Roadha Mihaaru
ޖޭއެސްސީގެ މެމްބަރުން ވަކާލާތު ކުރުން: މައްސަލައެއް

ޖޭއެސްސީގެ މެމްބަރުން ވަކާލާތު ކުރުން: މަސްލަހަތު ފުށުއަރާ ކަމެއް

10 ނޮވެމްބަރ 2016

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ސުލޫކާ ޚިލާފްވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން އޮންނަ ކޮމިޝަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާ މެދު އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ރޯލެެއް އަދާކުރާ ފަރާތެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމާއި ސުލޫކާ ޚިލާފްވާ ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅަން އޮންނަ ކޮމިޝަނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޝަރުއީ ނިޒާމާއި ފަނޑިޔާރުންނާ މެދު އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ރޯލެެއް އަދާކުރާ ފަރާތެވެ.

ކޯޓުތަކާއި ފަނޑިޔާރުންނާ ދޭތެރޭ އެކި ތުހުމަތުތައް ކުރަމުން ދާއިރު ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީގެ މެމްބަރުން ކޯޓުތަކަށް ވަކާލާތުކުރަން ދިއުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބައެއް މީހުން ދެކެ އެވެ. އޭރުން ކޯޓުގައި މައްސަލަ ބަލަން އިންނަވާ ފަނޑިޔާރަކު ޖޭއެސްސީގެ އެ މެމްބަރު ދެކެ "ޖެހިލުންވެ" އިންސާފުވެރިކަމާ އެކު މައްސަލަ ނިންމަން ދަތިވާނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ. ޚާއްސަކޮށް މިއީ ގާނޫނީ ބައެއް ބޭފުޅުންގެ ކަންބޮޑުވުމެކެވެ.

މިސާލަކަށް ޖޭއެސްސީގެ މެމްބަރަކު ވަކާލާތުކުރާ މައްސަލައެއްގައި އެ މެމްބަރު ވަކާލާތުކުރާ ކޮޅަށް ފަނޑިޔާރަކު މައްސަލަ ނިންމައިފި ނަމަ، އަނެއް ކޮޅުގައި ހިމެނޭ ފަރާތުން ތުހުމަތުކުރާނީ އެގޮތަށް ހުކުމް އައީ ޖޭއެސްސީގެ މެމްބަރު ދެކެ ފަނޑިޔާރު ޖެހިލުންވެގެން ކަމަށެވެ. ނުވަތަ އެ މެމްބަރު ކޮންމެވެސް ނުފޫޒެއް ބޭނުންކޮށްގެން އެގޮތަށް ހުކުމްކުރުވީ ކަމަށެވެ. ފަނޑިޔާރު އެ ނިންމުން ނިންމީ ކިިތަންމެ ރަނގަޅަކަށް ކަމަށް ވިޔަސް އެ ހާލަތުގައި ފަނޑިޔާރުގެ ނިންމުމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އަނެއް ފަރާތަށް ލިބުނީ އެވެ.

ޖޭއެސްސީ އެކުލެވިފައި އޮތް ގޮތުން އެކި ހައިސިއްޔަތުން އެ ކޮމިޝަންގައި މެމްބަރުން ތިބެ އެވެ. ތިން މަރުހަލާގެ ކޯޓުތަކުން ތިން ފަނޑިިޔާރުންނާއި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެމްބަރަކާއި ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މީހަކު ކޮމިޝަންގައި ހިމެނެ އެވެ.

އެ މެމްބަރުންގެ ތެރެއިން އަމިއްލަ ހައިސިއްޔަތުން އާންމުކޮށް ކޯޓުތަކުގައި ވަކާލާތުކުރައްވާ ކަމަށް ފާހަގަވަނީ އެކި ދުވަސްވަރު އެ ކޮމިޝަންގައި އިންނަވާ ރައީސްގެ މެމްބަރާއި މަޖިލީހުން ކަނޑައަޅާ މެމްބަރާއި ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލާއި އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުންނަ މެމްބަރެވެ. އެކި ދުވަސްވަރު އެ މަގާމުތަކުގައި ތިއްބަވަނީ އާންމުކޮށް ވަކީލުކަމުގެ ހުއްދަ އޮންނަ ބޭފުޅުންނެވެ. އެހެންވެ، އަމިއްލަ މީހުންގެ މައްސަލަތަކުގައި އޭގެ ތެރެއިން ބައެއް ބޭފުޅުން ކޯޓުތަކުގައި ވަކާލާތުކޮށްދެއްވަ އެވެ.

