Roadha Mihaaru
ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ މާފުކޮށްފި

ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް މާފުކޮށްދެއްވައިފި

18 މާޗް 2020

ކޮވިޑް ބައްޔާ ގުޅިގެން، ރާއްޖޭގައި ވެސް މި ދުވަސްވަރު އެންމެ ގިނައިން މީހުން ބޭނުންކުރާ ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް ބައްޔާ ގުޅިގެން، ރާއްޖޭގައި ވެސް މި ދުވަސްވަރު އެންމެ ގިނައިން މީހުން ބޭނުންކުރާ ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވައިފި އެވެ.

ސާޖިކަލް މާސްކްގެ ޑިއުޓީ އަށް ކަސްޓަމްސް އިން ނަގަމުން އައީ 15 ޕަސެންޓެވެ. ސެނިޓައިޒާގެ ޑިއުޓީ އަށް ނެގީ 10 ޕަސެންޓެވެ.

ކަސްޓަމްސް އިން ބުނީ މިއަދުން ފެށިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތުގައި، އަމިއްލަ ވިޔަފާރިތަކުން ރާއްޖެ އެތެރެކުރާ މާސްކާއި ސެނިޓައިޒާ އިން ޑިއުޓީ އާއި އެފަދަ ތަކެތިން ނަގާ ޕްރޮސެސިސް ފީ މައާފްކޮށް ދެއްވަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް އެ މަނިކުފާނު ނިންމެވީ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނު ބުނާގޮތުން ބައެއް ބާވަތުގެ ކަންކަމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ މައާފް ކުރުމުގެ ބާރު ރައީސަށް އޮންނާނެ އެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށުމާ އެކު، މާލޭގައި ގިނަ ބަޔަކު މާސްކާއި ސެނިޓައިޒާ ގިނަ އަދަދަކަށް ގަނެ، ބައެއް ފިހާރަތަކުން މާސްކް ވެސް ހުސްވެ އަދި އަގު ވެސް އުފުލިގެން ދިޔަ އެވެ. އަދި ފަހުން އެސްޓީއޯ އިން އެ ތަކެތި ވިއްކަން ފެށީ ކޮޮންޓްރޯލް ކޮށްގެންނެވެ. އެކަމަކު ސިއްހީ ތަޖްރިބާކާރުން ލަފާ ދެމުން ދިޔައީ ބަލި މީހުންނާއި އޭގެ އަލާމާތްތައް ހުރި މީހުން ފިޔަވައި، އެހެން މީހުން މާސްކް ނޭޅުމަށެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން ފެނިފައިވާ އިރު، އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު މިހާތަނަށް ނުހިމެނެ އެވެ. އެކަމަކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބައެއް ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށް އަދި ފަތުރުވެރިން ރަށްރަށަށް އެރުވުން ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި އޮފީސްތައް ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.