސް މުޝައްރަފް ވިދާޅުވި އެވެ. ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގައި މުޝައްރަފުގެ ބައިވެރިވުމެއްވާ ކަމަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ވިދާޅުވީ ކޯޓަށް ވަޑައިގެން ޝަރީއަތާ ކުރިމަތިލައްވަން މިހާރު ތައްޔާރު ކަމަށެވެ. އަދި އެއީ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ކޮންޓްރޯލް ކޯޓުތަކަށް މިހާރު ނޯންނާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.