އާ ގާނޫނު އަސާސީ އައުމާ އެކު މިހާރު އޮތް ގޮތަށް ޖޭއެސްސީ އުފެދުނު ފަހުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިކަން މިގޮތަށް ހިނގަ އެވެ. މިހާރު ޖޭއެސްސީގައި ތިއްބެވި ބައެއް މެމްބަރުން އަމިއްލަ ފަރާތްތަކުގެ މައްސަލަތަކުގައި އާންމުކޮށް ކޯޓުތަކަށް ވަޑައިގެން ވަކާލާތުކުރައްވަ އެވެ. އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނަސް، ގާނޫނު އެކަން މަނަލެއް ނުކުރެ އެވެ. މައްސަލައަކީ މިއީ އެވެ.

ދެ ކޯޓެއް ހިނގާ ޖަސްޓިސް ބިލްޑިން: ޖޭއެސްސީ މެމްބަރުން ކޯޓުތަކުގައި ވަކާލާތު ކުރުން އާންމު -މިހާރު ފޮޓޯ/ނިޝާން އަލީ

ދެ ކޯޓެއް ހިނގާ ޖަސްޓިސް ބިލްޑިން: ޖޭއެސްސީ މެމްބަރުން ކޯޓުތަކުގައި ވަކާލާތު ކުރުން އާންމު -މިހާރު ފޮޓޯ/ނިޝާން އަލީ

މުސްތަގިއްލުކަން ގެއްލޭ ކަމެއް ކުރެވޭ ގޮތަށް އޮތުން ރަނގަޅެއް ނޫން

ޖޭއެސްސީގެ މެމްބަރެއްގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ އެއްވެސް ކަމެއް އެ ކޮމިޝަންގެ މެމްބަރުން ކޮށްގެން ނުވާނެ ކަމަށް ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވެ އެވެ. އެކަމަކު އެ ކޮމިޝަންގެ މެމްބަރުން ވަކީލުންގެ ގޮތުން ކޯޓުތަކުގައި ވަކާލާތުކުރުން ކޮމިޝަންގެ ގާނޫނު އަދި ގަވާއިދުތައް ވެސް ކަނޑައެޅިގެން މަނަލެއް ނުކުރެ އެވެ.

އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނަކުން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކޮންމެ މީހަކަށް އޮތީ ދީފަ އެވެ. އެހެންވެ ޖޭއެސްސީގެ މެމްބަރުން ކޯޓުތަކުގައި ވަކާލާތު ކުރަން ގާނޫނީ ހުރަހެއް ނެތެވެ. ޖޭއެސްސީ މެމްބަރުން ވަކީލުންގެ ގޮތުން ބަލައިގަންނަން އުނދަގޫ ވިޔަސް އެކަން ނުހުއްޓުވެނީ އެ ސަބަބާ ހެދި އެވެ.

ރާއްޖޭގައި މިވަގުތު ލީގަލް ޕްރޮފެޝަންގެ ގާނޫނެއް ނެތެވެ. އެހެންވެ، ގާނޫނީ ދާއިރާގައި ހަރަކާތްތެެރިވާ މީހުންނާއި ވަކީލުން އެ މީހުންގެ މަސްލަހަތު ފުށުއަރާ ކަންކަމުގައި އަމަލުކުރާނެ ވަކި އުސޫލެއް ނުގެންގުޅެ އެވެ. ވަކީލުންގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލާފައި އޮތަސް މިފަދަ ކަންކަން މަނަލެއް ނުކުރެ އެވެ. މިއީ ލީގަލް ޕްރޮފެޝަންގެ ގާނޫނެއް ނެތުމުން ދިމާވާ މައްސަލަތަކެވެ. އެކަމަކު ލީގަލް ޕްރޮފެޝަންގެ ގާނޫނެއް ހެދުމުގެ މަސައްކަތް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.

ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގާނޫނުގައި އެކަން މަނާ ނުކުރިޔަސް އެއީ އަމިއްލައަށް ފެނިގެން ހުއްޓާލަން ޖެހޭ ކަމެކެވެ. ޖޭއެސްސީގެ މެމްބަރަކު ކޯޓުގައި ވަކާލާތުކުރައްވާ ނަމަ އެއީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށާއި ޝަރީއަތް ކާމިޔާބުކުރަން ބޭނުންކުރާ "އުކުޅެއް"ގެ ގޮތުގައި އެ މެމްބަރަކު ވަކީލަކަށް ހަމަޖެއްސުމުގެ ފުރުސަތު އޮތް ކަމަށް، ގާނޫނީ ބައެއް ބޭފުޅުން ދެކެވަޑައިގަނެ އެވެ.

