Roadha Mihaaru

ޖަވާބުދާރީވުމަށް އާމިރާ އަށް ފަސް ދުވަސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް އޭނާ އަށް ދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ޖަވާބުދާރީވުމަށް އާމިރާ އަށް ފަސް ދުވަސް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 ޖޫން 2020

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ފާތިމަތު އާމިރާ ވަކިކުރުމުގެ މައްސަލާގައި ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް އޭނާ އަށް ދޭން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ސީއެސްސީގެ މެމްބަރުކަމުން އާމިރާ ވަކި ކުރުމުގެ މަސައްކަތް ފަށަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވައި، ތަޅުމުގައި އެކަން އިއުލާން ކުރުމަށް ފަހު އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އަންނަނީ ދިރާސާ ކުރަމުންނެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ނިންމީ ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް ފަސް ދުވަހުގެ މުއްދަތެއް ލިޔުމުން ޖަވާބުދާރީވުމަށް އާމިރާ އަށް ދިނުމަށެވެ.

އާމިރާގެ އިތުރުން ސީއެސްސީގެ ދެން ތިއްބެވި މެމްބަރުން ކަމަށްވާ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރު ޒަކަރިއްޔާ މުހައްމަދުގެ އިތުރުން އިބްރާހިމް ޝަހީގް ވެސް ވަކިކުރަން އެ ކޮމެޓީން އޮތީ ކުރިން ނިންމައިފަ އެވެ. އެ ހަތަރު މެމްބަރުން ވަކިކުރުމުގެ މައްސަލަ ކުރިން ތަޅުމަށް ފޮނުވިޔަސް، އެ މައްސަލަ އޭރު ކޮމެޓީން ނިންމީ ކޮމެޓީގައި މަދު މެމްބަރުންތަކެއް ބައިވެރިވި ބައްދަލުވުމެއްގައި ކަމަށްވާތީ އެ މައްސަލަ އަނބުރާ ކޮމެޓީ އަށް އޮތީ ފޮނުވާލައިފަ އެވެ.

އެހެންވެ، ކޮމެޓީން މިހާރު ނިންމާފައިވަނީ އާމިރާ ވެސް ހިމެނޭ ގޮތުން ފަސް މެމްބަރުން ވަކި ކުރުމުގެ މައްސަލަ އެއްކޮށް ކޮމެޓީގައި ކުރިއަށް ގެންދިއުމަށެވެ. އެ މެމްބަރުން ވަކިކުރަން ކޮމެޓީން ނިންމީ ސީއެސްސީގެ އެއްބާރުލުން މިނިސްޓްރީތަކަށް ނުލިބޭ ކަމަށް ވަޒީރުން އެ ކޮމެޓީގައި ވިދާޅުވި މައްސަލަ ބެލުމަށް ފަހު އެވެ.

ސީއެސްސީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ވެސް މިހާރު ދަނީ ބަލަމުންނެވެ.