Roadha Mihaaru
ވަކި އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ފަށަނީ

ވަކި އުސޫލުތަކެއްގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދަން ފަށަނީ

09 އެޕްރީލް 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވިޔަސް، ވަކި އުސޫލުތަކެއްގެ ތެރެއިން ހުރިހާ ކޯޓުތަކެއްގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވިޔަސް، ވަކި އުސޫލުތަކެއްގެ ތެރެއިން ހުރިހާ ކޯޓުތަކެއްގެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ، ކޯޓުތަކުން ވެސް ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ޝަރީއަތްތައް ފިޔަވައި އެހެން ޝަރީއަތްތައް އޮތީ މަޑުޖައްސާލައިފަ އެވެ.

ޖޭއެސްސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޯޓުތަކުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ދަށު ކޯޓުތަކާއި އިސްތިއުނާފީ ކޯޓުތަކުން ވެސް ވަކި އުސޫލުތަކެއް އެކުލަވާލައި، އެ އުސޫލުތަކުގެ ދަށުން ޝަރީއަތްތައް ކުރިއަށް ގެންދަން އެންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އުސޫލުތަކާ އެއްގޮތަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދޭން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް އަންގަން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ކޯޓުތައް ހުޅުވައިގެން މަސައްކަތް ކުރުމުގައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް އޮންނާނެ ގޮތަށް ސަލާމަތީ ހުރިހާ ކަމެއް ބެހެއްޓުމަށް ޑީޖޭއޭ އަށް އަންގަން ވެސް ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި މެޖިސްޓްރޭޓް ކޯޓުތަކުން އަމަލުކުރާނެ ގޮތުގެ އުސޫލުތައް ޑީޖޭއޭ އިން ކަނޑައެޅުމަށް އަންގަން ނިންމި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ވަކި އުސޫލުތަކެއްގެ ތެރެއިން ޝަރީއަތްތައް ފަށަން އަންގަން ޖޭއެސްސީން ނިންމިއިރު، ސުޕްރީމް ކޯޓުން އިއްޔެ ވަނީ މިދުވަސްވަރު ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތްތައް ކުރިއަށް ގެންދިއުމާ ބެހޭ ޚާއްސަ ގަވާއިދެއް އެކުލަވާލައި، އެ ގަވާއިދަށް އަމަލުކުރަން ފަށައިފަ އެވެ. އަދި ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ގެންދިއުމާ ބެހޭ ގޮތުން ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގައި އޮތް ބަޔަށް އަމަލު ކުރުން ވެސް ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް މަޑުޖައްސާލިޔަސް، އޮންލައިންކޮށް މައްސަލަ ހުށަހެޅުމާއި ބަލައިގަތުމުގެ އިތުރުން ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތައް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ހިމެނެ އެވެ.