"ޖޭއެސްސީ މެމްބަރަކު ކޯޓަށް ދަންޏާ އެންމެން ވެސް ބޭނުންވާނެ އެ މީހަކާ މައްސަލަ ހަވާލުކޮށްގެން ކާމިޔާބުކުރެވޭ ގޮތް ހަދަން. އޭރުން މީހުން ގަބޫލުކުރާނެ މީނައަށް މި މައްސަލަ ކާމިޔާބުވާނެއޭ،" ނަން ނުޖަހަން ޝަރުތުކޮށް ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

"ކޮންމެހެން ގާނޫނެއް އޮތުމެއް ނުވަތަ ނެތުމެއް ނޫން މި މައްސަލައަކީ. ޖޭއެސްސީގައި ތިބެގެން ވަކާލާތު ކުރަންޏާ އެއީ އެތިކްސްއާ ޚިލާފް ކަންކަން. އެންމެން ވެސް ބަލަނީ އެތިކްސަށް ވުރެ ބޮޑަށް ފައިސާ އާއި އެހެން ކަންކަމަށް. ގާނޫނެއް ނެތަސް ޕްރޮފެޝަނެއް ވިއްޔާ ހުންނަން ޖެހޭ އެ މީހަކު އަމިއްލައަށް ގަބޫލުކުރަން ޖެހޭ މަސައްކަތުގެ އަޚްލާގެއް. ރާއްޖޭގައި މިއިން ކަމެއް ނޯވޭ."

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޚިޔާލު ކޮންމެވެސް ވަރަކަށް ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޖޭއެސްސީގެ މެމްބަރުން ކޯޓުތަކުގައި ވަކާލާތުކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫނެވެ. އެކަމަކު ޖޭއެސްސީ މެމްބަރުން ކޯޓުތަކުގައި ވަކާލާތުކުރެއްވުން ރަނގަޅު ކަމަކަށް ނުވަނީ ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ކަމަށް އޭނާ ވިދާޅުވެ އެވެ.

"ރަނގަޅު ގާނޫނީ ޕޮއިންޓްތަކަށް ނޫނީ ގާނޫނީ ބަހުސްތަކަށް ބިނާކޮށް މައްސަލަތައް ނިންމާ ނަމަ އެކަމުގައި މައްސަލައެއް ނެތް. އެކަމަކު އެހެންނެއް ނޫން މިހާރު މި އޮތީ. ޖުޑިޝަރީއާ މެދު ރައްޔިތުންގެ އިތުބާރު ނެތުމުން މި ނިޒާމަށް އިތުބާރު ހޯދުމަށްޓަކައި މި ޖެހެނީ ޖޭއެސްސީގެ މެމްބަރުން މައްސަލަތަކުގައި ވަކާލާތު ކުރުމުން ދުރުވާން،" މިހާރު ސްރީ ލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ޝަމީމް ވިދާޅުވި އެވެ.

"އެހެންވެ މިހާރު ހާލަތު އޮތް ގޮތުން އެންމެ ރަނގަޅު ވާނީ އަމިއްލައަށް އެކަން ހުއްޓާލުން."

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޝަރުއީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބެންދެން ޖޭއެސްސީ މެމްބަރުން ކޯޓުތަކުގައި ވަކާލާތުކުރެއްވުން އަމިއްލައަށް ހުއްޓާލައްވަންވީ އެވެ. ކޮންމެހެން އެކަން މަނާކުރުން މުހިންމު ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެކަމަށް ހުއްޓުމެއް ގެންނަން ބޭނުން ނަމަ އެކަން ކުރެވެން އޮތީ ލީގަލް ޕްރޮފެޝަންގެ ގާނޫނެއް އައިސް، އެކަން މަނާކުރުން ނުވަތަ ޖޭއެސްސީގެ ގާނޫނަށް ބަދަލު ގެނެސްގެންނެވެ. އެކަމަކު ޖޭއެސްސީގެ ގާނޫނަށް އެފަދަ ބަދަލެއް ގެންނާކަށް ނޫޅެ އެވެ. އެހެންކަމުން ލީގަލް ޕްރޮފެޝަންގެ ގާނޫނު ވުޖޫދަށް އަންނައިރު އެކަމަށް ވެސް ހައްލެއް ހޯދައިދިނުން ރަނގަޅެވެ.

ޝަރުއީ ނިޒާމަށް ތުހުމަތުގެ އިނގިލި އަމާޒުވަމުންދާ ދަނޑިވަޅެއްގައި، އެ ނިޒާމާ މެދު އިތުބާރު ދެމެހެއްޓުމުގެ މަސްއޫލިއްޔަތާ ހަވާލުވެ ތިއްބަވާ ޖޭއެސްސީގެ މެމްބަރުން ވިސްނަވަން ޖެހޭނެ ކަންކަން ވެސް ބައިވަރެވެ.