Roadha Mihaaru
ބަންދު ތެރޭ އިސްތިއުނާފް މުއްދަތު ނުހިނގާނެ: ހައިކޯޓު

ސަރުކާރު ބަންދުކުރި މުއްދަތުގައި ހައި ކޯޓުގެ އިސްތިއުނާފް މުއްދަތު ވެސް ނުހިނގާ ގޮތަށް ހަދައިފި

14 އެޕްރީލް 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ހައި ކޯޓުގެ އިސްތިއުނާފް މުއްދަތު ވެސް ނުހިނގާ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ހައި ކޯޓުގެ އިސްތިއުނާފް މުއްދަތު ވެސް ނުހިނގާ ގޮތަށް ހަމަޖައްސައިފި އެވެ.

ކޮވިޑް-19 ކޮންޓްރޯލްކުރަން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު އޮފީސްތައް ބަންދު ކުރުމުން އީމެއިލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމް ކޯޓުތަކުން އޮތީ ހަމަޖައްސައިފަ އެވެ. އެކަމާ ބެހޭގޮތުން ހައި ކޯޓުން ކުރިން އެކުލަވާލި އުސޫލު އޮތްގޮތުން ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި ވެސް އިސްތިއުނާފް މުއްދަތު ހިިނގަމުންދާނެ އެވެ.

އެ އުސޫލަށް އިސްލާހު ގެނެސް ހައި ކޯޓުން މިހާރު ނިންމާފައިވަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ ފަދަ މުހިންމު މައްސަލަތައް އީމެއިލް މެދުވެރިކޮށް ބަލައިގަންނަމުން ދިޔަޔަސް، އެ ނޫން މައްސަލަތައް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން އެ ކޯޓަށް ހުށަހެޅޭ ގޮތަށެވެ. އަދި ސަރުކާރު ބަންދު ކޮށްފައިވާ ދުވަސްތަކުގައި އެފަދަ މައްސަލަތަކުގެ އިސްތިއުނާފް މުއްދަތު ނުހިނގާނެ ކަމަށް އެ އިސްލާހުގައިވެ އެވެ.

ހައި ކޯޓުން އެގޮތަށް ހަމަޖެއްސީ މިދުވަސްވަރު ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ސުޕްރީމް ކޯޓުގެ އިސްތިއުނާފް މުއްދަތު ނުހިނގާ ގޮތަށް އެ ކޯޓުން ހަމަޖައްސާފައި ވަނިކޮށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮފީސްތައް ބަންދު ކޮށްފައި އޮތުމުން ކޯޓުތައް ބަންދުކުރިޔަސް، ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މައްސަލަތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދެ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 20 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ރާއްޖެއިން ބޭރުން އައި ދިވެހިންނެވެ.