Roadha Mihaaru
ބުއްޓޫގެ މަރުގެ ޝަރީއަތާ ކުރިމަތިލާން ގައުމަށް ދާނަން

ބުއްޓޫގެ މަރުގެ ޝަރީއަތާ ކުރިމަތިލާން ގައުމަށް ދާނަން: މުޝައްރަފް

05 ސެޕްޓެމްބަރ 2017

ދުބާއީ (ސެޕްޓެމްބަރު 5) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތަށް އެނބުރި ގައުމަށް ދާނެ ކަމަށް އެ ގައުމުގެ އަޝްކަރީ ލީޑަރު ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދުބާއީ (ސެޕްޓެމްބަރު 5) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތަށް އެނބުރި ގައުމަށް ދާނެ ކަމަށް އެ ގައުމުގެ އަޝްކަރީ ލީޑަރު ޕަރްވޭޒް މުޝައްރަފް ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިހާރު ދިރިއުޅުއްވާ މުޝައްރަފް މިހެން ވިދާޅުވީ ބުއްޓޫގެ މަރާ ގުޅިގެން ތުހުމަތުތަކެއްކޮށް އޭނާ ޝަރީއަތަށް ހާޒިރުކުރަން ބޭނުންވެފައި ވަނިކޮށެވެ. ރާވަލްޕިންޑީގެ އެންޓި ޓެރަރިޒަމް ކޯޓުން އެންމެ ފަހުން ބުނެފައި ވަނީ މުޝައްރަފަކީ ބުއްޓޫގެ ޝަރީއަތަށް ފިލައިގެން އުޅޭ މީހެއް ކަމަށެވެ. އަދި މުޝައްރަފުގެ މުދާތައް ހިފެހެއްޓުމަށް ކޯޓުން ވަނީ އަމުރު ނެރެފަ އެވެ.

"އަޅުގަނޑުގެ ސިއްހީ ހާލަތު ރަނގަޅުވިހާ އަވަހަކަށް ބުއްޓޫގެ ޝަރީއަތަށް އެނބުރި ގައުމަށް ދާނަން. ބުއްޓޫގެ މަރުގެ މައްސަލައިގައި އަޅުގަނޑު ވަނީ ފްރޭމްކޮށްފައި. އެއީ އަޅުގަނޑާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން. އެކަމަކު ސިޔާސީ ގޮތުން އަޅުގަނޑު ވަނީ އެ މައްސަލައިގެ ޝިކާރައަކަށް ހަދާފައި،" މުޝައްރަފް ނެރުއްވި ބަޔާނެއްގައި ބުނެފައިވެ އެވެ.

ބުއްޓޫ، 2007 ވަނަ އަހަރު އަވަހާރަކޮށްލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މުޝައްރަފުގެ މައްޗަށް ވަނީ 2013 ވަނަ އަހަރު ދައުވާ ކޮށްފަ އެވެ. ނަމަވެސް މުޝައްރަފު އޭގެ ފަހުން ދިރިއުޅުއްވަނީ ގައުމުން ބޭރުގަ އެވެ.

ނަވާޒް ޝަރީފުގެ ވެރިކަން އަސްކަރީ ބަޣާވާތެއްގައި 1999 ވަނަ އަހަރު ވައްޓާލުމަށް ފަހު ވެރިކަމަށް ވަޑައިގެންނެވި މުޝައްރަފް ވަނީ 2001 އިން 2008 އަށް ޕާކިސްތާނުގައި ރައީސްކަން ކުރައްވައިފަ އެވެ. އޮގަސްޓް 2008 ގައި އިސްތިއުފާ ދެއްވުމަށް ފަހު ގައުމު ދޫކުރައްވާ ވަޑައިގެންނެވި އެވެ. އެނބުރި ވަޑައިގެންނެވީ 2013 ވަނަ އަހަރުގެ އިންތިޚާބަށެވެ. ނަމަވެސް އޭގެ ތިން އަހަރު ފަހުން، ބޭސް ފަރުވާ އަށް ގައުމުން ބޭރަށް ދާން ސުޕްރީމް ކޯޓުން ހުއްދަ ދިން ފަހުން މުޝައްރަފް އުޅުއްވަނީ ދުބާއީގަ އެވެ.

މުޝައްރަފުގެ ސަރުކާރުން ބުނެފައި ވަނީ ބުއްޓޫ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ ތާލިބާން ޖަމާއަތުގެ އިސް މެންބަރެއް ކަމަށްވާ ބައިތުﷲ މަސްއޫދު ކަމަށެވެ. ނަމަވެސް އެ ޖަމާއަތުން އެކަން ދޮގު ކުރެ އެވެ. އެމެރިކާގެ ޑްރޯން ހަމަލާއެއްގައި މަސްއޫދު ވަނީ 2009 ވަނަ އަހަރު މަރާލައިފަ އެވެ.

އދ. އިން 2010 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ މުޝައްރަފުގެ ސަރުކާރުން ބުއްޓޫ އަށް ސަލާމަތީ ގޮތުން އެކަށީގެންވާ ރައްކާތެރިކަން ދީފައި ނުވާ ކަމަށް ބުނެފަ އެވެ.

ބުއްޓޫ ވަނީ ޕާކިސްތާނުގައި ދެ ފަހަރެއްގެ މަތިން ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. އެންމެ ފުރަތަމަ 1988 އިން 1990 ވަނަ އަހަރާ ހަމައަށެވެ. އޭގެ ފަހުން 1993 އިން 1996 އަށް އެކަމަނާ ވަނީ ބޮޑު ވަޒީރުކަން ކުރައްވައިފަ އެވެ. ބުއްޓޫ ވަނީ 1999 ވަނަ އަހަރު ޕާކިސްތާން ދޫކުރައްވައި ވަޑައިގެންފަ އެވެ. ނަމަވެސް އެކަމަނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކަށް މުޝައްރަފުގެ ސަރުކާރުން މައާފް ދިނުމާ އެކު އޮކްޓޯބަރު 2007 ގައި ވަނީ އެނބުރި ގައުމަށް ވަޑައިގެންފަ އެވެ. އަދި ވަނީ ޖެނުއަރީ 2008 ގެ އިންތިޚާބުގައި ވާދަކުރަން ނިންމަވައިފަ އެވެ. އެކަމަނާ ގައުމަށް ވަޑައިގަތުމުގެ އުފަލުގައި ކަރާޗީގައި ބޭއްވި ހަފުލާއަކަށް ބޮމުގެ ހަމަލާ ދިނުމުން ބުއްޓޫ ސަލާމަތްވީ ކިރިޔާ އެވެ. އެ ހަމަލާގައި 150 މީހުން މަރުވި އެވެ. އެކަމަނާ އަވަހާރަކޮށްލީ އޭގެ ދެ މަސް ފަހުންނެވެ. ބުއްޓޫ އަވަހާރަކޮށްލީ ޑިސެމްބަރު 27، 2007 ގަ އެވެ.