Roadha Mihaaru
ގާނޫނާ ޚިލާފުވާން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު

ތަޅުމުގައި ޖަލްސާ ބޭއްވުމާ މެދު އެމްޑީޕީގެ މެމްބަރުން ދެބައި ވެފައި

26 މެއި 2020

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮއްވައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، ހިޔާލު ތަފާތުވެ، ޖަލްސާއަށް ހާޒިރުވާން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮއްވައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި ރައްޔިތުންގެ މަޖިލީހުގައި ޖަލްސާއެއް މާދަމާ ބާއްވަން މަޖިލީހުގެ ރައީސް އަދި ކުރިގެ ރައީސް މުހައްމަދު ނަޝީދު ނިންމެވުމުން، ހިޔާލު ތަފާތުވެ، ޖަލްސާއަށް ހާޒިރުވާން އެމްޑީޕީގެ ބައެއް މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

ބަލިން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ލޮކްޑައުންކޮށްފައި ވަނިކޮށް، މަޖިލީހުގައި ޖަލްސާއެއް ބާއްވަން ނަޝީދު ނިންމެވީ، ލޮކްޑައުންއާ މެދު ގޮތެއް ނިމެންދެން ޖަލްސާތައް ނުބާއްވަވައި ހުންނެވެން ނެތް ކަމަށް ވިދާޅުވެ އެވެ. މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު ވިދާޅުވީ ޖަލްސާތައް މަޖިލީހުގައި ކުރިއަށް ގެންދާނެ ކަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް އަންގަވާފައިވާނެ ކަމަށެވެ.

އެކަމަކު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޖަލްސާއާ ގުޅޭ ގޮތުން މަޖިލީހުން ފޯން ކޯލެއް ކުރިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ޖަލްސާތައް ބޭއްވުމާ މެދު ރަސްމީ ހުށަހެޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ހާލަތުގައި ބޭރަށް ނުކުމެ އުޅެވޭނީ އެކަމަށް ޚާއްސަ ހުއްދަ ހޯދައިގެންނެވެ. މައިމޫނާ ނެރުއްވި މި އަމުރަށް އާއްމުން ތަބާވަމުން ދަނިކޮށް، މަޖިލީހުގެ މެމްބަރުން އެ އަމުރާ ޚިލާފުވުމަކީ ގޯހެއް ކަމަށް 65 މެމްބަރުންނާ އެކު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އެއް މެމްބަރަކު "މިހާރު" އަށް ވިދާޅުވީ ނަޝީދުގެ ނިންމެވުމާ ދެކޮޅު ހައްދަވަން ކެރިވަޑައިނުގަންނަވާ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ތިއްބެވީ ޖަލްސާ އަށް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ކަމަށެވެ. އެކަމަކު، އެ ގޮތަށް ޖަލްސާ ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމުގެ ކަންބޮޑުވުންތަކާ އެކު ބައެއް މެމްބަރުން އެކަމާ ދެކޮޅު ހައްދަވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ނުރުހޭ އަމުރާ ޚިލާފުވެ މަޖިލީހުގައި ޖަލްސާތައް ބާއްވަން. އެ ދާއިރާތަކުގެ ރައްޔިތުން ލޮކްޑައުން އަށް ތަބާވެ ބަންދުގައި ތިބިއިރު، މެމްބަރުން މަގުމައްޗަށް ނުކުމެ ޖަލްސާތައް ބާއްވައި ހެދުން ގަބޫލެއް ނުކުރޭ،" އޭނާ ވިދާޅުވި އެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ އެކު ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. މަސައްކަތް ކުރަނީ މުވައްޒަފުން ގޭގައި ތިބެގެންނެވެ. މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާއި ހޮޓާ/ރެސްޓޯރެންޓް/ކެފޭތަކަށް މީހުން ވައްދައިގެން ހިދުމަތް ދިނުން ވެސް ވަނީ ހުއްޓާލައިފަ އެވެ.

ސަރުކާރުގެ ގިނަ މުއައްސަސާތަކުގެ މަސައްކަތް މަޑު ޖެހިފައި އޮއްވައި، މަޖިލީސް ފަށައި ކުރިން ޖަލްސާތަކާއި ކޮމިޓީތައް ބާއްވަމުން އައީ އޮންލައިންކޮށެވެ. މި ގޮތަށް ބަދަލުކޮށް، ސީދާ މަޖިލީހަށް މެމްބަރުން ހާޒިރުވެވަޑައިގެން ދުރުދުރުގައި ތިއްބަވައިގެން ޖަލްސާ ކުރިއަށް ގެންދިއުމުގެ ވިސްނެވުމަށް ނަޝީދު މި ވަޑައިގަތީ، ކައުންސިލްތަކުގެ ދައުރު ދަންމާލަން، ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހުގެ މަސައްކަތާ ދިމާކޮށެވެ.

