Roadha Mihaaru

ޑީއާރުޕީން ދެ މިލިއަން ރުފިޔާގެ ދަރަނި ދައްކައިފި

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑީއާރުޕީން އެކި މީހުންގެ އަތުން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން ބަޔަކަށް ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޑީއާރުޕީން ދެ މިލިއަން ރުފިޔާގެ ދަރަނި ދައްކައިފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

15 އޮކްޓޯބަރ 2016

ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޑީއާރުޕީން އެކި މީހުންގެ އަތުން ދަރަންޏަށް ނަގާފައިވާ ފައިސާގެ ތެރެއިން ބަޔަކަށް ދައްކަން ޖެހޭ 2.2 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޑީއާރުޕީ ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ 2.2 މިލިއަން ރުފިޔާ ދެއްކީ އިންތިހާބުގެ ކެމްޕޭންގައި ކުރި ހަރަދަކަށް ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް އަދި އެ ފައިސާ ދެއްކީ ކޮން ބަޔަކަށް ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑީއާރުޕީން އެ ދަރަނި ހަލާސްކުރީ ހެޔޮއެދޭ ފަރާތަކުން ދިން ފައިސާ އިންނެވެ. އަދިވެސް އެ ޕާޓީގެ ދަރަންޏާ ގުޅޭ ފަސް މައްސަލައެއް އެބައޮތް ކަމަށާއި އެ ދަރަނިތައް ވެސް ވަރަށް އަވަހަށް އަދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ހުރިހާ ދަރަންޏެއް ހަލާސްކޮށް ނިންމާނަން،" ނަޝީދު ވިދާޅުވި އެވެ.

ފަހުން ފައިސާ ދައްކާ ގޮތަށް 2008 ގެ ކެމްޕޭންގައި ޑީއާރުޕީން އެކި ކަންކަން ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަށް ފައިސާ ނުދީގެ ކޯޓަށް ވެސް ގިނަ މައްސަލަތަކެއް ހުށަހަޅާފައިވެ އެވެ.

ޑީއާރުޕީ އަކީ ކުރީގެ ރައީސް އަދި މިހާރު ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީން އެ މަނިކުފާނު ވަކިވެވަޑައިގަތީ 2008ގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ޕާޓީ ތެރޭގައި މައްސަލަ އުފެދި ދެ ފަޅިވުމުންނެވެ.

ޑީއާރުޕީ ތެރޭގައި މައްސަލަ އުފެދުނީ މައުމޫން އެއްފަރާތްވެވަޑައިގެން، އެ ޕާޓީގެ ލީޑަޝިޕް ހަވާލުކުރާނެ ބޭފުޅަކާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އޭރު ޕާޓީ ހިންގެވުމާ ހަވާލުވެ ހުންނެވީ ކުރީގެ ހޯމް މިނިސްޓަރު އަދި 2008ގެ އިންތިހާބުގައި މައުމޫންގެ ރަނިން މޭޓަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ އެވެ. ފަހުން އޭނާ ވެސް ވަނީ ޑީއާރުޕީން ވަކިވެވަޑައިގެން އިދިކޮޅު އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.