Roadha Mihaaru
މެލޭޝިއާ އިން 200 ދިވެހިން ރާއްޖެ ގެނެސްފި

މެލޭޝިއާ އިން 200 ދިވެހިން ރާއްޖެ ގެނެސްފި

08 އެޕްރީލް 2020

މެލޭޝިއާގައި ނާދެވި ތިބި 200 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މެލޭޝިއާގައި ނާދެވި ތިބި 200 ދިވެއްސަކު މިއަދު ހެނދުނު ރާއްޖެ ގެނެސްފި އެވެ.

މޯލްޑިވިއަންގެ ރެސްކިއު ފްލައިޓެއްގައި އެ މީހުން ރާއްޖެ ގެނެސް، ހަމަޖައްސާފައިވާ އުސޫލުން ގެންދާނީ ކަރަންޓީން ފެސިލިޓީއަށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމާފައިވަނީ ޓޫރިސްޓު ވިސާގައި އަންނަ މީހުން ފިޔަވައި އެހެން އެންމެން ކަރަންޓީން ކުރާށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މެލޭޝިއާ އިން ރާއްޖެއަށް މީހުން އައުން މަނާކޮށްފަ އެވެ. އަދި މެލޭޝިއާގައި ވެސް، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުން ދާތީ މީހުން ބޭރުގައި އުޅުން ކޮންޓްރޯލްކޮށް ވައިގެ ދަތުރުތައް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ.

ދިވެހިން ބަލައި ދިޔަ މޯލްޑިވިއަންގެ ދަތުރުގައި، އެ އެއާލައިނުން ވަނީ ރާއްޖޭގައި ތިބި މެލޭޝިއާގެ 30 މީހަކު ވެސް ގެންގޮސްދީފަ އެވެ. އަދި އެ ގައުމުގައި ތިބި ދިވެހިންނަށް ބޭނުންވާ ބައެއް ތަކެތި ފޮނުވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވެ އެވެ.

މެލޭޝިއާގެ އިތުރުން އިންޑިއާގެ ކޮޗިން އިން 188 މީހުން އަދި ސްރީ ލަންކާ އިން 100 ދިވެހިން ވެސް ރާއްޖެ ގެނެސްފައި ވެ އެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ ހުއްދަ ލިބޭ ވަރަކުން އެހެން ގައުމުތަކުން ވެސް ދިވެހިން ގެންނާނެ ކަމަށެވެ.