Roadha Mihaaru
މުޝައްރަފް އުޅުއްވަނީ ބުއްޓޫގެ މަރުގެ ޝަރީއަތަށް ފިއްލަވައިގެން

މުޝައްރަފް އުޅުއްވަނީ ބުއްޓޫގެ މަރުގެ ޝަރީއަތަށް ފިއްލަވައިގެން

01 ސެޕްޓެމްބަރ 2017

އިސްލާމްއާބާދު (ސެޕްޓެމްބަރު 1) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފަކީ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ބުނެ އޭނާގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އިސްލާމްއާބާދު (ސެޕްޓެމްބަރު 1) - ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ ޕަރްވޭޒް މުޝައްރަފަކީ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ބުނެ އޭނާގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން އަމުރު ކޮށްފި އެވެ.

ބުއްޓޫ، 2007 ވަނަ އަހަރު އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މުޝައްރަފުގެ މައްޗަށް ވަނީ 2013 ވަނަ އަހަރު ދައުވާ ކޮށްފަ އެވެ. ނަމަވެސް މުޝައްރަފު އޭގެ ފަހުން ދިރިއުޅުއްވަނީ ގައުމުން ބޭރުގަ އެވެ.

ނަވާޒް ޝަރީފުގެ ވެރިކަން އަސްކަރީ ބަޣާވާތެއްގައި 1999 ވަނަ އަހަރު ވައްޓާލުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުޝައްރަފް ވަނީ 2001 އިން 2008 އަށް ޕާކިސްތާނުގައި ރައީސްކަން ކުރައްވައިފަ އެވެ. އޮގަސްޓް 2008 ގައި އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވި އެވެ. އެނބުރި ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ އިންތިޚާބަށެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން، ބޭސް ފަރުވާ އަށް ގައުމުން ބޭރަށް ދާން ސުޕްރީމް ކޯޓުން ހުއްދަ ދިން ފަހުން މުޝައްރަފް އުޅުއްވަނީ ދުބާއީގަ އެވެ.

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ މުޝައްރަފް. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިޔާ މުޝައްރަފް. --ފޮޓޯ:އޭއެފްޕީ

ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގައި ފަސް މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވެސް ކޯޓުން އިއްޔެ ވަނީ ނިންމައިފަ އެވެ. މި ފަސް މީހުންނަކީ ވެސް ތާލިބާން ޖަމާއަތަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް މުސްލިމް ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ދޯދިޔާކޮށް ގެންގޮސްފައިވާތީ ފުލުހުންގެ ދެ އޮފިސަރަކު ކުށްވެރިވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އަދި މިއިން ކޮންމެ އޮފިސަރަކަށް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާ 500،000 ރުޕީސް (4،700 ޑޮލަރު) އިން ޖޫރިމަނާކޮށްފަ އެވެ.

މިއީ ރާވަލްޕިންޑީގައި އިންތިޚާބީ ކެމްޕޭނުގައި އުޅުއްވަނިކޮށް ބަޑި އާއި ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާދީ ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރު ފަހުން އެ މައްސަލައިގައި ހުކުމެއް ކުރި ފުރަތަމަ ފަހަރެވެ. މުޝައްރަފުގެ ސަރުކާރުން ބުނެފައި ވަނީ ބުއްޓޫ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ ތާލިބާން ޖަމާއަތުގެ އިސް މެންބަރެއް ކަމަށްވާ ބައިތުﷲ މަސްއޫދު ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން އެކަން ދޮގު ކުރެ އެވެ. އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަސްއޫދު ވަނީ 2009 ވަނަ އަހަރު މަރާލައިފަ އެވެ.

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބުއްޓޫގެ ކެމްޕޭން ޕޯސްޓަރެއް. --ފޮޓޯ:އޭއެފްޕީ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބުއްޓޫގެ ކެމްޕޭން ޕޯސްޓަރެއް. --ފޮޓޯ:އޭއެފްޕީ

އދ. އިން 2010 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ މުޝައްރަފުގެ ސަރުކާރުން ބުއްޓޫ އަށް ސަލާމަތީ ގޮތުން އެކަށީގެންވާ ރައްކާތެރިކަން ދީފައި ނުވާ ކަމަށް ބުނެފަ އެވެ.

ބުއްޓޫ ވަނީ ޕާކިސްތާނުގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ 1988 އިން 1990 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން 1993 އިން 1996 އަށް އެކަމަނާ ވަނީ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. ބުއްޓޫ ވަނީ 1999 ވަނަ އަހަރު ޕާކިސްތާން ދޫކުރައްވައި ވަޑައިގެންފަ އެވެ. ނަމަވެސް އެކަމަނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަށް މުޝައްރަފުގެ ސަރުކާރުން މައާފް ދިނުމާ އެކު އޮކްޓޯބަރު 2007 ގައި ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. އަދި ވަނީ ޖެނުއަރީ 2008 ގެ އިންތިޚާބުގައި ވާދަކުރަން ނިންމަވައިފަ އެވެ. އެކަމަނާ ގައުމަށް ވަޑައިގަތުމުގެ އުފަލުގައި ކަރާޗީގައި ބޭއްވި ހަފުލާއަކަށް ބޮމުގެ ހަމަލާ ދިނުމުން ބުއްޓޫ ސަލާމަތްވީ ކިރިޔާ އެވެ. އެ ހަމަލާގައި 150 މީހުން މަރުވި އެވެ. އެކަމަނާ އަވަހާރަކޮށްލީ އޭގެ ދެ މަސް ފަހުންނެވެ. ބުއްޓޫ އަވަހާރަކޮށްލީ ޑިސެމްބަރު 27، 2007 ގަ އެވެ.