ވަޓްސްއެޕް ގުރޫޕްގައި އެ މަނިކުފާނު ވިދާޅުވީ، މާލަމުގައި މެމްބަރުން ހާޒިރުވެ ތިއްބަވައިގެން ނޫން ގޮތަކަށް ގާނޫނުއަސާސީ އަށް ބަދަލެއް ގެނައުން ރަނގަޅު ނޫން ކަމަށެވެ. ކުރިން ވެސް ނަޝީދު އެގޮތަށް ވާހަކަފުޅު ދެއްކެވި އެވެ.

ނަޝީދުގެ މި ނިންމެވުމާ ފާޅުގައި ދެކޮޅު ހެއްދެވި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މައިމޫނާގެ އަމުރަށް ތަބާވާން ޖެހޭ ކަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވެސް އަންގަވާފައި ވަނިކޮށް، ޖަލްސާތައް ނުބޭއްވޭނެ ކަމަށެވެ. ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނެރެފައިވާ އަމުރަކާ ޚިލާފު ނުވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހުން ދައުވާ ކޮށްފާނެ ކަމެއް ކުރަން "އަޅުގަނޑު ބޭނުމެއް ނޫން" ކަަމަށް ވިދާޅުވެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތުމަށް ރޮޒައިނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

"އެޗްޕީއޭގެ ހުއްދައާ ނުލައި ލޮކްޑައުން ބްރީޗްކޮށްފައި ގާނޫނުއަސާސީ އިސްލާހުކުރަން ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ގާނޫނާ ޚިލާފަށް މަޖިލީހަށް ގާނޫނީ އަމުރަކާ ޚިލާފުވާން ދިއުން މިއީ ކޮން ކަހަލަ ކަމެއްބާ؟،" ނަޝީދުގެ ނިންމެވުމަށް ސުވާލު އުފައްދަވައި ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވެސް ވިދާޅުވި ގޮތުގައި މެމްބަރުން ހާޒިރުވެވަޑައިގެން މަޖިލީހުގައި މާދަމާ ޖަލްސާއެއް ބޭއްވުން ވާނީ ގާނޫނާ ޚިލާފު އަމަލަކަށެވެ. މަޖިލީހުގެ ރައީސާއި މެމްބަރުން ވެސް ގާނޫނަށް ބޯލަނބަން ޖެހޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ގާނޫނަށް ތަބާވާން ޖެހޭ ތަނެއް. ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލްތަކާ އެއްގޮތަށް ހިންގަން ޖެހޭ ތަނެއް، ގާނޫނު ހަދާ މަޖިލީހުން ވެސް ގާނޫނަށް ބޯލަނބަން ޖެހޭނެ. އެކަކީ ވެސް ގާނޫނަށް ވުރެން މަތީގައި ހުންނަ މީހެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

އޭނާގެ ޓުވީޓުގައި މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގަތީ އެޗްޕީއޭގެ ހުއްދަ ލިބިގެން ޖަލްސާ ބޭއްވުމަށެވެ.

ޖަލްސާ ބޭއްވުމާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ އިރު، އެހެން ޕާޓީތަކާއި އަމިއްލަ މެމްބަރުން ވެސް ގެންދަވަނީ ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. އެޗްޕީއޭގެ އަމުރާ ޚިލާފުވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފުވުން ކަމަށް އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ލޮކްޑައުންއާ މެދު ގޮތެއް ނުނިންމަނީ މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ބޭއްވުމާ މެދު ނަޝީދު އުފެއްދެނީ އާދަޔާ ޚިލާފު މޮޅު ސުވާލެއް ކަމަށެވެ.

"މަނިކުފާނަށް އައްސަރިބަހާއި ސާބަސް،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ، މަޖިލިސް ބާއްވަން އެއްވެސް ފަރާތަކުން ހުރަސް އަޅާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަކީ މަޖިލީހުގެ ރައީސަށް ލަޒިމް ކަމެއް ކަމަށެވެ.

ގާނޫނު އަސާސީއަށް ސަރުކާރުން ހުށައެޅި އިސްލާހު އެޖެންޑާ މިކުރީ، ގާނޫނުއަސާސީ އިސްލާހް ނުކޮށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލުތަކެއް ހޯދުމަށް އެ ބިލްގައި އަތްނުލައި ގިނަ ދުވަސްތަކެއް ވަންދެން ބޭއްވުމަށް ފަހު އެވެ.މަޖިލިހުގައި ބަހުސް ކުރިއަށް ގެންދިޔައީ، ގާނޫނަކުން ކައުންސިލަރުންގެ ދައުރު ދަންމާލާ ގޮތަށެވެ. އެކަމަކު އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވަނީ މަޖިލީހަށް އަންގަވައިފަ އެވެ.